ސްޕެނިޝް ލީގުގައި އާދިއްތަ ދުވަހު ކުޅުނު މެޗު ފަހަތުން އަރައި ހުއެސްކާ ބަލިކޮށް ރެއަލްމެޑްރިޑް ކާމިޔާބު ކޮށްފިއެވެ.
ރެއާލްމެޑްރިޑް މެޗު ކާމިޔާބުކުރީ ހުއެސްކާއާއި ވާދަކޮށް 2-3 ގެ ނަތީޖާއަކުންނެވެ.
ރެއާލްގެ ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑް ނެގީ ހުއެސްކާއިންނެވެ. މި ލަނޑު މެޗުގެ ތިން ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށް ދިނީ އެޒްކުއެލް އެވީލާގެ އެހީތެރި ކަމާއިއެކު ޖުއަން ކަމީލޯ ހެނަރންޑޭޒްއެވެ.
ހުއެސްކާގެ ލަނޑާއެކު މެޗުގެ ފުރަތަމަ ހާފްގެ ކުރީކޮޅު ރެއާލްމެޑްރިޑް ވަނީ މެޗުން މޮޅުވުމަށް ގިނަ މަސައްކަތް ތަކެއް ކުރަން ޖެހިފައެވެ.
ފުރަތަމަ ހާފްގައި ރެއާލުން އެ ޓީމުގެ ކުޅުން ރަނގަޅުކޮށް ހުއަސްކާގެ ގޯލްއަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ވަނީ ދީފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 25 ވަނަ މިނެޓުގައި ބްރަހިމް ޑިއާޒްގެ އެހީތެރި ކަމާއެކު ފްރާންސިސްކޯ ރޯމަން ވަނީ ރެއާލްއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.
ފުރަތަމަ ހާފްގައި ލަނޑު ޖެހުމަށް ދެޓީމަށް ވެސް ރަނގަޅު ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފައެވެ.
ފުރަތަމަ ހާފް ނިމުނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމް އެއްވަރު ވެގެންނެވެ.
ދެވަނަ ހާފް ފެށިގެން ބޯޅަ ކޮންޓްރޯލް ކޮށްގެން ރަނގަޅަށް ކުޅެމުންއައީ ރެއާލްއިންނެވެ. މެޗުގެ 62 ވަނަ މިނެޓުގައި ރެއާލްއަށް ލީޑް ނަގައި ދިނީ ކަރިމް ބެންޒެމާގެ އެހީތެރިކަމާއެކު ޑެނީ ސެބެލޮސްއެވެ.
ރެއާލްގެ ދެވަނަ ލަނޑާއެކު ހުއެސްކާއިން ވަނީ ލީޑް ނެގުމަށް ގިނަ މަސައްކަތް ތަކެއް ކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 74 ވަނަ މިނެޓުގައި ހުއެސްކާގެ މޯއީ ގޯމެޒްގެ އެހީތެރިކަމާއެކު ޒަބިއެރް އެގްޒޭޓިއާ ވަނީ އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.
ރެއާލުން މެޗުގެ ލީޑް ދެވަނަ ފަހަރަށް ނެގީ މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށެވެ. މި ލަނޑު މެޗުގެ 89 ވަނަ މިނެޓުގައި މަރސެލޮސްގެ އެހީތެރި ކަމާއެކު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގައި ރަނގަޅު ކުޅުމެއްދެއްކި ކަރިމް ބެންޒެމާއެވެ.