ޗައިނާގެ ޔުނާން ޕްރޮވިންސްގެ ކުންމިންގގައި ބޭއްވުމަށް ހަމަޖެހިފައިވާ "ސައުތު އެންޑް ސައުތު އީސްޓް އޭޝިޔާ ކޮމޯޑިޓީ އެކްސްޕޯ އެންޑް އިންވެސްޓްމެންޓް ފެއަރ 2019" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއިން ކުރި އިއުލާނެއްގައި ބުނެފައިވަނީ މިފެއަރ އޮންނާނީ މިއަހަރުގެ ޖޫން މަހުގެ 12 އިން 18އަށް ޗައިނާގެ ކުންމިންގ ގައި ކަމަށެވެ.
މިފެއަރގައި ދިވެހި އުފެއްދުންތައް ދައްކާލައި، ވިއްކުމުގެ ފުރުޞަތު ލިބިންގެންދާނެއެވެ.
އެހެންކަމުން މި ފެއަރގެ ސަބަބުން ދިވެހި އުފެއްދުންތައް ބޭރުގެ މާކެޓުގައި ވިއްކުމަށް ހުރި ގޮންޖެހުންތައް ދެނެގަނެވި، ދިވެހި އުފެއްދުންތައް ވާދަވެރި މާކެޓުތަކުގައި ވިއްކުމުގައި ފަސޭހަވެގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.
އަދި މިފަދަ އުފެއްދުންތައް އުފައްދާ ބޭރުގެ ފަރާތްތަކާއި ގުޅުންބަދަހިވެ، ދިވެހި އުފެއްދުންތައް މެކެނައިޒްކުރެވޭނެ ވަސީލަތްތައް ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށާއި މިފެއަރއަކީ، ޗައިނާގެ އުފެއްދުންތަކުގެ އިތުރުން ދެކުނު އޭޝިޔާގެ ގިނަ ޤައުމުތަކުގެ އުފެއްދުންތައްވެސް ފެނިގެންދާނެ ފެއަރއެއްކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މިފެއަރގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ފޯރމް ފުރިހަމަކުރިމަށް ފަހު 07 އޭޕްރިލް 2019 އިން 11 އެޕްރީލް 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށް އިކޮނޮމިކް މިނިސްޓްރީއަށް ފޯމް ހުށަހެޅުމަށް އެދޭ ކަމަށާއި ފޯމް އީމެއިލް ކުރައްވާނަމަ މި މުއްދަތުގެ ތެރޭގައި [email protected] އަށް އީމެއިލް ކުރެއްވުމަށް އިކޮނޮމިކް ނިސްޓްރީން ވަނީ އެދިފައެވެ.
މިފެއަރގައި ބައިވެރިމުވަމަށް ހުށައަޅާ ފަރާތްތަކުން މިފެއަރގައި ބައިވެރިވުމުގެ ހަރަދު ހަމައްޖައްސަންޖެހޭނީ އަމިއްލައަށެވެ.. ނަމަވެސް މިފެއަރގައި ބައިވެރިވާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން އިކޮނޮމިކް މިނިސްޓްރީއިން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.