ކ. މާލެ
|
28 މާރޗް 2019 | ބުރާސްފަތި 23:35
އަރުޖުން ކަޕޫރާއި މަލައިކާ އަރޯރާ
ގޫގުލް
ބޮލީވުޑް
އަރްޖުން އާއި މަލައިކާ ކައިވެނި ކުރަން އުޅޭކަމަށް ދެކެވޭ ވާހަކަ ބޮނީ ކަޕޫރު ދޮގުކޮށްފި
މި ދެތަރިން ކައިވެނި ކުރުމަށް ހަމަޖެހިފައިވަނީ އެޕްރީލް 19 ގައި މުމްބާއީ ޗަރޗްގައި ކަމަށް ރިޕޯޓްތައް ބުނޭ

ބޮލީވުޑުގެ ދެ ތަރިން ކަމުގައިވާ އަރްޖުން ކަޕޫރާއި މަލައިކާ އަރޯރާ ކައިވެނި ކުރަން އުޅޭކަމަށް ދެކެވޭ ވާހަކަ އަރުޖުންގެ ބައްޕަ ބޮނީ ކަޕޫރު ދޮގުކޮށްފިއެވެ.

އަންނަ އޭޕްރީލް މަހު މަލައިކާ އާއި އަރުޖުން ކައިވެނި ކުރަން އުޅޭ ކަމަށް އަޑުފެތުރިފައިވާއިރު އެކަމާއި ގުޅޭ ގޮތުން ބޮނީ ކަޕޫރް ބުނެފައިވަނީ އެއީ ތެދު ވާހަކައެއް ނޫން ކަމަށެވެ. ރިޕޯޓްތައް ބުނާގޮތުން މި ދެތަރިން ކައިވެނި ކުރުމަށް ހަމަޖެހިފައިވަނީ އެޕްރީލް 19 ގައި މުމްބާއީ ޗާރޗްގައެވެ.

މަލައިކާ އާއި އަރުޖުން ޑޭޓް ކުރާކަމަށް އަޑު ފެތުރިފައިވާތާ އަހަރަކަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. އަރުޖުން ކުޅެފައިވާ ފިލްމް "ނަމަސްތޭ އިންގްލެންޑް" ރިލީޒް ކުރުމުގެ ކުރިން އެ ފިލްމް ޕްރޮމޯޓް ކުރުމުގެ މަސައްކަތް ކުރިއަށް ދިޔަ ދުވަސްވަރު ޓީވީ ޝޯ "އިންޑިއާސް ގޮޓް ޓެލެންޓް"ގައިވެސް މަލައިކާގެ އަތުގައި ހިފައިގެން ސްޓޭޖަށް އެރި މަންޒަރު ވަނީ ފެނިގެން ގޮސްފައެވެ.

ފަހަކަށް އައިސް މި ދެ ފަންނާނުން އެކުގައި އެކިއެކި ހަފްލާތަކުން ފެނިގެން ދާތީ މީޑިއާގައި ދެކެވޭ ވާހަކަތަކަށް ވަނީ އިތުރު ބާރެއް ލިބިގެން ގޮސްފައެވެ. 

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު މިލާން އެއަރޕޯޓްގައި މި ޖޯޑު އަތުގައި ހިފައިގެން ހިނގާފައި ދަނިކޮށް ނަގާފައިވާ ފޮޓޯއެއްވެސް ވަނީ ވައިރަލް ވެފައެވެ. ރިޕޯޓްތައް ބުނާ ގޮތުން އޮކްޓޯބަރު 23 ވަނަ ދުވަހު މަލައިކާގެ 45 ވަނަ އުފަންދުވަސް އިޓަލީގައި ފާހަގަ ކޮށްފައި ވަނީ އުމުރުން 33 އަހަަރުގެ އަރުޖުންއާ އެކުގައެވެ.

މަލައިކާ އާއި ފިލްމް ޑައިރެކްޓަރ އަދި އެކްޓަރ އަރުބާޒް ޚާންގެ 19 އަހަރުވީ ކައިވެނި ރޫޅިފައިވަނީ 2017 ވަނަ އަހަރުއެވެ. މަލައިކާ އާއި އަރްބާޒް ޚާންއަށް ފިރިހެން ދަރިއަކު ލިބިފައެއެވެ. އޭނާގެ ނަމަކީ އަރްހާން ޚާންއެވެ.

އަރުބާޒް މިހާރު ދަނީ އިޓަލީގެ މޮޑެލް ޖޯޖިއާ އެޑްރިއާނާ އާއި ޑޭޓް ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް