ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ވުމަންސް ފުޓުބޯލް ކްލަބް ގުޅިގެން އޭއެފްސީ ވުމަންސް ފުޓުބޯލް ޑޭ ފާހަގަ ކުރުމަށް ހަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް ވުމަންސް ފުޓުބޯލް ކްލަބުން ބުނެފިއެވެ.
ކޮންމެ އަަހަރެއްގެ ވެސް ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާ ދިމާކޮށް އެކި އުމުރުފުރާތަކުގެ އަންހެން ކަނބަލުންނާއި އަންހެން ކުދިންނަށް ހާއްސަކޮށްގެން އޭއެފްސީން އެކި ގައުމުތަކުގައި ފާހަގަ ކުރާ ވުމަންސް ފުޓުބޯލްޑޭ ރާއްޖޭގައި މިހާ ކުލަގަދަ ގޮތެއްގައި ފާހަގަކުރާ މިއީ ފުރަތަމަ ފަހަރެވެ.
ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާ ދިމާކޮށް އޭއެފްސީން ކުރިއަށް ގެންދާ ހަރަކާތް ރާއްޖޭގައި ކުރިއަށް ގެންދިއުމަށް އިސްވެ ހަރަކާތް ތެރިވަމުން ދަނީ ފެބްރުއަރީ މަސްތެރޭގައި އިފްތިތާހު ކުރެވުނު "ދި ވުމަންސް ފުޓްބޯލް ކްލަބް" އާއި އެފްއޭއެމް ގުޅިގެންނެވެ.
ވުމަންސް ފުޓްބޯލް ކްލަބަކީ ރާއްޖޭގައި އަންހެން ފުޓުބޯޅަ ކުރިއެރުވުމުގެ އިތުރުން، އަންހެނުން ބާރުވެރި ކުރުވުމުގެ މަޤުސަދުގައި އުފެއްދި ކްލަބެކެވެ. މީގެ އިތުރުންވެސް އެކި ގޮތްގޮތުން ފުޓްބޯޅަ އާއި ގުޅިފައި ތިބި އަންހެނުން އެއް ޕްލެޓް ފޯމެއްގައި ބޭތިއްބުމާއި، ރާއްޖޭގައި ވީހާވެސްގިނަ އަންހެން ކުޅުންތެރިން އުފައްދާ އެ ކުޅުންތެރިންނަށް ގައުމީ ފެންވަރެއްގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދިނުމަކީ ވެސް މި ކްލަބުގެ އަމާޒެކެވެ.
އެ ހަރަކާތާ ބެހޭ ގޮތުން ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ވުމަންސް ފުޓްބޯލް ކްލަބްގެ މެންބަރަކު ބުނީ މި ހަރަކާތުގެ އަމާޒަކީ ވީހާވެސް ގިނަ އަންހެން ކަނބަލުންނާއި ކުދިންނަށް ފުޓުބޯޅައާއި ގުޅުންހުރި ތަފާތު ގޭމްސްތަށް ކުޅެލުމުގެ ފުރުސަތު ހޯދައި ދިނުން ކަމާއި، ފުޓުބޯޅަ އަކީ މަޖާ ކުޅިވަރެއްގެ ގޮތުގައި ގިނަ ބަޔަކަށް ދައްކުވައި ދިނުމުގެ އިތުރުން، ވީ ހާވެސް ގިނަ އަންހެން ކަނބަލުންނާއި ކުދިން ފުޓުބޯޅަ އާއި ރަހުމަތްތެރު ކުރުވުން ކަމަށެެވެ.
30 މާރޗް ވާ ހޮނިހިރު ދުވަހު 15:00 އިން 18:15 އަށް ހެންވޭރު ދަނޑުގައިި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ހަރަކާތުގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި އުމުރުން 40 އަހަރުން މަތީގެ އަންހެން ކަނބަލުންނަށް ހާއްސަ ކުރެވިގެން ވޯކިން ފުޓުބޯޅަ ހިމަނާފައިވެއެވެ. މީގެ އިތުރުންވެސް، ޕެނަލްޓީ ޝޫޓިން، ފުޓްސަލް، މިނީ ކޮމްޕެޓިޝަންސް އާއި ކުޑަ ކުދިންނަށް ހާއްސަ ގޭމްސްތަކާއި ލަކީ ޑްރޯގެ އިތުރުން ފުޑް ކޯޓް ހިމަނާފައި ވެއެވެ.
ވުމަންސް ފުޓުބޯލް ކްލަބާއި އެފްއޭއެމް ގުޅިގެން ހިންގާ މި ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު ކަނބަލުންނާއި އަންހެން ކުދިންނަށް ހުޅުވައިލެވިފައި ވާ ކަމަށާއި، މީގެ ކުރިން ފުޓުބޯޅަ ކުޅެފައި ނުވަތަ ފުޓުބޯޅަ ކުޅެން އެނގޭ ފަރާތަކަށް ނުވި ނަމަވެސް ހޮނިހިރު ދުވަހުގެ ހަރަކާތުގައި ބައިވެރިވެވޭނެ ކަމަށް އެ ކްލަބުގެ މެންބަރު ބުންޏެވެ.