ކ. މާލެ
|
2 އޭޕްރިލް 2019 | އަންގާރަ 16:14
މާމުއިގެ ޓައިޓްލް
މާމުއިގެ ޓައިޓްލް
މުހައްމަދު ޝަރުހާން
މާމުއި
ހާތްތެރީ! ހުދުމުޚުތާރުގެ އިންޓްރޯ ޕްރައިވެޓް ޖެޓެއްގަ!
'މާމުއި' ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ ޖުލައިމަހުގެ ފުރަތަމަ ދުވަހު

ރާއްޖޭގެ އެންމެ ކާމިޔާބު ފިލްމު ސްޓޫޑިއޯ، ޑާކް ރެއިން އެންޓަރޓެއިންމަންޓްއިން މި އަހަރު ނެރޭ ދެވަނަ ފިލްމު، 'މާމުއި' ގެ ފުރަތަމަ ޓްރެއިލަރ ރިލީޒް ކޮށްފިއެވެ.

'މާމުއި' ގެ ފުރަތަމަ ޓްރެއިލަރ ރިލީޒް ކޮށްފައިވަނީ އެކަމަށްޓަކާ ހޯމަ ދުވަހުގެރޭ އޮލިމްޕަހުގައި ބޭއްވި ހާއްސަ ހަފްލާއެއްގައެވެ. ޓްރެއިލަރ ރިލީޒް ކޮށްދެއްވީ އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުވާދު ތައުފީގެވެ.

މި ފިލްމަކީ ކޮމެޑީ ފިލްމަކަށްވާއިރު، ފިލްމުގެ ޓްރެއިލަރއިން ފިލްމުގައި ހަރަކާތްތެރިވާ ގިނަ ފަންނާނުންތަކެއް ފެނިގެންދެއެވެ.

ފިލްމުގެ ޓްރެއިލަރގައި ފިލްމުން ފާހަގަކޮށްލެވޭ ބައެއް މަންޒަރުތައް ހިމަނާފައިވާއިރު، ޓްރެއިލަރގައި އެންމެ ފާހަގަ ކޮށްލެވެނީ ޓްރެއިލަރ ނިންމާލަމުން ހިމަނާފައިވާ ފިލްމުގައި ނެގެޓިވް ކެރެކްޓަރއެއް ކަމަށް ބެލެވޭ 'ހުދު މުޚުތާރު' ގެ ކެރެކްޓަރގެ އަޑު ކޮޅެކެވެ. ދިވެހި އެހެން ފިލްމަކުން މިހާތަނަށް ފެނިގެން ގޮސްފައިނުވާފަދަ މަންޒަރެއް މި ފިލްމުގައި ހިމެނޭއިރު އެ މަންޒަރުގައި ފެންނަނީ ޕްރައިވެޓް ޖެޓެއް އެއާޕޯޓަށް ޖެއްސުމުން އޭގެން 'ހުދު މުޚުތާރު' ފައިބާ މަންޒަރެވެ.

މީގެ އިތުރުން މި ފިލްމު ޚާއްސަވެގެންދާ އަނެއް ސަބަބަކީ މި ފިލްމުގައި ހިމެނޭ ލަވައެކެވެ. ކުރީގެ މަޝްޙޫރު ލަވަތަކުގެ މަންޒަރުތައް ރީކްރިއޭޓްކޮށްގެން އުފައްދާފައިވާ މި ޓްރިބިއުޓް ލަވައިގައި ފެނިގެންދާނީ ފުބޫ އާއި ނުޒޫއެވެ.

މި ފިލްމު ޕްރޮޑިއުސްކޮށްފައިވަނީ ޑާކް ރެއިން އެންޓަރޓެއިންމަންޓްގެ ބާނީ މުޙައްމަދު އަލީ (މޮގަރ) އާއި އޭނާގެ އަންހެނުން އައިޝަތު ފުވާދު (ލޯކީ) އެވެ.

