ސްޕެނިޝް ލަލީގާގައި ބުދަ ދުވަހުގެ ރޭ ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗް ވެލެންސިއާ އިން ކާމިޔާބުކޮށްފި އެވެ.
ވެލެންސިއާ މެޗު ކާމިޔާބުކުރީ ރެއާލް މެޑްރިޑާ ވާދަކޮށް 2-1 ގެ ނަތީޖާއަކުންނެވެ.
ވެލެންސިއާގެ ދަނޑުގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުން ވަރުގަދަ ހަމަލާތަކެއް ފެނިގެން ދިޔައެވެ. މެޗުގެ ކުރީކޮޅު ރެއާލްގެ ކްރޫސް ވަނީ ވެލެންސިއާގެ ގޯލާ އަމާޒުކޮށް ރަނގަޅު ހަމަލާއެއް ފޮނުވާލާފައެވެ. ނަމަވެސް ގޯލުގެ މަތީ ކަނާ އަމާޒުވި ހަމަލާ ވެލެންސިއާގެ ކީޕަރު ވަނީ ދިފާއު ކޮށްފައެވެ.
ފުރަތަމަ ހާފްގައި ވެލެންސިއާ އަށް ވެސް ލީޑް ނެގުމަށް ރަނގަޅު ފުރުސަތުތަކެއް ވަނީ ލިބިފައެވެ. އެގޮތުން މެޗުގެ 35 ވަނަ މިނެޓުގައި ކާލޮސް ސޮލާގެ އެހީތެރިކަމާ އެކު ގޮންކާލޯ ގުއެޑެސް ވަނީ އެ ޓީމަށް ލީޑް ނަގައި ދީފައެވެ.
މި ލަނޑަށް ފަހުގައި ވެސް ވެލެންސިއާ އިން ވަނީ ރެއާލްގެ ފަހަތަށް ބާރު ބޮޑުކޮށްފައެވެ. އެހެން ނަމަވެސް ވެލެންސިއާ އިން ފޮނުވާލި ދެ ހަމަލާ ވެސް ދިޔައީ ރެއާލްގެ ގޯލުގެ މަތިން ބޭރަށެވެ.
ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއަކުން ވެލެންސިއާ ލީޑްގައި އޮވެގެންނެވެ.
ދެވަނަ ހާފް ފެށިގެން ވަރުގަދަ ހަމަލާތަކެއް އުފައްދަން ދެ ޓީމުން ވެސް މަސައްކަތްކޮށް ވަނީ މާ އެދެވޭ ނަތީޖާއެއް ނެރެވޭ ގޮތް ނުވެފައެވެ.
ވެލެންސިއާގެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކުރީ މެޗުގެ 83 ވަނަ މިނެޓުގައި ޑެނީ ޕަރެޖޯ ނަގައިދިން ކޯނަރަކުން އިޒެގުއެލް ގެރޭއެވެ.
މި ލަނޑާ އެކު ވެލެންސިއާ ލީޑްގައި އޮތް އިރު، ރެއާލް އަށް މެޗުގެ ފަރަގު ކުޑަކޮށްދިނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަތަރު މިނެޓު ތެރޭގައި އެ ޓީމަށް ލިބުނު ކޯނަރަކުން ކަރީމް ބެންޒެމާއެވެ. މި ކޯނަރު ރެއާލްއަށް ނަގައި ދިނީ ލޫކާ މޮޑްރިކްއެވެ.
މި މެޗުން ރެއާލް ބަލިވެފައި ވާއިރު އެ ޓީމުގެ ކޯޗް ޒައިނުއްދީން ޒިދާން ޓީމާ އަލުން ހަވާލުވި ފަހުން ރެއާލް ކުޅުނު މިއީ ދެވަނަ މެޗެވެ. ފުރަތަމަ މެޗުގައި ހުއެސްކާ އަތުން ދަތި ގޮތަކަށް 2-3 ގެ ނަތީޖާއަކުން ރެއާލް ވަނީ މޮޅުވެފައެވެ. އެހެން ނަމަވެސް އެ މެޗުގައި ޓީމްގެ ފަރާތުން ފެނުނު ކުޅުމާ މެދު އެންމެ ހިތްހަމަ ނުޖެހޭ ކަމަށް ކޯޗް ޒިދާން އޭރު ވަނީ ބުނެފައެވެ.
މި ނަތީޖާއާ އެކު ލަލީގާގެ ތާވަލުގެ ތިންވަނާގައި ރެއާލް އޮތީ ކުޅުނު 30 މެޗުން ހޯދި 57 ޕޮއިންޓާއެކުއެވެ. ވެލެންސިއާ ތާވަލުގެ ފަސްވަނާގައި ކުޅުނު 30 މެޗުން ހޯދި 46 ޕޮއިންޓާއެކު އޮތްއިރު، ތާވަލުގެ އެއްވަނާގައި ބާސެލޯނާ އޮތީ ކުޅުނު 30 މެޗުން ލިބުނު 70 ޕޮއިންޓާ އެކުއެވެ.