މާރޗް މަހު ފެށުމަށް ހަމަޖެހިފައި އޮތް އިންޓަރ ސްކޫލް ކެރަމް މުބާރާތް އަލުން ބާއްވާނެ ތާރީހެއް ނެތި ލަސްކޮށްފިއެވެ.
ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާގޮތުގައި އިންޓަސްކޫލް ކެރަމް މުބާރާތް ލަސްކޮށްފައި ވަނީ ކެރަމް ހޯލުގެ ހާލަތުދަށް ކަމަށް ބުނެ ބެލެނިވެރިންތަކެއް ޝަކުވާ ހުށައަޅާފައިވާތީއެވެ.
މާރޗް 31 ގައި ބޭއްވުމަށް މީގެ ކުރިން ތާވަލު ކޮށްފައިވާ އިންޓަ ސްކޫލްގައި ބައިވެރިވެފައިވާ ސްކޫލްތަކުގެ ބެލެނިވެރިން ފާހަގަކޮށްފައިވަނީ ކެރަމް ހޯލް ހިރަފުސްވުމާއި، ހޯލުގައި އޭސި ނުޖެއްސި ހުރުމުގެ ސަބަބުން ތަން ހޫނުވުމުގެ މައްސަލައާއި އަދި ހޯލުގެ ފްލޯރިންގެ މައްސަލައެވެ.
ކެރަމް އެސޯސިއޭޝަނުގެ ނައިބު ރައީސް އިބްރާހިމް ރިފާއު އާމިރު ވިދާޅުވެފައި ވަނީ ހޯލުގެ އޭސީތަކަށް މައްސަލައެއް ދިމާވެފައި ނުވާ ކަމަށާއި، ނަމަވެސް ހޯލުހުރި އިމާރާތުގައި މަސައްކަތް ކުރަމުންދިޔަ ބަޔަކަށް ނޭނގި ކަރަންޓު ދުއްވާލެވިފައި ހުރުމުގެ ސަބަބުން ހޯލުގައި ހޫނުގަދަވެގެންދިޔަ ކަމަށެވެ. އެ ބޭފުޅާ އިތުރަށް ވިދާޅުވެފައި ވަނީ ބެލެނިވެރިން ކޮށްފައިވާ ފްލޯރިންގެ މައްސަލަ ހައްލު ކުރުމަށް، ހޯލުގައި ކާޕެޓް އެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ރިފާއު ވިދާޅުވެފައި ވަނީ މުބާރާތް އަލުން ބާއްވާނެ ވަކި ތާރީހެއް އަދި ކަނޑައެޅިފައި ނުވާކަަމަށާއި، ބުދަ ދުވަހު އެމްޓީސީސީ އާއިއެކު ބައްދަލުވުމެއް ބޭއްވުމަށް ފަހު ދެން މުބާރާތް ބާއްވާނެ ތާރީހެއް ކަނޑައަޅާނެ ކަމަށެވެ.
މީގެ މަހެއްހާ ދުވަސް ކުރިން ގަލޮޅު ދަނޑުގައި ހުންނަ ކެރަމް ހޯލުން ފެންތިކި ޖެހުންފަދަ މައްސަލަތައް ކުޅުންތެރިން ވަނީ ފާހަގަ ކޮށްފައެވެ. ކެރަމް ހޯލުގައި ހުރި މައްސަލަތައް ބަލައި ހައްލު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް އެކްޓިން ޔޫތު މިނިސްޓަރ އަލީ ވަހީދު އޭރު ވިދާޅުވިއެވެ.
މި އަހަރުގެ އިންޓަރ ސްކޫލް ކެރަމް މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ އެމްޓީސީސީގެ އައު އިމާރާތުގެ ފުރަތަމަ ފަންގިފިލާގައެވެ.
މި މުބާރާތަކީ ކެރަމް އެސޯސިއޭޝަނުގެ އައު ހިންގާ ކޮމިޓީ އިންތިޙާބުވިފަހުން ބާއްވަން މަސައްކަތްކުރާ ފުރަތަމަ މުބާރާތެވެ.