Advertisement
ކ. މާލެ
|
8 އޭޕްރިލް 2019 | ހޯމަ 15:34
ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި ގާސިމް އިބްރާހިމް
ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި ގާސިމް އިބްރާހިމް
މަޖިލިސް
ރައްޔިތުންގެ މަޖިލިސް
18 ވަނަ މަޖިލީހުގެ ފަހު ޖަލްސާތައް ހޯމަ ދުވަހު ފަށަނީ
އާ މަޖިލީހުގެ ޖަލްސާތައް ފަށާނީ ޖޫން މަހު

މިހާރު ހިނގަމުންދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހު ޖަލްސާތައް އަންނަ ހޯމަ ދުވަހު ފަށަން ނިންމައިފިއެވެ.

މަޖިލީހުގެ އިދާރާއިން ބުނީ އަންނަ ހޯމަ ދުވަހު މަޖިލީހުގެ ޖަލްސާތައް ފަށަން ނިންމީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުންގެ މަޝްވަރާގެ މަތިން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބުނެފައިވާ ގޮތުން މަޖިލީހުގެ ފުރަތަމަ ދައުރު ހިނގާނީ ފެބްރުއަރީ މަހުން ފެށިގެން އެޕްރީލް މަހުގެ ނިޔަލަށެވެ. އެހެންކަމުން މިހާރު ހިނގަމުންދާ މަޖިލީހުގެ އެންމެ ފަހު ޖަލްސާތައް ކުރިއަށް ދާނީ މި މަހުގެ 30ގެ ނިޔަލަށެވެ. އެ އަށް ފަހު، މަޖިލިސް ދާނީ ޗުއްޓީއަށެވެ.

އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ފަސް އަހަރުގެ ދައުރުގެ މުއްދަތު ހަމަވާނީ އަންނަ މަހުގެ 28 އަށެވެ. ބެލެވޭ ގޮތުގައި އިންތިހާބުވި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ހުވާ ކުރައްވާނީ އެ ދުވަހުއެވެ. މެމްބަރުން ހުވާ ކުރައްވާނީ އެކަމަށްޓަކައި ހާއްސަކުރާ މަޖިލީހުގެ ޖަލްސާއެއްގައެވެ.

އާ މަޖިލީހުގެ ޖަލްސާތައް ފަށާނީ މި އަހަރުގެ ޖޫން މަހުއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ހުވާގައި ބުނެފައި ވަނީ އިސްލާމް ދީނަށް ހުރުމަތްތެރިކޮށް ހިތައި، ގާނޫނުއަސާސީ އާއި ރައްޔިތުންގެ ހައްގުތައް ދެމެހެއްޓުމާ އެކު ގައުމަށް އިހްލާސްތެރިވުމަށެވެ. އަދި މެމްބަރެއްގެ ގޮތުން އަދާކުރަންޖެހޭ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް ގާނޫނުއަސާސީ އާއި ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކު އަދާކުރުމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް