ސައުތުވެސްޓް އެއަރލައިންސް ގެ ބޯއިންގ 737 މެކްސްގެ ބޯޓެއް އިންޖީނުގެ މައްސަލަ ފާހަގަ ކުރެވިގެން ފްލޮރިޑާގެ އޯލާންޑޯގައި ކުއްލިހާލަތުގައި ޖައްސާފައިވާ ކަމަށް ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަނުން ބުނެފިއެވެ.
އަންގާރަ ދުވަހު އޯލާންޑޯ އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރިތަނުން ބޯޓުގެ ކްރޫވަނީ ކުއްލިހާލަތު އިއުލާނުކޮށް އަނބުރާ އެއަރޕޯޓުގައި ޖައްސާފައެވެ.
ބޯޓުގައި އެއްވެސް ފަސިންޖަރަކު ދަތުރު ކޮށްފައެއްނުވެއެވެ. ސައުތުވެސްޓް އެއަރލައިނުންވެސް ވަނީ ބޯއިންގ 737 މެކްސްގެ ބޯޓްތައް ގްރައުންޑްކުރަން ނިންމާފައެވެ.
އެމެރިކާގައި ބޯއިންގ 737 މެކްސްގެ ބޯޓުތަކުގެ ދަތުރުތައް މާރިޗް މަހުގެ 13 ވަނަ ދުވަހުން ފެށިގެން ހުއްޓާލާފައި ވަނީ އިތިއޯޕިއަން އެއަލައިންގެ ބޯއިންގ މެކްސް 8 ގެ ބޯޓެއް މާރިޗް މަހުގެ 10 ވަނަ ދުވަހު ވެއްޓުނު ހާދިސާއަށް ފަހުއެވެ.
ނައްޓާލިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވެއްޓުނު އިތިއޯޕިއަން އެއަރލައިންގެ ފްލައިޓުން ދަތުރުކުރި 157 މީހުން ވަނީ މަރުވެފައެވެ. މިއީ ބޯއިންގ 737 މެކްސް 8ގެ ބޯޓަކަށް ފަސް މަސްދުވަހުގެ ތެރޭ ދިމާވި މިފަދަ ދެވަނަ ހާދިސާއެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ވެއްޓުނު ލަޔަން އެއަރގެ ބޯޓަކީ ވެސް މި މޮޑެލްގެ ބޯޓެކެވެ. ނައްޓާލިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވެއްޓުނު މި ބޯޓުން ދަތުރު ކުރި 189 މީހުން ވަނީ މަރުވެފައެވެ.
އެމެރިކާގައި ބޯއިންގ 737 މެކްސްގެ ބޯޓްތައް ދުއްވުން ހުއްދަ ނަމަވެސް ފަސިންޖަރުން އުފުލުން ހުއްދައެއް ނުކުރެއެވެ.