ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވާ އިންޓަ އޮފީސް ކޮމްޕެނީ ނެޓްބޯލް މުބާރާތުގެ އަންހެން ބައިގެ ފައިނަލުން މޯލްޑިވްސް އިމިގްރޭޝަން އަދި މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ޖާގަ ހޯދައިފި އެވެ.
އަންގާރަ ދުވަހުގެ ރޭ ކުޅުނު ސެމީފައިނަލް މެޗު އިމިގްރޭޝަނުން ކާމިޔާބުކުރީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއާ ވާދަކޮށް 40 ޕޮއިންޓް ހަ ޕޮއިންޓްގެ ތަފާތުބޮޑު ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އިމިގްރޭޝަންގެ ފަދުވާ ޒާހިރުއެވެ.
އަންގާރަ ދުވަހުގެ ރޭ ކުޅުނު ސެމީފައިނަލް ދެވަނަ މެޗު ކަސްޓަމްސް އިން ކާމިޔާބުކުރީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީއާ ވާދަކޮށް 38 ޕޮއިންޓް 18 ޕޮއިންޓުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އާމިނަތު ހަލީމް އެވެ.
އާންގާރަ ދުވަހުގެ ރޭ ކުޅުނު ފިރިހެން ސެމީ ފައިނަލް މެޗު އާސަންދަ ކޮމްޕެނީ ލިމިޓެޑާ ވާދަކޮށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ކާމިޔާބުކުރީ 32 ޕޮއިންޓް ނުވަ ޕޮއިންޓުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ހުސެއިން ޝިހާބު އެވެ.
މިއަހަރުގެ އޮފީސް ނެޓްބޯޅަ މުބާރާތުގައި ބައިވެރިވެފައިވާ ފިރިހެން ޓީމުތަކަކީ ކްލަބު އާސަންދަ، ކަސްޓަމްސް ރެކްރިއޭޝަން ކްލަބު، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ އަދި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އެވެ.
މުބާރާތުގައި ބައިވެރިވެފައިވާ އަންހެން ޓީމުތަކަކީ ކްލަބު އާސަންދަ، ކަސްޓަމްސް ރެކްރިއޭޝަން ކްލަބު، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ އަދި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)، ދިރާގު، ކްލަބު އިމިގްރޭޝަން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމެންޓް، މީޑިއާ ނެޓް، ޕޮލިސް ކްލަބު، އުރީދޫ، ސިމްޑީ އަދި ޓީމް އެސްޓީއޯ އެވެ.
މި މުބާރާތުގެ އިތުރުން ވެސް ނެޓްބޯލް އެސޯސިއޭޝަނުން ވަނީ މިއަހަރު ތެރޭ ގިނަ މުބާރާތްތަކެއް ހިންގުމަށް ކަލަންޑަރުގައި ހިމަނާފަ އެވެ.
މީގެ ތެރެއިން މިފަހަރު އެންމެ ފާހަގަކޮށްލެވޭ މުބާރާތަކީ މިއަހަރު މުޅިން އަލަށް ބޭއްވުމަށް ހަމަޖެހިފައިވާ މިކްސް ނެޓްބޯލް މުބާރާތެވެ. މިއީ ދެ ޖިންސުގެ ކުޅުންތެރިން އެއްކޮށް ކުޅުމަށް ކުޅުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ.