Advertisement
ކ. މާލެ
|
4 އޭޕްރިލް 2019 | ބުރާސްފަތި 22:48
އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް
އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް
ޓްވިޓަރ
މަޖިލިސް އިންތިހާބު 2019
ރައީސް ޔާމީންއެވަނީ އިންސާފް ވިއްކާލާފައި: ހަސަން ލަތީފް
ރައީސް ޔާމީންގެ ސަރުކާރުގައި ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ވަނީ ފާހަގަ ކުރައްވާފައި
ނުހައްގުން އަނިޔާ ލިބުނު މީހުންގެ ވާހަކަ ފާހަގަ ކުރެއްވި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އެ ވަނީ ޖުމްލަކޮށް އިންސާފް ވިއްކާލާފައި ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއަރޕާރސަން އަދި ހެންވޭރު ހުޅަނގު ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަ ކުރައްވާ ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ބްރިޖް ކައިރި ލޮނުޒިޔާރަތްކޮޅުގައި ބޭއްވި އެޖެންޑާ 19 ކެމްޕޭން ނިންމުން ޖަލްސާގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ މި ރާއްޖެއަށް، މި ދައުލަތަށް ދިމާވި ކަންކަމާއި ދޭތެރޭގައި ރައްޔިތުން ވިސްނާލަން ޖެހޭ ކަމަށެވެ.

ހަސަން ލަތީފް ވިދާޅުވީ އިންތިޚާބަކަށް ބޯމަތި ވަމުން އަނަން އިރު ރައީސް ޔާމީނަށް ހަމަނޭވާ ލެއްވުނު އިރު ވެފައި ހުރި ކަންކަން ހަނދާންކޮށްލަންޖެހޭ ކަމަށެވެ. އެގޮތުން ހަސަން ލަތީފް ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ އާއި އައިޖީއެމް ހޮސްޕިޓަލްގެ 25 ބުރީގެ އިމާރާތުގެ ވައްކަން ފާހަގަ ކުރައްވާފައެވެ.

މީގެ އިތުރުން ހަސަން ލަތީފް ވަނީ ސިޔާސީ ބޭފުޅުންނާއި ފުލުހުންނާއި ސިފައިނާއި އާންމުންގެ އެތައް ސަތޭކަ ބަޔަކު ހައްޔަރުކޮށް، އަނިޔާކޮށް، ނުހައްގުން ދައުވާ އުފުލި ކަން ފާހަގަ ކުރައްވަފައެވެ. އަދި އެތައް މަޖިލިސް މެންބަރުންނެއް ޖަލަށް ލާ އަނިޔާކޮށް ގޮތް ނޭނގޭ ގޮތަށް އެތައް ބައެއް މަރާލެވި އަދި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ މައްސަލަތައް ހަސަން ވަނީ ފާހަގަ ކުރައްވާފައެވެ.

ހަސަން ވިދާޅުވީ ރައީސް ޔާމީނަށް ހަމަނޭވާ ލެވުނު އިރު ރާއްޖެއަށް އަންނަން ތިބި ބޭރުގެ އިންވެސްޓަރުން ރާއްޖެ އަށް އޮތް އިތުބާރު ގެއްލުވާލާފައިވާ ކަމަށާއި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސް އަޅާ ބައެއްގެ ގޮތުގައި މުޅި ދުނިޔެ އެވަނީ ރާއްޖެ ލޭބަލްކޮށް އެގޮތުގައި އެ މީހުންގެ ތަސައްވުރު ކުރަހާފައި ކަމަށެވެ. އަދި ކޮމަންވެލްތުން ރާއްޖެ ވަކިކޮށް، އެކި ގައުމުތަކާ އޮތް ދުވަސް ވީ ގުޅުން ރައީސް ޔާމީން އެވަނީ ކަނޑާލާފައި ކަމަށް ހަސަން ވިދާޅުވިއެވެ

ދުނިޔޭގެ މާލީ އިދާރާތަކުން ރާއްޖެއާ މެދު އިންތިހާއަށް ނުބައި ތަސައްވުރެއް އުފައްދާ އެކަމުން ރާއްޖެ އަދިވެސް މިވަނީ މުޅިން އަރައިނުގަނވިފައިކަން ވެސް ހަސަން ވަނީ ފާހަގަ ކުރައްވާފައެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިނތިޚާބުގެ ވޯޓަށް ތައްޔާރުވެފައި އޮތް އިރު ރައްޔިތުންގެ ކުރިމަތީގައި އޮތީ އެންމެ ސުވާލެއް ކަމަށާއި އެއީ ރައީސް ޔާމީންގެ ސަރުކާރުގައި ހިންގި ނުބައި ނުލަފާ އަމަލުތައް ހިންގަން ރައްޔިތުން ޔާމީނަށް ދޭނީތޯ ނުވަތަ ރައްޔިތުން ބޭނުންވާ ބޯހިޔާވަހިކަމާއި ދަތުރރުފަތުގެ ނިޒާމާއި ވަޒީފާ ޢާއި ހަމަޖެހޭ ރީތި ތާހިރު ދިރިއުޅުމަކަށް މަސައްކަތް ކުރުމަށް ރައީސުލް ޖުމްހޫރިއްޔާއަށް ފުރުސަތު ދިނުމަށް ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ މެންބަރުން ހޮވާނީތޯ އޮތް ސުވާލު ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް