އެކްޓިން ޔޫތު މިނިސްޓަރ އަލީ ވަހީދުގެ ދައުވަތަކަށް ރާއްޖެ އައިސްފައިވާ ސްޕެއިންގެ ކުރީގެ ފުޓުބޯޅަ ކުޅުންތެރިޔާ ޕަބްލޯ ކޮއިރާ އާއި ޕޯރޗުގަލްގެ ފުޓުބޯޅަ ކުޅުންތެރިޔާ ވައިޓޯރ ގާޑްރޯސް ރާއްޖޭގެ އެކި ހިސާބުތަކުަގއި ގާއިމްކޮށްފައިވާ ދަނޑުތަކުގެ ހާލަތު ބަލައިފިއެވެ.
ކުރީގެ މި ދެ ފުޓުބޯޅަ ކުޅުންތެރިން ރާއްޖެ ގެނެސްފައި ވަނީ ރާއްޖޭގެ ފުޓުބޯޅަ އިތުރަށް ތަރައްގީކޮށް، ބައިނަލްއަގްވާމީ މުބާރާތްތައް ރާއްޖޭގައި ބޭއްވުމަށް ކުރަންޖެހޭ މަސައްކަތްތަކާ މެދު މަޝްވަރާކޮށް ޚިޔާލު ހޯދުމަށާއި، ރާއްޖޭގެ އެކި ހިސާބުތަކުގައި ގާއިމް ކޮށްފައިވާ ފުޓުބޯޅަ ދަނޑުތަކުގެ ހާލަތުބަލައި އިތުރަށް ރަނގަޅު ކުރަންވީ ކަންކަން ދެނެގަތުމުގެ ބޭނުމުގައްޔާއި، ކުޅިވަރު ފަތުރުވެރިކަން ރާއްޖޭގައި ކުރި އެރުވުމަށެވެ.
އެގޮތުން ބުދަ ދުވަހުގެ ވަގުތެއްގައި ގަލޮޅު ލަނޑުގެ ހާލަތު ބަލާފައިވާއިރު، މި ދެކުޅުންތެރިން ވަނީ ދިރާގު "މަމެން އިންޓަރ ސްކޫލް" ގައި ވާދަ ކުރާ 13 އަަހަރުން ދަށުގެ ބައެއް ޓީމުތަކާ ބައްދަލުކޮށް ކުޅުންތެރިންނާ އެކު ވަގުތުކޮޅެއް ހޭދަކޮށްފައެވެ.
ބުރާސްފަތު ދުވަހު ކޮއިރާ އާއި ގުއަޑްރޯސް ވަނީ ހުޅުމާލޭގައި ހުންނަ ސްޕޯރޓްސް ކޮމްޕްލެކްސް އާއި ޅ. ކުރެއްދޫ އައިލެންޑް ރިސޯޓްގައި ގާއިމް ކޮށްފައިވާ ދަނޑުގެ އިތުރުން ޅ. ކުރެންދޫ، ނައިފަރު އަދި އެ އަތޮޅު ހިންނަވަރުގައި ގާއިމްކޮށްފައިވާ ދަނޑުތައް ބަަލައި ދަނޑުގައި ރަނގަޅު ކުރަން ހުރި ކަންކަން ފާހަގަކޮށްފައެވެ. އެ ގޮތުން ތިން ޓާރފް ދަނޑުގެ ވެސް މައިގަނޑު މައްސަލައެއް ގޮތުގައި ފާހަގަކޮށްފައި ވަނީ ދަނޑުތަކުގައި އަޅާފައި ހުރި ރަބަރުތަކެވެ.
ކޮއިރާ އާއި ގުއަޑްރޯސް ބުނެފައި ވަނީ ޓާރފް ދަނޑުތަކުގައި އަޅާފައި ހުންނަ ރަބަރުތައް އެންމެ އެކަށީގެން ނުވާ ނަމަ، އިންޓަރނޭޝަނަލް މުބާރާތްތައް ކުޅުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ.
މި ދެ ކުޅުންތެރިންނާ އެކު ދަނޑުތައް ބެލުމުގައި ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ފަރާތުން އިބްރާހިމް އަލީ ބައިވެރިވެފައި ވާއިރު ޔޫތު މިނިސްޓްރީގެ ބޭފުޅުންނާއި މިނިސްޓްރީ އޮފް ޓޫރިޒަމްގެ މަންދޫބުން ވެސް ބައިވެރިވެފައި ވެއެވެ.