ބައިނަލްއަގުވާމީ ރަހުމަތްތެރިކަމުގެ މެޗުތައް އާޖެންޓީނާ އާއި ބްރެޒިލް އިން ކާމިޔާބު ކޮށްފިއެވެ.
އާޖެންޓީނާ މެޗު ކާމިޔާބުކުރީ މޮރޯކޯއާ ވާދަކޮށް 0-1 ގެ ނަތީޖާ އަކުންނެވެ.
ގްރޭންޑް ޓެންގަރ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ފެނިގެން ދިޔައިރު، ފުރަތަމަ ހާފްގައި ގިނަ ވަގުތު ބޯޅަ ކޮންޓްރޯލް ކޮށްގެން ކުޅެމުން ދިޔައީ މޮރޯކޯއިންނެވެ.
އާޖެންޓީނާގެ ގޯލާ އަމާޒުކޮށް މޮރޯކޯ އިން ގިނަ ހަމަލާތަކެއް ފޮނުވާލާފައި ވީނަމަވެސް އަޖެންޓީނާގެ ކީޕަރު ވަނީ ހަމަލާތަށް ދިފާއުކޮށްފައެވެ. އާޖެންޓީނާގެ ޑީބާލާއަށް ފުރަތަމަ ހާފްގައި ލީޑް ނެގުމަށް ރަނގަޅު ފުރުސަތެއް ލިބި ވަނީ ބޭކާރުވެފައެވެ.
ބަރސެލޯނާގެ ތަރި އަދި އަރޖެންޓީނާގެ ކެޕްޓަން މެސީ މި މެޗުގައި ކުޅެފައެއް ނުވެއެވެ.
މެޗުގެ ފުރަތަމަ ހާފް ނިމުނީ 0-0 ގެ ނަތީޖާއަކުން ދެ ޓީމް އެއްވަރުވެގެންނެވެ.
ދެވަނަ ހާފް ފެށިގެން ގިނަ ވަގުތު ބޯޅަ ކޮންޓްރޯލް ކޮށްގެން ރަނގަޅަށް ކުޅެފައި ވަނީ އާޖެންޓީނާއިންނެވެ. މޮރޯކޯގެ ފަހަތަށް ބާރު ބޮޑުކޮށް އެ ޓީމުގެ ގޯލަށް އަމާޒުކޮށް އާޖެންޓީނާ އިން ވަނީ ރަނގަޅު ހަމަލާތަކެއް ފޮނުވާލާފައެވެ.
މެޗު ނިމެން ކުޑަ ވަގުތު ކޮޅަކަށް ވެފައި ވަނިކޮށް މެޗުގެ 83 ވަނަ މިނެޓުގައި އާޖެންޓީނާ އަށް މެޗުގެ ލީޑް ނަގައި ދިނީ މާޓިއަސް ސުއަރޭޒްގެ އެހީތެރި ކަމާ އެކު އޭންޖަލް ކޯރިއާއެވެ.
ބައިނަލްއަގުވާމީ ރަހުމަތްތެރިކަމުގެ މެޗެއްގައި މޮރޯކޯ އާއި އާޖެންޓީނާ ވާދަކުރި މިއީ ތިން ވަނަ ފަހަރެވެ. މި ދެ ޓީމު އެންމެ ފުރަތަމަ ރަހުމަތްތެރި ކަަމުގެ މެޗެއް ކުޅެފައި ވަނީ 1994 ވަނަ އަހަރެވެ. އެ މެޗް 1-3 ގެ ނަތީޖާއަކުން މޮރޮކޯ ކާމިޔާބުކޮށްފައި ވާއިރު، 2004 ވަނަ އަހަރުގެ މެޗު އާޖެންޓީނާ ކާމިޔާބުކޮށްފައި ވަނީ ވެސް 0-1 ގެ ނަތީޖާއަކުންނެވެ.
ބައިނަލްއަގުވާމީ ރަހުމަތްތެރިކަމުގެ މެޗު ބްރެޒިލް ކާމިޔާބުކުރީ ޗެކް ރިޕަބްލިކް އާއި ވާދަކޮށް 1-3 ގެ ނަތީޖާ އަކުންނެވެ.
ބްރެޒިލްގެ ފަރާތުން ވަރުގަދަ ކުޅުމެެއް ފެނުނު މި މެޗުގައި ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅެފައި ވަނީ އެ ޓީމުންނެވެ.
އެހެން ނަމަވެސް ބްރެޒިލްގެ ޑިފެންސް ލައިނަށް ހެދުނު ގޯހެއްގެ ބޭނުން ހިފައި ޗެކް ރިޕްބަލިކުން ވަނީ މެޗުގެ 37 ވަނަ މިނެޓުގައި ލީޑް ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށް ދިނީ ޑޭވިޑް ޕަވެލްކާއެވެ.
ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއަކުން ޗެކް ރިޕަބްލިކް ލީޑްގައި އޮވެގެންނެވެ.
ދެވަނަ ހާފް ފެށިގެން ބްރެޒިލްއިން ވަނީ ޗެކް ރިޕަބްލިކްގެ ގޯލަށް ވަރުގަދަ ހަމަލާތަކެއް އަމާޒުކޮށް ފޮނުވާލާފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 49 ވަނަ މިނެޓުގައި ރޮބާޓޯ ފަރމިނޯ ވަނީ އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.
މި ލަނޑަށް ފަހުގައި ބްރެޒިލްގެ ކުޅުން އިތުރަށް ރަނގަޅުކޮށް މެޗުގެ 83 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑް ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ގެބްރިއަލް ޖީސަސްއެވެ.
މެޗުގެ 90 ވަނަ މިނެޓުގައި ބްރެޒިލް އަށް ތިން ވަނަ ލަނޑު ކާމިޔާބުކޮށްދީ ލީޑް އިތުރަށް ފުޅާ ކޮށްދިނީ ވެސް ޖީސަސްއެވެ.
މި ދެ ޓީމު 1997 ވަނަ އަހަރު ފީފާ ކޮންފިޑަރޭޝަން ކަޕްގައި ކުޅުނު މެޗު 0-2 ގެ ނަތީޖާއަކުން ބްރެޒިލް ކާމިޔާބުކޮށްފައި ވާއިރު ބްރެޒިލް މަޝްހޫރުވެފައި ވަނީ ދުނިޔޭގެ ފުޓުބޯޅައިގެ ރަސްގެފާނުންގެ ގޮތުގައެވެ.
2019 ވަނަ އަހަރުގެ ކޮޕާ އެމެރިކާ އާއި، 2022 ވަނަ އަހަރު އޮންނަ ވޯލްޑްކަޕަށް ބްރެޒިލް ތައްޔާރުވަމުން ދާއިރު، ބްރެޒިލް ޓީމަށް ވަނީ ގިނަ އައު ކުޅުންތެރިންތަކެއް ގެނެސްފައެވެ.
އެކުވެރިކަމުގެ މެޗުތަކަށް ސްކޮޑް އެކުލަވާލާފައިވާއިރު، ބްރެޒިލް ޓީމުގެ ކެޕްޓަން ނޭމާ ޖޫނިއާ އަނިއާގައި ހުރުމުން ޓީމަށް ނަގާފައެއް ނުވެއެވެ.