'މާމުއި' ގެ ޓްރެއިލަރ ރިލީޒް ކުރުމުގެ ހަފްލާފައި ފުވާދް ތައުފީޤް

ޓްރެއިލަރ ރިލީޒްކުރަން ބޭއްވި ހަފްލާގައި މޮގަރ ބުނީ މައި ރޯލުތަކުން 16 އަށް ވުރެ ގިނަ ފަންނާނުން ފެނިގެންދާ މި ފިލްމަކީ ރާއްޖޭގައި މިހާތަނަށް އެންމެ ބޮޑު ޚަރަދެއް ކޮށްގެން އުފައްދާފައިވާ ފިލްމު ކަމަށެވެ. މޮގާ އިތުރަށް ބުނީ މި ފިލްމާއިމެދު ކުރެވޭ އުއްމީދުވެސް އިންތިހާއަށް ބޮޑު ކަމަށެވެ.

އޭޕްރީލް މަހުގެ ފުރަތަމަ ދުވަހު ރިލީޒްކުރުމަށް ކުރިން ހަމަޖެހިފައި އޮތް މި ފިލްމު ރިލީޒްކުރުމަށް މިހާރު ހަމަޖެހިފައި ވަނީ ޖުލައި މަހުގެ ފުރަތަމަ ދުވަހުއެވެ. މޮގަރ ކުރިން ބުނީ ފިލްމު ރިލީޒްކުރުން ލަސްކުރީ ފިލްމާއިމެދު ކުރެވޭ އުއްމީދު ބޮޑުވެފައި ބޭނުންވާ މުއްދަތަށް އޮލިމްޕަސް ލިބުމުގައި ދަތިތަކެއް ހުރުމުން ކަމަށެވެ.

 

'މާމުއި' ގެ ޕޯސްޓަރު

ލޯކީ އާއި އަހުމަދު ތޮލާލްގެ ސްކްރީންޕްލޭއަކަށް ތައްޔާރުކުރި މި ފިލްމު ޑައިރެކްޓްކޮށްފައިވަނީ ޑާކް ރެއިންގެ ގިނަ ފިލްމުތަކެއް ޑައިރެކްޓްކޮށްފައިވާ ހުނަރުވެރި ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ) އެވެ. ފިލްމުގެ ސިނެމަޓޯގްރާފީގެ މަސައްކަތް ކޮށްފައިވަނީ ޗިއްޕެ އާއި އަޙުމަދު ޝިނާނެވެ. ޝިނާން ވަނީ ޑާކް ރެއިންގެ އެހެން ގިނަ ފިލަމުތަކެއްގެ ސިނަމަޓޯގްރަފީ ހަދައި، އެ ސްޓޫޑިއޯއިން މި އަހަރު ނެރުނު ފުރަތަމަ ފިލްމު، ގޮށްރާޅު ޑައިރެކްޓްވެސް ކޮށްފައެވެ.

މި ފިލްމުގެ މުހިއްމު ރޯލުތަކުން ފެނިގެންދާ ފަންނާނުންގެ ތެރޭގައި ޝީލާ ނަޖީބް، ޖުމައްޔިލް ނިމާލް (ޖުމަލް)، މަރިޔަމް އައްޒަ، މަރިޔަމް މަޖުދާ (މަޖޫ)، އިސްމާއިލް ޖުމެއިހް (ޖުމާ)، އަޙުމަދު ޝާކިރު (ޝާއްކޮ އައްމަޑޭ)، އާދަމް ރިޒްވީ (ރެކްސް)، ޢަބްދުﷲ ޝާފިއު އިބްރާހިމް (ފުބޫ)، ނުޒުހަތު ޝުއައިބް (ނުޒޫ)، އަޙުމަދު ސުނީ، ހަމްދާން ފާރޫޤު، ސަމާހަތު ރާޒީ، މާރިއާ ތެރޭސާ ޕެގާނޯ، އައިޝަތު ޔާދާ، އަލީ ޝަޒްލީމް، އަޙުމަދު ސައީދު އަދި އިބްރާހިމް އަމާން ހިމެނެއެވެ.

'މާމުއި' ގެ މަންޒަރެއްގައި އިސްމާއިލް ވަޖީހް

މީގެ އިތުރުން މި ފިލްމުގައި ޚާއްސަ ފެނިލުމަކުން ކުރީގެ މަޝްޙޫރު ބަޠަލް އިސްމާއިލް ވަޖީހާއި ބޮޑީބިލްޑަރ ލިއާމް އާދަމް (އެލްޖޭ) ވެސް ފެނިގެންދާނެ ކަމަށް މަޢުލޫމާތު ލިބެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް