ސްޕެނިޝް ލީގުގައި ބާރސެލޯނާއާއި ވިޔަރެއާލް ވާދަކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
ބާރސެލޯނާއާއި ވިޔަރެއާލް ވާދަކުރި މެޗު ނިމުނީ 4-4 ގެ ނަތީޖާ އަކުން އެއްވަރު ވެގެންނެވެ.
ރަނގަޅު ފެށުމަކުން ބަރސެލޯނާ މެޗުފަށައި، މެޗުގެ 12 ވަނަ މިނެޓުގައި މެލްކަމް ފިލިޕްގެ އެހީތެރި ކަމާއެކު ފިލިޕް ކުޓީނިއޯ ކާމިޔާބުކޮށް ދިން ލަނޑާއެކު އެ ޓީމުން މެޗުގެ ލީޑް ނެގިއެވެ.
ފުރަތަމަ ހާފްގައި ބާރސެލޯނާގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނިގެން ދިޔައިރު އެ ޓީމުން ވަނީ މެޗުގެ 16 ވަނަ މިނެޓުގައި ދެ ވަނަ ލަނޑު ކާމިޔާބުކޮށް ލީޑް ފުޅާކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށް ދިނީ އަޓޫރޯ ވިދާލްގެ އެހީތެރި ކަމާއިއެކު މެލްކަމް ފިލިޕްއެވެ.
ބާސެލޯނާގެ ދެވަނަ ލަނޑާއެކު ވިޔަރެއާލްގެ ކުޅުން ރަނގަޅުކޮށް އެ ޓީމުން ވަނީ ބާސެލޯނާގެ ގޯލާއި އަމާޒުކޮށް ރަނގަޅު ހަމަލާތަކެއް ފޮނުވާލާފައެވެ. އެގޮތުން މެޗުގެ 23 ވަނަ މިނެޓުގައި ސެމިއުލް ޝުކްވޭޒް ވަނީ ވިޔަރެއާލްގެ ފުރަތަމަ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައެވެ.
މެޗުގެ ފުރަތަމަ ހާފް ނިމުނީ 1-2 ގެ ނަތީޖާއަކުން ބާސެލޯނާ ލީޑްގައި އޮވެގެންނެވެ.
ދެވަނަ ހާފް ފެށިގެން ވިޔަރެއާލްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައެވެ. އެގޮތުން މެޗުގެ 50 ވަނަ މިނެޓުގައި ވިޔަރެއާލްއިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ސެމިއުލް ޝުކްވޭޒްގެ އެހީތެރި ކަމާއެކު ކާރލް ޓޮކޯ އެކޮމްބީއެވެ.
ބާރސެލޯނާގެ ކުޅުން ދަށްވެފައިވަނިކޮށް މެޗުގެ 61 ވަނަ މިނެޓުގައި އެ ޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިން ފިލިޕް ކުޓީނިއޯގެ ބަދަލުގައި އާރޖެންޓީނާގެ ފޯރވާޑް ލިއޮނަލް މެސީ އެރުވިއެވެ.
ބާސެލޯނާގެ ބަދަލަށް ފަހު ކުޅުންފެށުމާ އެކު ވިޔަރެއާލް އެ ޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށް ލީޑް ނެގިއެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މަނޫ މޯރލެންސްގެ އެހީތެރި ކަމާއިއެކު ވިސެންޓޭ އިބޯރާއެވެ.
މި ލަނޑަށް ފަހުގައި ވެސް ވިޔަރެއާލްއިން ވަނީ ބާސެލޯނާގެ ފަހަތަށް ބާރުބޮޑުކޮށް އެ ޓީމުގެ ގޯލަށް އަމާޒުކޮށް ރަނގަޅު ހަމަލާތަކެއް ފޮނުވާލާފައެވެ. ފުލުފުލުގައި ބާސެލޯނާގެ ގޯލަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލުމުގެ ނަތީޖާއެއްގެ ގޮތުން މެޗުގެ 80 ވަނަ މިނެޓުގައި ސެންޓީ ކެޒޯލާގެ އެހީތެރި ކަމާއެކު ކާލޮސް ބެކާ ވިޔަރެއާލްއަށް ލީޑް އިތުރަށް ފުޅާކޮށްދިނެވެ.
މި ލަނޑާއެކު ވިޔަރެއާލް ރަނގަޅު ފޯމެއްގައި އޮއްވާ މެޗުގެ 88 ވަނަ މިނެޓުގައި އެ ޓީމުގެ އަލްވާރޯ ގޮންޒަލެޒްއަށް ދެ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލިއެވެ. މެޗުގެ ބާކީބައި ވިޔަރެއާލް ކުޅުނީ އެއްކުޅުން ތެރިއެއް މަދުކޮށް 10 ކުޅުންތެރިން ނާއެކުއެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި ހަތަރު މިނެޓުގެ ބޭނުންހިފައި ބާސެލޯނާއަށް މެޗުގެ ފަރަގު ކުޑަކޮށް ދިނީ ލިއޮނަލް މެސީއެވެ. މެސީގެ ލަނޑާއެކު ފަހު ވަގުތުކޮޅުގައި ބާސާގެ ކުޅުން ވަރުގަދަ ކުރިއެވެ.
ބާސެލޯނާއަށް ފަހުވަގުތުގައި ނަތީޖާ ހަމަހަމަ ކޮށްދިނީ ލުއިސް ސުއަރޭޒްއެވެ.
މެސީގެ ފަރާތުން މި މެޗުގައި ރަނގަޅު ކުޅުމެއް ފެނިގެން ދިޔައިރު، ބައިނަލްއަގުވާމީ ރަހުމަތް ތެރިކަމުގެ މެޗުތަކުގައި މެސީގެ ކުޅުން ނުފެންނަކަމަށް ބުނެ މީޑިއާތަކުގައި ދާދިފަހުން ވަނީ އޭނާއަށް ގިނަ ފާޑުކިޔުތަކެއް އަމާޒުވެފައެވެ. މީޑީއާ ތަކުގައި ދެކެވެމުންދިޔަ ވާހަކަތަކަށް މެސީ ވަނީ ރައްދު ދީފައެވެ.