Advertisement
ކ. މާލެ
|
8 އޭޕްރިލް 2019 | ހޯމަ 15:31
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އަދި އިންޑިއާގެ ބޮޑުވަޒީރު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އަދި އިންޑިއާގެ ބޮޑުވަޒީރު
ރައީސް އޮފީސް
ރާއްޖެ - އިންޑިއާ
އެމްޑީޕީން ހޯދި ކާމިޔާބީއާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ރައީސަށް ތަހުނިޔާ ވިދާޅުވެއްޖެ
އެމްޑީޕީއަށް ލިބުނު ކާމިޔާބަކީ ސަރުކާރަށް ރައްޔިތުން އިތުބާރުކުރާ މިންވަރުކަމަށް ވިދާޅުވި

ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވަރަށް ބޮޑު އަޣުލަބިއްޔަތަކުން ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ކެންޑިޑޭޓުން ކުރި ހޯއްދެވުމާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ފޯނުން ގުޅުއްވައި ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ބުނީ، ރައީސުލްޖުމްހޫރިއްޔާއަށް ގުޅުއްވައި އިންޑިއާގެ ބޮޑުވަޒީރު ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ނަތީޖާއިން ފެނިގެން އެ ދިޔައީ ދިވެހި ރައްޔިތުން މިހާރު މި އޮތް ސަރުކާރު ބަލައިގެންފައިވާ މިންވަރު ކަމަށް ވިދާޅުވި ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަށް އިސްކަން ދެއްވައިގެން މަސައްކަތް ކުރެއްވުމަށް ބޮޑުވަޒީރު އެދިވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. 

މީގެ އިތުރުން ނަރެންދުރަ މޯދީގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ދިވެހިރާއްޖެއަކީ އިންޑިއާ އާއި ވަރަށް ގާތް ޤައުމެއް ކަން ފާހަގަކުރައްވައި އެ ޤައުމުން އަބަދުވެސް ދިވެހި ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އިންޑިޔާގެ ބޮޑުވަޒީރު ފޯނުން ގުޅުއްވާލައްވައި، ހެޔޮ އެދިވަޑައިގަތުމުގެ ޝުޢޫރުތައް ފާޅުކުރެއްވީތީ، ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމުގައި ވިދާޅުވެ، ބޮޑުވަޒީރަށް ޝުކުރު އަދާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުމަށް އެމަނިކުފާނުގެ ޒަޢާމަތުގައި ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދެއްވާނެ ކަމަށާއި އިންޑިއާއަކީ އަބަދުވެސް ރާއްޖޭގެ ރަނގަޅު ރަހުމަތްތެރިއެއް ކަމުގައި ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މެދުކެނޑުމެއްނެތި އިންޑިއާއިން ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވައި އެކަމަށްޓަކައި ޝުކުރުއަދާކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

މަޖިލީސް އިންތިހާބުގައި ސަރުކާރު ހިންގާ މައި ޕާޓީއަށް 65 ގޮނޑި ލިބިފައިވާއިރު، މިއީ ސަރުކާރު ހިންގާ ޕާޓީއަކަށް މަޖިލީހުގެ އިންތިހާބުގެ އެންމެ ގިނަ ގޮނޑިތައް ލިބުނު ފަހަރު އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް