އިޓާލިއަން ލީގުގައި ހޮނިހިރު ދުވަހު ކުޅުނު މެޗް ފަހަތުން އަރައި މިލާން ބަލިކޮށް، ޔުވެންޓަސް އިން ކާމިޔާބުކޮށްފިއެވެ.
ޔުވެންޓަސްއިން މެޗު ކާމިޔާބުކުރީ މިލާން އާއި ވާދަކޮށް 1-2 ގެ އިންނެވެ.
ޔުވެންޓަސްގެ ދަނޑުގައި ކުޅުނު މި މެޗުގައި ދެ ޓީމްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔައިރު، މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް ލީޑް ނެގީ މިލާނުންނެވެ.
މެޗުގައި މިލާންގެ ފަރާތުން ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 39 ވަނަ މިނެޓުގައި ކާމިޔާބުކޮށް ދިނީ ޓެމޮއުއޭ ބަކަޔޯކޯގެ އެހީތެރި ކަމާ އެކު ކްރީޒްޓޮފް ޕިއެޓެކްއެވެ.
ފުރަތަމަ ހާފްގައި ނަތީޖާ ހަމަހަމަ ކުރުމަށް ޔުވެންޓަސްގެ ޑީބާލާއަށް ވަނީ ރަނގަޅު ފުރުސަތެއް ލިބިފައެވެ. އެހެން ނަމަވެސް ޕައުލޯ ޑިބާލާ ފޮނުވާލި ބޯޅަ މިލާންގެ ކީޕަރު ވަނީ މަތަކޮށްފައެވެ.
ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއަކުން މިލާން ލީޑްގައި އޮވެގެންނެވެ.
ދެވަނަ ހާފް ފެށިގެން ބޯޅަ ގިނަ ވަގުތު ކޮންޓްރޯލް ކޮށްގެން ރަނގަޅަށް ކުޅުނީ ޔުވެންޓަސްއިންނެވެ. އެގޮތުން ދެވަނަ ހާފްގެ 60 ވަނަ މިނެޓުގައި އެ ޓީމުގެ ޕައުލޯ ޑިބާލާއަށް ޕެނަލްޓީ އޭރިއާ ތެރޭން މިލާންގެ މަޓޭއޯ މުސަޗީނޯ ކުރިފައުލަކާ ގުޅިގެން ލިބުނު ޕަނަލްޓީ ކާމިޔާބުކޮށް ޑިބާލާ ވަނީ ޔުވެންޓަސްއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.
ޑިބާލާގެ ފަރާތުން މި މެޗުގައި ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު އޭނާ ހޯދުމަށް ރެއާލުން މަސައްކަތްކޮށް ވަނީ ނާކާމިޔާބުވެފައެވެ. މި ސީޒަނުގައި ލިވަޕޫލުން ވެސް ޑިބާލާ ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމުގެ އަޑު ވަނީ ފެތުރިފައެވެ.
ޑިބާލާގެ ލަނޑާ އެކު ޔުވެންޓަސްގެ ކުޅުން އިތުރަށް ރަނގަޅުކޮށް އެ ޓީމުން ވަނީ މިލާންގެ ގޯލާ އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ފޮނުވާލާފައެވެ.
މެޗުގެ 84 ވަނަ މިނެޓުގައި ޔުވެންޓަސްގެ ދެވަނަ ލަނޑު މިރާލެމް ޖެނިކްގެ އެހީތެރިކަމާ އެކު ކާމިޔާބުކޮށްދީ އެ ޓީމަށް ލީޑް ނަގައި ދިނީ މޮއިސް ކީންއެވެ.
މި ނަތީޖާއާ އެކު ޔުވެންޓަސް ތާވަލުގެ އެއްވަނާގައި އޮތީ ކުޅުނު 31 މެޗުން ލިބުނު 84 ޕޮއިންޓާއެކުއެވެ. މެޗުން ބަލިވި މިލާން ތާވަލުގެ ހަތަރުވަނާގައި އޮތީ ކުޅުނު 31 މެޗުން ލިބުުނު 52 ޕޮއިންޓާއެކުއެވެ.