ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީ އާއި ކާޑިފް ސިޓީ ވާދަކުރި މެޗު މެންޗެސްޓާ ސިޓީން ކާމިޔާބުކޮށްފިއެވެ.
މި މެޗު މެންޗެސްޓާ ސިޓީން ކާމިޔާބުކުރީ ކާޑިފްއާ ވާދަކޮށް 0-2 ގެ ނަތީޖާއަކުންނެވެ.
އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މި މެޗު ފެށިގެން މެޗުގެ ހަވަނަ މިނެޓގައި ސިޓީން ވަނީ އެ ޓީމުގެ ފުރަތަަމަ ލަނޑު ކާމިޔާބުކޮށް ލީޑް ނަގާފައެވެ. މި ލަނޑު އައިމެރިކް ލެޕޯރޓޭގެ އެހީތެރި ކަމާ އެކު ކާމިޔާބު ކޮށްދިނީ ކެވިން ޑެ ބުރެއޭންއެވެ.
މެޗުގައި ގިނަ ވަގުތު ބޯޅަ ކޮންޓްރޯލް ކޮށްގެން ކުޅެފައި ވަނީ ސިޓީންނެވެ. އެގޮތުން ކާޑިފްގެ ގޯލާއި އަމާޒުކޮށް ގިނަ ހަމަލާތަކެއް ސިޓީން ވަނީ ފޮނުވާލާފައެވެ.
މި ސީޒަނުގައި ދައްކުޅުމެއް ކުޅެމުން އަންނަ ކާޑިފްއަށް ވަނީ މި މެޗުގައި ވެސް މާ އެދެވޭ ކުޅުމެއް ދެއްކޭ ގޮތް ނުވެފައެވެ.
ސިޓީގެ ދެވަނަ ލަނޑު މެޗުގެ 44 ވަނަ މިނެޓުގައި ގެބްރިއެލް ޖީޒަސްގެ އެހީތެރިކަމާ އެކު ކާމިޔާބު ކޮށްދިނީ ލެރޯއީ ސޭންއެވެ.
ފުރަތަމަ ހާފް ނިމުނީ 0-2 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީ ލީޑްގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފްގައި ސިޓީއަށް ލީޑް އިތުރަށް ފުޅާކުރުމައް ރަނގަޅު ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފައެވެ.
މި ނަތީޖާއާ އެކު ސިޓީ ތާވަލުގެ އެއް ވަނާގައި އޮތީ 32 މެޗުން ހޯދި 80 ޕޮއިންޓާ އެކުއެވެ. މެޗުން ބަލިވި ކާޑިފް ސިޓީ އޮތީ ރެލިގޭޝަނުގެ ބިރުވެރިކަމާ އެކު ކުޅުނު 32 މެޗުން ލިބުނު 28 ޕޮއިންޓާއެކުއެވެ. ލިވަޕޫލް 32 މެޗުން ލިބުނު 79 ޕޮއިންޓާ އެކު ތާވަލުގެ ދެވަނާގައި އޮތްއިރު، އޭޕްރީލް 6 ވާ ހޮނިހިރުދުވަހު ސައުތެމްޕްޓަންއާ ވާދަކުރާ މެޗުން މޮޅުވެއްޖެ ނަމަ ލިވަޕޫލަށް ތާވަލުގެ އެއް ވަނައަށް އެރުމުގެ ފުރުސަތު އެބައޮތެވެ.
ތާވަލުގެ އެއް ވަނައަަށް އެރުމަށް ސައުތެމްޕްޓަންގެ މެޗުން ލިވަޕޫލް މޮޅުވަން މަޖުބޫރުވެފައި ވާއިރު، ސިޓީ އާއި ލިވަޕޫލްގެ ވާދަވެރިކަން މިވަނީ އިތުރުވެފައެވެ.