Advertisement
ކ. މާލެ
|
23 ފެބްރުއަރީ 2017 | ބުރާސްފަތި 03:17
ޑރ. މުހައްމަދު ޝައިނީ - އޭނާ ވަނީ ކުރީގެ ދެ ރައީސުންނަށް ފާޑުވިދާޅުވެފައި
ޑރ. މުހައްމަދު ޝައިނީ - އޭނާ ވަނީ ކުރީގެ ދެ ރައީސުންނަށް ފާޑުވިދާޅުވެފައި
އަޒުމޫން އަހުމަދު
ފ.އަތޮޅު ވިއްކާލުން
މައުމޫނާއި، ނަޝީދު މަސައްކަތްކުރައްވަނީ ނުލަފާ ރޭވުމެއްގެ ދަށުން ޤައުމުގެ އިޤްތިސާދު ހަލާކުކޮށްލަން: ޑރ. ޝައިނީ
ރައީސް ނަޝީދާއި، ރައީސް މައުމޫނު މަސައްކަތް ކުރައްވަނީ އިންވެސްޓަރުންގެ އިތުބާރު ގެއްލުވާލުމަށް
ފ.އަތޮޅު ވިއްކާލާ ވާހަކަ ފެތުރެން ފެށުމާއެކު ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން ވަނީ އުފެދިފައި
ސަރުކާރުން މިކަމާ ބެހޭ ގޮތުން ރަސްމީ އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރޭ

ކުރީގެ ރައީސުން ކަމުގައިވާ މައުމޫނު އަބްދުއް ޤައްޔޫމާއި، މުހައްމަދު ނަޝީދު، މަސައްކަތްކުރައްވަނީ ނުލަފާ ރޭވުމެއްގެ ދަށުން ޤައުމުގެ އިޤްތިސާދު ހަލާކުކޮށްލައްވަންކަމަށް ވިދާޅުވެ، ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

އެމްޑީއޭގެ ސްލޮޓެއްގައި މިނިސްޓަރު ކަމަށް ވަޑައިގެންނެވި އަދި ސަރުކާރަށް ހިފެހެއްޓުމެއްނެތި ސަނާ ކިޔުއްވާ، ސަރުކާރުގެ ދިފާއުގައި ތަފާތު އެކި ވާހަކަތައް ދައްކަވަމުންގެންދަވާ މިނިސްޓަރު ޝައިނީ ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވީ ނުލަފާ ރޭވުމެއްގެ ދަށުން ރާއްޖޭގެ އިޤްތިސާދު ހަލާކުކޮށްލެއްވުމަށް ކުރީގެ ދެ ރައީސުން މަސައްކަތްކުރައްވާއިރު، އެކަން ކުރައްވަމުން ގެންދަވަނީ ރާއްޖެއަށް އަންނަން ހުރި އިންވެސްޓަރުންގެ އިތުބާރު ގެއްލުވާލައިގެން ކަމަށެވެ.

 

 

ނުލަފާ ރޭވުމެއްގެ ދަށުން، ރާއްޖޭގެ އިޤްތިސާދު ހަލާކުކޮށްލެއްވުމަށް ކުރީގެ ދެ ރައީސް މަސައްކަތްކުރައްވާކަމަށް ޝައިނީ ވިދާޅުވިއިރު، ރާއްޖޭގެ ރަށްތަކާއި، އަތޮޅުތައް ވިއްކާލުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކާއި ދެކޮޅަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރައްވާނެކަމަށާއި، ރާއްޖޭގެ ރަށްތައް ވިއްކާލުމަށް އެއްވެސް ގޮތެއްގައި ތާއީދުނުކުރައްވާނެކަމަށް ރައީސް މުހައްމަދު ނަޝީދާއި، ރައީސް މައުމޫނު އަބްދުއްޤައްޔޫމް ވަނީ އިއުލާންކުރައްވާފަ އެވެ. އެ ދެބޭފުޅު އެ މޭރުމުން ވާހަކަދައްކަވާފައިވާއިރު، ސަރުކާރު ފ. އަތޮޅު ސައުދީ ރަސްގެފާނަށް ވިއްކާލުމަށް ނިންމާފައިވާކަމުގެ އަޑުތައް ވަނީ ގަދަވެފަ އެވެ.

