މޯލްޑިވް ގޭސްއިން 'ލުއި ފަސޭހަ ޕްރޮމޯ 2019'ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފިއެވެ.
އެކުންފުނިން މައުލޫމާތުދިން ގޮތުގައި މިއީ ރޯދަ މަހާއި ދިމާކޮށް ކުރިއަށްގެންދާ ހާއްސަ ޕްރޮމޯޝަނެކެވެ. އެގޮތުން މި ޕްރޮމޯޝަންގެ ތެރެއިން މިހާރު ދަގަނޑު ގޭސް ފުޅި ގެންގުޅޭ ފަރާތްތަކުން ލުއި ފުޅިއަށް ބަދަލު ކުރުމަށް ފުރުޞަތު ދިނުމަށް ވަނީ ނިންމާފައެވެ.
ލުއި ފުޅިއެއް ކުރިން ވިއްކަމުން އައީ 1774ރ. އަށް ކަމަށްވާއިރު، މިޕްރޮމޯޝަންގެ ދަށުން 1000 ރުފިޔާއަށް ލުއިފުޅިއެއް ލިބޭނެ ކަމަށް މޯލްޑިވް ގޭސްއިން މައުލޫމާތުދެއެވެ. މި ޕްރޮމޯޝަނާއި އެކު މި ފުޅީގެ އަގު މިވަނީ 774ރ. ހެޔޮވެފައެވެ.
އެކުންފުނިން ބުނީ ދަގަނޑު ފުޅި، ލުއި ފުޅިއަށް ބަދަލުކުރަން ބޭނުންވާ ކަސްޓަމަރުން މިހާރުން ފެށިގެން 1616އަށް ގުޅުމަށްފަހު ފުޅި ބަދަލުކުރަން އެދުމުން ޑެލިވަރީކޮށްދޭނެ ކަމަށެވެ. އެގޮތުން މާލެ، ހުޅުމާލެ، ވިލިމާލެއަށް ޑެލިވަރީގެ ޚިދުމަތްދޭނެ ކަމަށާއި އެހެންނަމަވެސް އަތޮޅުތެރޭގެ ރަށްރަށުގައި މިޕްރޮމޯޝަން ކުރިއަށް ނުދާނެކަމަށް މޯލްޑިވް ގޭސްއިން ބުންޏެވެ.
މިޕްރޮމޯޝަން ކުރިއަށްދާނީ މިހާރު ހުރި ލުއި ފުޅީގެ ސްޓޮކް ހުސްވަންދެން ކަމަށް އެކުންފުނިން ބުންޏެވެ.
ރާއްޖޭގައި ގޭހުގެ ޚިދުމަތް ދެމުން އަންނަތާ 17 އަހަރަށްވުރެ ގިނަ ދުވަސްވީ މޯލްޑިވް ގޭހުންވަނީ، ރާއްޖެއަށް އެންމެ ފުރަތަމަ ލުއިފުޅި ތަޢާރަފްކޮށްފައެވެ.
އެގޮތުން ލުއިފުޅިއަކީ ހުރިހާ ގޮތަކުންވެސް ރައްކާތެރިކަން ބޮޑު ފުޅިއަކަށްވާއިރު، ގޭސް ބޭނުން ކުރެވޭ މިންވަރު ފެންނަން ހުންނާނެ ކަމަށާއި، ދަގަނޑު ފުޅިއާއި ޚިލާފަށް ފައިބަރ ކޯޓިންގެ އިތުރުން ފުޅި ލުއިވެފައި ރީތިވާނެއެވެ.
ރާއްޖޭގެ ގިނަ ހޮސްޕިޓަލްތަކަށް މެޑިކަލް ގޭސް ވެސް ފޯރުކޮށްދޭ އެ ކުންފުނީގެ އަމާޒަކީ އެކުންފުނިން ގެންގުޅޭ ދަނގަޑު ފުޅި އެއްކޮށް ބޭނުންކުރުން ހުއްޓާލުމަށްފަހު ހުރިހާ ކަސްޓަމަރުންވެސް ލުއި ފުޅިއަށް ބަދަލުކުރުން ކަމަށް މޯލްޑިވް ގޭސްއިން ބުންޏެވެ.