ސަރުކާރުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ރަށްރަށުގެ ސްޕޯޓްސް ކައުންސެލަރުންނަށް އައްޔަނު ކުރެވުނު ފަރާތްތަކަށް ސެޓްފިކެޓް ދިނުމާއި ސްޕޯޓްސް އޮޑިޓް ނިމުން ފާހަގަކޮށްފިއެވެ.
ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި މި ރަސްމިއްޔާތުގައި ވަނީ ސިވިލް ސާވިސްގެ މަގާމެއްގެ ގޮތުގައި އިއުލާނުކުރި ސްޕޯޓްސް ކައުންސެލަރުންގެ 200 މަގާމުގެ ތެރެއިން 88 މަގާމަށް މީހުން އައްޔަންކޮށް މަގާމުގެ ސެޓްފިކެޓް ހަވާލުކޮށްފައެވެ.
ރަށްރަށުގައި ކުރިއަށްގެންދާ ކުޅިވަރު ހަރަކާތްތައް ރާވައި ހިންގުމުގައި އިސްކޮށް ހަރަކާތްތެރި ވާނީ މި ކައުންސިލަރުންނެވެ.
ސްޕޯޓްސް ކައުންސިލަރުންގެ ގޮތުގައި 200 މަގާމު ސިވިލް ސަރވިސް އޮނިގަނޑަށް އިތުރު ކުރެވިފައިވާ ކަމަށް ރައީސުލްޖުމްހުރިއްޔާ، އިބްރާހިމް މުހަމަދު ސޯލިހު ވިދާޅުވެފައި ވަނީ ފެބްރުއަރީ މަހު ދެއްވި ރިޔާސީ ބަޔާނުގައެވެ.
ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެކްޓިން ޔޫތު މިނިސްޓަރ އަލީ ވަހީދު ވަނީ ސްޕޯޓްސް ކައުންސެލަރުންނަށް އައްޔަންކުރި މީހުން ސިޔާސީ ކަންތައްތަކުގައި މަސްއޫލުވެ ނޫޅުމަށް އެދިވަޑައިގެންފައެވެ. އަދި އިހުޒަމާނުގައި އޮތް އެކުވެރިކަމާއި ކުޅިވަރަށް އޮތް ފޯރި އަލުން އަނބުރާ ގެނެސްދިނުމަށް މަސައްކަތްކޮށްދިނުމަށް ވެސް އެދިވަޑައިގަންނަވާފައި ވެއެވެ.
މިނިސްޓަރގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ރާއްޖޭގެ ކުޅިވަރުގެ ހާލަތު އޮތީ ފުން އަނދަވަޅެއްގައި ކަމަށެވެ. ވަންނާނެ ތަނެއް ނެތި ކުޅިވަރުގެ ބައެއް އެސޯސިއޭޝަންތަކުން އަދިވެސް އުޅޭ ކަމަށާއި، ބައެއް އެސޯސިއޭޝަންތައް ހިންގަނީ ސައިކަލު މަޑިދަށުގައި ކަމަށެވެ. އަދި ކުރީގެ ސަރުކާރުން އެޅި ކުޅިވަރުގެ ގިނަ ދަނޑުތައް މަރާމާތުކުރަން ޖެހޭ ކަމަށާއި އެކަމަށް އާއްމުންގެ އެހީތެރިކަން ބޭނުންވާ ކަމަށް ވިދާޅުވިއެވެ.