ޔޫރޯ ކޮލިފައިންގައި އިޓަލީ ކުޅުނު ދެވަނަ މެޗުވެސް ތަފާތުބޮޑު ނަތީޖާއަކުން ފަސޭހަ ކަމާއިއެކު ކާމިޔާބުކޮށްފިއެވެ.
އިޓަލީ މެޗު ކާމިޔާބުކުރީ ލެޝްޓެންސްޓައިންއާ ވާދަކޮށް 0-6 ގެ ނަތީޖާއަކުންނެވެ.
ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅެފައި ވަނީ އިޓަލީންނެވެ. މެޗުގެ ލީޑް 17 ވަނަ މިނެޓުގައި އެ ޓީމުން ނެގިއިރު، އިޓަލީގެ ފުރަތަމަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލިއަނަރޑޯ ސްޕިންޒޯލާގެ އެހީތެރިކަމާ އެކު ސްޓެފާނޯ ސެންސެއިއެވެ.
އިޓަލީގެ ފަރާތުން ރަނގަޅު ހަމަލާތަކެއް ފެނުނު މި މެޗުގައި އިޓަލީގެ ދެވަނަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށް ދިނީ 32 ވަނަ މިނެޓުގައި މަރކޯ ވެރާޓީއެވެ.
އިޓަލީގެ ދެވަނަ ލަނޑާ އެކު ލެޝްޓެންސްޓައިން އަށް އިތުރަށް ބާރު ބޮޑުވެގެން ދިޔައީ ނިކޮލަސް ހެސްލަރ ކުރި ފައުލަކުން އިޓަލީއަށް ލިބުނު ޕެނަލްޓީންނެވެ. މެޗުގެ 35 ވަނަ މިނެޓްގައި ލިބުނު މި ޕެނަލްޓީ އިޓަލީއަށް ކާމިޔާބުކޮށްދިނީ ފެބިއޯ އަގުއެރެއްލާއެވެ.
އިޓަލީގެ ތިންވަނަ ލަނޑާ އެކު ލެޝްޓެންސްޓައިން އަށް ޕްރެޝަރ ބޮޑުވެ އެ ޓީމުގެ ޑެނައިލް ކޮފްމަން ޕެނަލްޓީ އޭރިއާ ތެރޭން ކުރި ފައުލަކާ ގުޅިގެން އޭނާއަށް ވަނީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.
ފުރަތަމަ ހާފްގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަތަރު މިނެޓު ތެރޭ އެ ޓީމަށް ކާމިޔާބުކޮށްދިނީ ވެސް ފެބިއޯ އަގުއެރެއްލާއެވެ.
ފުރަތަމަ ހާފް ނިމުނީ 0-4 ގެ ނަތީޖާއަކުން އިޓަލީ ލީޑްގައި އޮވެގެންނެވެ.
ދެވަނަ ހާފް ފެށިގެން ލެޝްޓެންސްޓައިން ކުޅެމުން އަައީ އެއް ކުޅުންތެރިއަކު މަދުކޮށް 10 ކުޅުންތެރިންނާ އެއްކޮށެވެ.
ބޮޑު ލީޑަކާ އެކު ދެވަނަ ހާފްގައި އިޓަލީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު ލެޝްޓެންސްޓައިން ވަނީ ފަރަގު ކުޑަކުރުމަށް މަސައްކަތް ކޮށްފައެވެ. އެހެން ނަމަވެސް ލިބުނު ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި އެ ޓީމަށް ހިފިފައެއް ނުވެއެވެ.
މެޗުގެ 69 ވަނަ މިނެޓުގައި އިޓަލީއަށް ލީޑް އިތުރަށް ފުޅާ ކޮށްދިނީ ފެބިއޯ އަގުއެރެއްލާގެ އެހީތެރިކަމާ އެކު މޮއިސް ކީންއެވެ. މި ލަނޑާއެކު އިޓަލީން ފަސް ގޯލުގެ ތަފާތު ބޮޑު ލީޑެއް ނެގިއިރު ލެޝްޓެންސްޓައިންގެ ޑިފެންޑަރުންނަށް ވަނީ އިޓަލީ ހިފަހައްޓާ ނުލެވިފައެވެ.
އިޓަލީގެ ހަވަނަ ލަނޑު މެޗުގެ 76 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ ލިއެނަރޑޯ ޕެވޮލެޓީއެވެ.
މި ނަތީޖާއާ އެކު ކުޅުނު ދެ މެޗުން ލިބުނު ހަ ޕޮއިންޓާ އެކު އިޓަލީ ގުރޫޕު ޖޭގެ އެއްވަނާގައެވެ. މެޗުން ބަލިވި ލެޝްޓެންސްޓެއިން ކުޅުނު ދެ މެޗުން ޕޮއިންޓެއް ލިބިފައި ނުވާއިރު އެ ޓީމު އޮތީ ގުރޫޕުގެ ފަސްވަނާގައެވެ.