އިންގްލިޝް ޕްރިމިއާ ލީގުގައި ބުދަ ދުވަހު ކުޅުނު މެޗު ކާމިޔާބުކޮށް ޗެލްސީ ތާވަލުގެ ފަސްވަނައަށް ޖެހިލިއިރު، ޓޮޓަންހަމް ހޮޓްސްޕަރ ތާވަލުގެ ތިންވަނައަށް ޖެހިލައިފިއެވެ.
ބުދަ ދުވަހު ކުޅުނު މެޗު ޗެލްސީން ކާމިޔާބުކުރީ ބްރައިޓޮން އެންޑް ހޯވް އަލްބިއޯންއާ ވާދަކޮށް 0-3 ގެ ނަތީޖާއަކުންނެވެ.
ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ގިނަ ވަގުތު ބޯޅަ ކޮންޓްރޯލް ކޮށްގެން ރަނގަޅަށް ކުޅުނީ ޗެލްސީންނެވެ. އެ ގޮތުން މެޗުގެ 38 ވަނަ މިނެޓުގައި އިނގިރޭސިވިލާތުގެ ޤައުމީ ޓީމުގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ކެލުމް ހަޑްސަން އޮޑޯއީގެ އެހީތެރިކަމާ އެކު އޮލިވާ ޖިރޫ ޗެލްސީއަށް ލީޑް ނަގަދިނެވެ.
ފުރަތަމަ ހާފްގައި ޗެލްސީން ރަނގަޅު ހަމަލާތަކެއް އުފެއްދި ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ހިފިފައެއް ނުވެއެވެ.
ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއަކުން ޗެލްސީ ލީޑްގައި އޮވެގެންނެވެ.
ދެވަނަ ހާފް ފެށިގެން ބްރައިޓޮންގެ ފަހަތަށް ޗެލްސީން ބާރު ބޮޑުކުރަމުން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން ޗެލްސީގެ ހަޑްސަން އޮޑޯއީ އަށް ވަނީ ލީޑް އިތުރަށް ފުޅާކުރުމަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ.
މެޗުގެ 60 ވަނަ މިނެޓުގައި ޗެލްސީއަށް ލީޑް ފުޅާ ކޮށްދިނީ ރުބެން ލޮފްޓަސް ޗީކްގެ އެހީތެރިކަމާ އެކު މި ސީޒަނުގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ އީޑެން ހަޒާޑްއެވެ.
ޗެލްސީގެ ދެވަނަ ލަނޑާ އެކު އެ ޓީމުގެ ކުޅުން އިތުރަށް ރަނގަޅުކޮށް މެޗުގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށް ލީޑް އިތުރަށް ފުޅާ ކުރިއެވެ. މި ލަނޑު 63 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އީޑެން ހަޒާޑްގެ އެހީތެރިކަމާ އެކު ރުބެން ލޮފްޓާސް ޗީކްއެވެ.
ބްރައިޓޮންއަށް މެޗުގެ ފަރަގު ކުޑަކުރުމަށް ރަނގަޅު ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފައެވެ.
ބުދަ ދުވަހު ކުޅުނު ދެވަނަ މެޗު ޓޮޓެންހަމް ހޮޓްސްޕަރ ކާމިޔާބުކުރީ ކްރިސްޓަލް ޕެލަސްއާ ވާދަކޮށް 0-2 ގެ ނަތީޖާއަކުންނެވެ.
ޓޮޓެންހަމްގެ ދަނޑުގައި ކުޅުނު މި މެޗުގައި ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްކޮށްގެން ކުޅުނީ އެ ޓީމުންނެވެ.
މެޗުގައި ފެނިގެންދިޔަ ދެ ލަނޑު ވެސް ޓޮޓަންހަމް އިން ކާމިޔާބުކޮށްފައި ވަނީ ދެވަނަ ހާފްގައެވެ.
ޓޮޓަންހަމްގެ ފުރަތަމަ ލަނޑު މެޗުގެ 55 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކްރިސްޓަން އެރިކްސަންގެ އެހީތެރިކަމާ އެކު ސަން ހިއުންގްމިންއެވެ.
މެޗު ނިމެން 10 މިނެޓަށް ވެފައިވަނިކޮށް ޓޮޓަންހަމްގެ ދެވަނަ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި ކްރިސްޓަން އެރިކްސަންއެވެ.
މި ނަތީޖާއާ އެކު ޓޮޓަންހަމް ޕްރިމިއާ ލީގުގެ ތާވަލުގެ ތިންވަނާގައި ކުޅުނު 32 މެޗުން ހޯދި 64 ޕޮއިންޓާ އެކު އޮތްއިރު، ޗެލްސީ އާއި އާރސެނަލް 63 ޕޮއިންޓާ އެކު ޕޮއިންޓްގެ ގޮތުން އެއްވަަރުވެ މެޗުގެ ތަފާތުން އަރސެނަލް އަށް ތާވަލުގެ ހަތަރު ވަނަ ލިބޭއިރު ޗެލްސީ އޮތީ ފަސްވަނާގައެވެ.
އަންގާރަ ދުވަހުގެ މެޗުން 1-2 ގެ ނަތީޖާއަކުން މެންޗެސްޓަރ ޔުނައިޓެޑް ވޮލްވްސް އަތުން ބަލިވެ، ކުޅުނު 32 މެޗުން ހޯދި 61 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ހަވަނާގައެވެ. ތާވަލުގެ އެއްވަނާގައި މެންޗެސްޓާ ސިޓީ އޮތްއިރު ލިވަޕޫލް އޮތީ ތާވަލުގެ ދެވަނާގައެވެ.