ޔޫރޯ ކޮލިފައިންގައި ސްޕެއިން ކުޅުނު ދެވަނަ މެޗު ވެސް ކާމިޔާބުކޮށް ގުރޫޕް އެފްގެ އެއް ވަނާގައި ހަމަޖެހިލައިފިއެވެ.
ބުދަ ދުވަހުގެ މެޗު ސްޕެއިން ކާމިޔާބުކުރީ މޮލްޓާ އާއި ވާދަކޮށް 0-2 ގެ ނަތީޖާ އަކުންނެވެ.
ޓަގާލީ ނެޝަނަލް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ގިނަ ވަގުތު ބޯޅަ ކޮންޓްރޯލް ކޮށްގެން ރަނގަޅަށް ކުޅުނީ ސްޕެއިނުންނެވެ.
މެޗުގެ 31 ވަނަ މިނެޓުގައި މާރިއޯ ހާމޮސޯގެ އެހީތެރި ކަމާ އެކު އަލްވެރޯ މޮރާޓާ ވަނީ ސްޕެއިން އަށް ލީޑް ނަގައިދީފައެވެ. މި ލަނޑަށް ފަހުގައި ވެސް ދެ ޓީމަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފައެވެ.
ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއަކުން ސްޕެއިން ލީޑްގައި އޮވެގެންނެވެ.
މެޗުގެ 73 ވަނަ މިނެޓުގައި ސްޕެއިން އަށް ލީޑް އިތުރަށް ފުޅާކޮށްދިނީ ޖީޒަސް ނަވާސްގެ އެހީތެރި ކަމާ އެކު އަލްވެރޯ މޮރާޓާއެވެ. މެޗުގައި ފެނިގެން ދިޔަ ދެ ލަނޑު ވެސް ސްޕެއިން އަށް ކާމިޔާބު ކޮށްދީފައި ވަނީ އެޓްލެޓިކޯ މެޑްރިޑްގެ މޮރާޓާއެވެ.
މި ނަތީޖާއާ އެކު ގުރޫޕް އެފްގެ އެއްވަނާގައި ކުޅުނު ދެ މެޗުން ލިބުނު ހަ ޕޮއިންޓާ އެކު ސްޕެއިން އޮތްއިރު، މެޗުން ބަލިވި މޮލްޓާ އޮތީ ކުޅުނު ދެ މެޗުން ލިބުނު ތިން ޕޮއިންޓާ އެކު ޕޮއިންޓްގެ ގޮތުން ރޫމޭނިއާއާ އެއްވަރުވެ މައިނަސް އެއްގޯލުގެ ތަފާތަކުން ގުރޫޕުގެ ހަތަރުވަނާގައެވެ. ރޫމޭނިއާ އޮތީ ގުރޫޕުގެ ތިންވަނާގައެވެ.
ސްޕެއިން ވަނީ ކޮލިފައިންގައި ކުޅުނު ފުރަތަމަ މެޗު ނޯވޭއާ ވާދަކޮށް 1-2 ގެ ނަތީޖާ އަކުން ކާމިޔާބުކޮށްފައެވެ. 2018 ވަނަ އަހަރުގެ ވޯރލްޑްކަޕްގައި ޕެނަލްޓީޖަހައިގެން ރަޝިއާ އަތުން ސްޕެއިން ބަލިވެ ވޯރލްޑްކަޕުން ކެޓުމާ ގުޅިގެން ޓީމަށް ވަނީ ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެފައެވެ.
ވޯރލްޑްކަޕްގެ ފަހުން ކުޅުނު ނޭޝަންސް ލީގުން ވެސް ސްޕެއިން ކަޓާފައިވާއިރު ޔޫރޯ ކޮލިފައިންގައި ރަނގަޅު ނަތީޖާއެއް ނެރެ 2020 ގެ ޔޫރޯ ކާމިޔާބުކުރުމުގެ މުހިއްމުކަން ސްޕެއިންއަށް ބޮޑެވެ.