ޔޫރޯ ކޮލިފައިންގައި ކުޅުނު ދެވަނަ މެޗުގައި އެމްބަޕޭ އާއި ގްރީޒްމަންގެ ލަނޑާ އެކު ތަފާތު ބޮޑު ނަތީޖާއަކުން ފްރާންސުން އައިސްލޭންޑް ބަލިކޮށްފިއެވެ.
އަންގާރަ ދުވަހުގެ މެޗު ފްރާންސް ކާމިޔާބުކުރީ އައިސްލޭންޑްއާ ވާދަކޮށް 0-4 ގެ ނަތީޖާއަކުންނެވެ.
މެޗުގެ 12 ވަނަ މިނެޓުގައި ކީލިން އެމްބަޕޭގެ އެހީތެރިކަމާ އެކު ސެމިއުލް އުމްޓިޓީ ކާމިޔާބުކޮށްދިން ލަނޑާ އެކު ފްރާންސް ވަނީ މެޗުގެ ކުރީކޮޅު ލީޑް ނަގާފައެވެ.
2018 ވަނަ އަހަރުގެ ވޯލްޑްކަޕް ޗެމްޕިއަން ފްރާންސްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްކޮށްގެން ކުޅެފައިވަނީ ފްރާންސްއިންނެވެ.
ފުރަތަމަ ހާފްގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމަށް ވެސް ލިބި ވަނީ ބޭކާރުވެފައެވެ.
ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއަކުން ފްރާންސް ލީޑްގައި އޮވެގެންނެވެ.
ދެވަނަ ހާފްގައި ފްރާންސްގެ ދެވަނަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީ ލީޑް އިތުރަށް ފުޅާކޮށް ދިނީ މެޗުގެ 68 ވަނަ މިނެޓުގައި ބެންޖަމިން ޕަވަރޑްގެ އެހީތެރިކަމާ އެކު އޮލީވިއަރ ޖިރޫޑްއެވެ.
ފްރާންސްގެ ތިން ވަނަ ލަނޑު މެޗުގެ 78 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ އެންޓޮން ގްރީޒްމަންގެ އެހީތެރިކަމާ އެކު ކީލިން އެމްބަޕޭއެވެ.
ގްރީޒްމަން އާއި އެމްޕަބޭގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނު މި މެޗުގައި ފްރާންސްގެ ހަތަރުވަނަ ލަނޑު މެޗުގެ 84 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ވެސް އެމްޕަބޭގެ އެހީތެރި ކަމާ އެކު ގްރީޒްމަންއެވެ.
މި ނަތީޖާއާ އެކު ކުޅުނު ދެ މެޗުން ލިބުނު ހަ ޕޮއިންޓާ އެކު ގުރޫޕުގެ އެއްވަނާގައި އޮތީ ފްރާންސްއެވެ. މެޗުން ބަލިވި އައިސްލޭންޑް ކުޅުނު ދެ މެޗުން ލިބުނު ތިން ޕޮއިންޓާ އެކު އޮތީ ތާވަލުގެ ހަތަރުވަނާގައެވެ.