Advertisement
ކ. މާލެ
|
22 ފެބްރުއަރީ 2017 | ބުދަ 19:13
ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ވަރަށް އަވަހަށް ރާއްޖެވަޑައިގަންނަވާނެ
ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ވަރަށް އަވަހަށް ރާއްޖެވަޑައިގަންނަވާނެ
ގޫގުލް
ސައުދީ ރަސްގެފާން
ސައުދީ ރަސްގެފާނުގެ ދަތުރުފުޅު: 3 ރިސޯޓް ބުކްކޮށްފައި، އަރިހުގައި 1500 އޮފިޝަލުން
ދަތުރުފުޅުގެ ބޮޑުބައި ހޭދަކުރައްވާނީ ޗުއްޓީގެ ގޮތުގައި
ދަތުރުފުޅުގައި ދެގައުމުގެ މެދުގައި މަޝްވަރާ ކުރެވޭނެ
ވަޒީރުންނާއިއެކު 1500 އޮފިޝަލުން ވަޑައިގަންނަވާނެ

އަންނަ މަހު ސައުދީއަރަބިޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް ރާއްޖެއަށް ކުރައްވާ ދަތުރުފުޅާއި ގުޅިގެން ތިން ރިސޯޓެއް ބުކްކޮށްފި އެވެ.

 

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ސައުދީ ރަސްގެފާނުގެ ދަތުރުފުޅާއި ގުޅިގެން މާލެ އަތޮޅުން ފަސްތަރީގެ 3 ރިސޯޓެއް ބުކްކޮށްފއިވަނީ 13 ދުވަހަށެވެ.

 

ކުރު ޗުއްޓީއަކާއި އެކު ސައުދީ ރަސްގެފާނުގެ ވަފުދު ރާއްޖޭގައި ހޭދަކުރައްވާނީ އަންނަ މަހުގެ 18 އިން 31 އާ ހަމައަށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ނަމަވެސް ރަސްގެފާނު ރާއްޖޭގައި ހޭދަކުރައްވާނެ ކަމަށް މައުލޫމާތު ލިބިފައިވަނީ 6 ދުވަހެވެ. 

 

ތިން ރިސޯޓް އެއްކޮށް ބުކްކުރައްވާﷲައިވާއިރު، ސައުދީ ރަސްގެފާނު ޗުއްޓީ ހޭދަކުރައްވަމުން ގެންދަވާ ދުވަސްކޮޅު އެމަނިކުފާނު ހުންނަވާ ރިސޯޓުގެ އެއްވެސް މުވައްޒަފަކު ރިސޯޓުން ބޭރަށް ދިއުންވެސް މަނަ އެވެ.

 

ސައުދީ ރަސްގެފާނު ރާއްޖެއަށް ވަޑައިގަންނަވަނީ އޭޝިއާގެ ފަސް ގައުމަކަށް ކުރައްވާ ދަތުރުފުޅެއްގައެވެ. އަދި އެމަނިކުފާނުގެ މި ދަތުރުފުޅުގައި ރަސްގެފާނު ދަތުރުކުރައްވާ މަތިންދާބޯޓުގެ އިތުރުން ފަސް މަތިންދާ ބޯޓާއި ދެ ހެލިކޮޕްޓަރު ރާއްޖެ އާދެ އެވެ.

 

ރާއްޖޭގެ އިތުރުން އިންޑޮނީޝިއާ، ޖަޕާން، ޗައިނާ އަދި މެލޭޝިއާ އަށް ވެސް ވަޑައިގަންނަވާނެ ކަމަށް ސައުދީ ގެޒެޓް ނޫހުގައި ބުނެފައިވެއެވެ.

 

އިންޑޮނީޝިއާގެ ސްޓްރެއިޓްސް ޓައިމްސް ނޫހުގައި ވާގޮތުން ސައުދީ ރަސްގެފާނު އެ ގައުމަށް ވަޑައިގަންނަވަނީ އަންނަ މަހު 1-9 އަށެވެ. އަދި ރަސްގެފާނާއިއެކު 10 ވަޒީރުންނާއި 1500 އޮފިޝަލުން އިންޑޮނޭޝިއާއަށް ވަޑައިގަންނަވާ ކަމަށް އެގައުމުގެ ސަރުކާރުގެ އޮފިޝަލަކާއި ހަވާލާދީ އެ ނޫހުގައި ބުނެފައިވެއެވެ.

 

ރަސްގެފާނާއެކު ބޮޑުވަޒީރުގެ ނައިބު އަދި ޑިފެންސް މިނިސްޓަރު ޑެޕިއުޓީ ކްރައުން ޕްރިންސް މުހައްމަދު ބިން ސަލްމާން ވެސް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

 

ސަލްމާން ރަސްގެފާނު ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ރަސްގެފާނު ދަތުރުކުރައްވާ މަތިންދާބޯޓުގެ އިތުރުން ފަސް މަތިންދާ ބޯޓާއި ދެ ހެލިކޮޕްޓަރު ރާއްޖެ އައުމަށް ހަމަޖެހިފައިވާތީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާއިރު ވެސް 1،500 އޮފިޝަލުން ބައިވެރިވެވަޑައިގަންނަވާނެ މައުލޫމާތު ލިބިފައިވެއެވެ.

 

މިދަތުރާއި ގުޅޭ އެއް ވެސް ރަސްމީ މައުލޫމާތެއް މިހާތަނަށް ދިވެހި ސަރުކާރުންވެސް އަދި ސައުދީ ސަރުކާރުންވެސް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ރަސްގެފާނުގެ މި ދަތުރުފުޅުގެ ބޮޑުބައި ހޭދަކުރައްވާނީ ޗުއްޓީގެ ގޮތުގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

 

ސައުދީ ރަސްގެފާނު ރާއްޖެ ވަދައިގަންނަވާމީ ދެވަނަ ފަހަރެވެ. މީގެކުރިން ރާއްޖެ ވަޑައިގަންނަވާފައިވަނީ ޑިފެންސް މިނިސްޓަރު ކަމުގައި ހުންނެވި އިރު 2014 ވަނަ އަހަރުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް