އިންގްލިޝް ޕްރިމިއާ ލީގުގައި އަނގާރަ ދުވަހު ކުޅުނު މެޗު އާސެނަލް ކާމިޔާބުކޮށްފިއެވެ.
އާސެނަލް މެޗު ކާމިޔާބުކުރީ ނިއުކާސަލް ޔުނައިޓެޑާ ވާދަކޮށް 0-2 ގެ ނަތީޖާއަކުންނެވެ.
މެޗު ފެށިގެން ގިނަ ވަގުތު ބޯޅަ ކޮންޓްރޯލް ކޮށްގެން ކުޅެމުން އައީ އާސެނަލް އިންނެވެ. އާސެނަލް އިން ވަނީ ނިއުކާސަލްގެ ގޯލާ އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ފޮނުވާލާފައެވެ.
މެޗުގެ 30 ވަނަ މިނެޓުގައި ލަނޑުޖަހައި ލީޑް ނެގީ ވެސް އާސެނަލް އިންނެވެ. މި ލަންޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އޭރޮން ރަމްސީއެވެ.
މި ލަނޑުގެ އިތުރަށް ވެސް އާސެނަލްއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފައެވެ.
އެމިރެޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއަކުން އާސެނަލް ލީޑްގައި އޮވެގެންނެވެ.
ދެވަނަ ހާފް ފެށިގެން ނިއު ކާސަލްގެ ފަރާތުން ރަނގަޅު ހަމަލާތަކެއް ފެނިގެން ދިޔައެވެ. އެހެން ނަމަވެސް ނިއު ކާސަލްގެ ހަމަލާތައް ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.
މި ހާފްގައި އާސެނަލްއިން ލީޑް ފުޅާ ކުރުމަށް ގިނަ މަސައްކަތް ތަކެއް ކުރިއެވެ. އެގޮތުން އެ ޓީމުން ވަނީ ނިއު ކާސަލްގެ ފަހަތަށް ބާރު ބޮޑުކޮށްފައެވެ.
މެޗުގެ 83 ވަނަ މިނެޓުގައި އާސެނަލްއަށް ލީޑް ފުޅާ ކޮށްދިނީ ޕިއަރ އެމެރިކް އޮބަމަޔަންގެ އެހީތެރިކަމާ އެކު އެލެގްސެންޑްރާ ލަކަޒެޓްއެވެ.
މި ނަތީޖާއާ އެކު 31 މެޗުން ހޯދި 63 ޕޮއިންޓާ އެކު އަރސެނަލް އޮތީ ތާވަލުގެ ތިންވަނާގައެވެ. ނިއު ކާސަލް ކުޅުނު 32 މެޗުން ހޯދި 35 ޕޮއިންޓާ އެކު އޮތީ ތާވަލުގެ 14 ވަނާގައެވެ.
ޕްރިމިއާ ލީގުގެ ތާވަލުގެ އެއް ވަނާގައި 32 މެޗުން ހޯދި 79 ޕޮއިންޓާ އެކު ލިވަޕޫލް އޮތްއިރު، 31 މެޗުން ހޯދި 77 ޕޮއިންޓާ އެކު މެންޗެސްޓަރ ސިޓީ އޮތީ ތާވަލުގެ ދެވަނާގައެވެ. ޓޮޓަންހަމް ތާވަލުގެ ހަތަރު ވަނާގައި އޮތީ ކުޅުނު 31 މެޗުން ހޯދި 61 ޕޮއިންޓާއެކުއެވެ. ޕޮއިންޓްގެ ގޮތުން މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓަންހަމް އެއްވަރުވެފައި ވާއިރު ޗެލްސީ އޮތީ ކުޅުނު 31 މެޗުން ހޯދި 60 ޕޮއިންޓާ އެކު ތާވަލުގެ ހަވަނާގައެވެ.