ސެޕްނިޝް ލަލީގާގައި ހޮނިހިރު ދުވަހު ކުޅުނު މެޗުތައް ރެއާލް މެޑްރިޑާއި ބާސެލޯނާއިން ކާމިޔާބު ކޮށްފިއެވެ.
ރެއާލް މެޑްރިޑް މެޗު ކާމިޔާބުކުރީ އެއިބަރ އާއި ވާދަކޮށް 1-2 ގެ ނަތީޖާ އަކުންނެވެ.
ރެއާލްގެ ދަނޑުގައި ކުޅުނު މިމެޗުގައި ދެ ޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، ފުރަތަމަ ހާފްގައި ރެއާލްއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފައެވެ.
ރެއާލްގެ ފަހަތަށް ބާރު ބޮޑުކޮށް އެއިބަރއިން ވަނީ މެޗުގެ 39 ވަނަ މިނެޓުގައި ލީޑް ނަގާފައެވެ. މި ލަނޑު ގޮންޒާލޯ އެސްކަލެންޓޭގެ އެހީތެރި ކަމާއެކު އެ ޓީމަށް ކާމިޔާބުކޮށް ދިނީ މާކް ކަޑޯނާއެވެ.
ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއަކުން އެއިބަރ ލީޑްގައި އޮވެގެންނެވެ.
ދެވަނަ ހާފް ފެށިގެން ރެއާލްއިން ކުޅުން ރަނގަޅު ކުރިއެވެ. އެގޮތުން މެޗުގެ 59 ވަނަ މިނެޓުގައި މާކޯ އެސެންސިއޯގެ އެހީތެރި ކަމާއެކު ކަރިމް ބެންޒެމާ ރެއާލްއަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ.
ބެންޒެމާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ރެއާލްގެ ފަރާތުން ފެނިގެންދިޔަ ދެވަނަ ލަނޑު މެޗުގެ 81 ވަނަ މިނެޓުގައި ކާމިޔާބުކޮށް ދިނީވެސް ކަރިމް ބެންޒެމާއެވެ. މި ލަނޑު އޭނާ ކާމިޔާބު ކޮށްފައި ވަނީ ގެރެތް ބޭލްގެ ބަދަލުގައި ކުޅެން އެރުވި ޓޯނީ ކުރޫސްގެ އެހީތެރި ކަމާއެކުއެވެ.
މި ލަނޑަށް ފަހުގައިވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ބެންޒެމާއަށް ލިބުނު ނަމަވެސް އެއިބާގެ ކީޕަރު ވަނީ ކުރިއަށް ނުކުމެ ބޯޅަ ހޯދާފައެވެ.
ރެއާލްގެ ކޯޗް ޒައިނުއްދިން ޒިދާން ޓީމާއި އަލުން ހަވާލުވިފަހުން އެ ޓީމު ކުޅުނު މިއީ ތިންވަނަ މެޗެވެ. ފުރަތަމަ މެޗު 3-4 ގެ ނަތީޖާއަކުން ހުއެސްކާ އަތުން މޮޅުވިނަމަވެސް އެ މެޗުގައި ޓީމްގެ ފަރާތުން ފެނުނު ކުޅުމާ މެދު އެންމެ ހިތްހަމަ ނުޖެހޭ ކަމަށް ކޯޗް ޒިދާން އޭރު ވަނީ ބުނެފައެވެ. ދެވަނަ މެޗު ވެލެންސިއާ އަތުން 1-2 ގެ ނަތީޖާ އަކުން ރެއާލް ވަނީ ބަލިވެފައެވެ.
ލަލީގާގައި ހޮނުހިރު ދުވަހު ކުޅުނު ދެވަނަ މެޗު ބާސެލޯނާ ކާމިޔާބުކުރީ އެތްލެޓިކޯ މެޑްރިޑާއި ވާދަކޮށް 0-2 ގެ ނަތީޖާއަކުންނެވެ.
ބާސެލޯނާގެ ދަނޑުގައި ކުޅުނު މި މެޗުގައި ގިނަވަގުތު ބޯޅަ ކޮންޓްރޯލް ކޮށްގެން ރަނގަޅަށް ކުޅެފައިވަނީ ބާސާއިންނެވެ.
މެގެ ފުރަތަމަ ހާފްގެ ކުރީކޮޅު ޑިއޭގޯ ކޯސްޓާއަށް ދެއްކި ރަތް ކާޑާއެކު މެޗުގެ ބޮޑުބައި ބާސާ ކުޅެފައި ވަނީ އެއް ކުޅުންތެރިއެއް މަދުކޮށް 10 ކުޅުންތެރިންނާއެކުއެވެ.
ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ފުރަތަމަ ހާފްގައި ދެ ޓީމްއަށްވެސް ލިބި ވަނީ ބޭކާރުވެފައެވެ.
ފުރަތަމަ ހާފް ނިމުނީ 0-0 ގެ ނަތީޖާ އަކުން ދެ ޓީމް އެއްވަރު ވެގެންނެވެ.
ދެވަނަ ހާފް ފެށިގެން ބާސާއިން ކުޅުން އިތުރަށް ރަނގަޅުކުރިއިރު، މެޗު ނިމެން ކުޑަ ވަގުތުކޮޅަކަށް ވެފައި ވަނިކޮށް، މެޗުގެ 85 ވަނަ މިނެޓުގައި ޖޯރޑީ އަލްބާގެ އެހީތެރި ކަމާއެކު ލުއިސް ސުއަރެޒް އެ ޓީމަށް ލީޑް ނަގައިދިނެވެ.
މެޗުގައި ބާސާގެ ފަރާތުން ފެނިގެންދިޔަ ދެވަނަ ލަނޑު މެޗުގެ 88 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީ ލީޑް އިތުރަށް ފުޅާ ކޮށްދިނީ އާޖެންޓީނާގެ ފޯރވާޑް ލިއޮނަލް މެސީއެވެ.
މި ނަތީޖާ އާއި އެކު ބާސެލޯނާ ތާވަލުގެ އެއްވަނާގައި ތާވަލުގެ އެއްވަނާގައި ކުޅުނު 31 މެޗުން ހޯދި 73 ޕޮއިންޓާއެކު އޮތްއިރު، މެޗުން ބަލިވި އެތްލެޓިކޯ މެޑްރެޑް އޮތީ ތާވަލުގެ ދެ ވަނާގައި 31 މެޗުން ހޯދި 62 ޕޮއިންޓާއެކުއެވެ. ރެއާލް މެޑްރިޑް ކުޅުނު 31 މެޗުން ހޯދި 60 ޕޮއިންޓާއެކު އޮތީ ތާވަލުގެ ތިންވަނާގައެވެ.