ސަރުކާރުގެ އިސް އޮފިޝަލުންގެ ފަރާތުން އާންމުވެފައިވާ ބައެއް މައުލޫމާތުތަކަށް ބަލާއިރު، ސައުދީ ރަސްގެފާނު އަންނަ މަހު ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ފ. އަތޮޅު ބައްލަވައިގަތުމާ ގުޅޭގޮތުން އެއްބަސްވުންތަކުގައި ސޮއިކުރެވިގެންދާނެ އެވެ. އެކަމަށް ބާރުލިބޭގޮތަށް ރައީސް ޔާމީންވެސް ވާހަކަދައްކަވާފައިވާއިރު، ސަރުކާރުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މެމްބަރުންވެސް ގެންދަވަނީ އެކަމަށް ބާރުލިބިދޭގޮތަށް ވާހަކަދައްކަވަމުންނެވެ. އަދި މިހާތަނަށްވެސް އެކަން ދޮގުކޮށް ރަސްމީގޮތުން ސަރުކާރުގެ ފަރާތުން އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

23 ރަށާއި، ރީތި ފަރުތަކާއި، ފިނޮޅުތައް ހިމެނޭ ފ. އަތޮޅު ވިއްކާލައިފިނަމަ އެއީ ދިވެހިރާއްޖޭގެ ތާރީހުގައިވެސް ޤައުމުގެ އަތޮޅެއް ބޭރުގެ ބަޔަކަށް ވިއްކާލެވޭ ފުރަތަމަ ފަހަރަށްވެގެންދާނެ އެވެ. ދުނިޔޭގެ އެންމެ ކޮރަޕްޓް ސަރުކާރުތަކުގެ ތެރޭގައި ހިމެނޭ ސައުދީ ސަރުކާރުގެ އިސްވެރިންނަށް ޤައުމުން ބައެއް ވިއްކާލާކަމުގެ އަޑުތައް ފެތުރިފައިވާއިރު، އެ ސަރަހައްދުގައި ޤައުމުގެ ދުސްތޫރުގެ ބާރުވެސް ނުހިނގާނެ ކަމުގެ އަޑުތައްވެސް ވަނީ ފެތުރިފައިވެއެވެ.

ރައްޔިތުންގެ މެދުގައި މި މައްސަލައާ ބެހޭ ގޮތުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅު ކުރަމުން ގެންދާ އިރުވެސް ސަރުކާރުން އަދިވެސް މިކަން އޮތްގޮތް ރައްޔިތުންނަށް ސާފުކޮށްދިނުމުގެ ގޮތުން ރަސްމީ ސިފައެއްގައި އެއްޗެއް ބުނެފައެއް ނުވެއެވެ.

ފ. އަތޮޅުގެ މައުލޫމާތު:

  • ފ. އަތޮޅު އެކުލެވިގެންވަނީ 23 ރަށުގެ މައްޗަށް.
  • ފ. އަތޮޅުގެ އާބާދީއަކީ 4119.
  • ވެރިކަން ކުރާ ރަށަކީ ފ. ނިލަންދޫ.
  • ފ. އަތޮޅުގައި އޮންނަނީ އެންމެ ރިސޯޓެއް.
  • މީހުން ދިރިއުޅެނީ 05 ރަށުގައި، އެރަށްރަށަކީ:
    • ފީއަލީ
    • ބިލެއްދޫ
    • މަގޫދޫ
    • ދަރަނބޫދޫ
    • ނިލަންދޫ
  • މިއަތޮޅުގައި ހުރި ފަޅުރަށްރަށް:
    • ފިލިތެޔޮ (މިހާރު ރިސޯޓެއް)
    • މަކުނުއެރި
    • ބަޑިދުއްފުށީ ފިނޮޅު
    • ހިމިތި (ކުރިން މީހުން އުޅުނު ރަށެއް)
    • އެބުލުފުށި
    • ވޮށިމަސްފަރު ފިނޮޅު
    • މާފުށި (ޕިކްނިކް އައިލެންޑެއް)
    • މަގޫދޫ ބޮޑުފިނޮޅު (2004 ޑިސެމްބަރގެ ސުނާމީ ކާރިޘާގައި ނެތިދިއުމަށްފަހު އަލުން އުފެދެން ފަށާފައި)
    • މަޑިވަރު ހުރާ(ފިނޮޅު)
    • ޖިންނަތު ގައު
    • ކަނޑުމޫނުފުށި
    • މާވަރު ހުރާ
    • ގާހުރާ
    • އަދަން ގައު
    • ދިގުވަރު
    • ވިލިގިލިވަރު ފިނޮޅު
    • މިނިމަސްގަލި
    • ފާނުމާހުރާ
Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް