އަންގާރަ ދުވަހުގެ މެޗު ފަހަތުން އަރައި ތަފާތު ބޮޑު ނަތީޖާއަކުން އިނގިރޭސިވިލާތް ކާމިޔާބުކޮށްފިއެވެ.
ސްޓޭޑިއޮން ޕޮޑް ގޮރިކޮމްގައި ކުޅުނު މެޗު އިނގިރޭސިވިލާތް ކާމިޔާބުކުރީ މޮންޓެނެގްރޯއާ ވާދަކޮށް 1-5 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް ލީޑް ނެގީ މޮންޓެނެގްރޯއެވެ. މި ލަނޑު މެޗުގެ 17 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށް ދިނީ މާރކް ވެސޮވިކްއެވެ.
މޮންޓެނެގްރޯގެ ލަނޑާ އެކު އިނގިރޭސިވިލާތުގެ ހަމަލާތަށް ވަރުގަދަކޮށް އެ ޓީމުން ވަނީ ގިނަ ވަގުތު ބޯޅަ ކޮންޓްރޯލް ކޮށްގެން ރަނގަޅަށް ކުޅެފައެވެ.
އިނގިރޭސިވިލާތުން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ މެޗުގެ 30 ވަނަ މިނެޓުގައި ރޯސް ބާރކްލޭގެ އެހީތެރިކަމާ އެކު މިކާއިލް ކީން ކާމިޔާބުކޮށްދިން ލަނޑުންނެވެ.
ފުރަތަމަ ހާފްގައި މޮންޓެނެގްރޯގެ ގޯލާއި އަމާޒުކޮށް އިނގިރޭސިވިލާތުން ފުލުފުލުގައި ހަމަލާތައް ދިނުމުގެ ނަތީޖާއަކަށްވީ 38 ވަނަ މިނެޓުގައި އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށް ލީޑް ނެގުމެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށް ދިނީ ހަޑްސަން އޮޑޯއީގެ އެހީތެރި ކަމާ އެކު ރޯސް ބާރކްލޭ އެވެ.
ފުރަތަމަ ހާފް ނިމުނީ 2-1 ގެ ނަތީޖާއަކުން އިނގިރޭސިވިލާތް ލީޑްގައި އޮވެގެންނެވެ.
ދެވަނަ ހާފް ފެށިގެން މޮންޓެނެގްރޯ އިން ހަމަލާތަކެއް އުފައްދަން މަސައްކަތްކުރި ނަމަވެސް އިނގިރޭސިވިލާތުގެ ޑިވެންޑަރުން ވަނީ އެ ހަމަލާތައް ހުއްޓުވާފައެވެ. ބަދަލުގައި މެޗުގެ 59 ވަނަ މިނެޓުގައި ރޯސް ބާރކްލޭ އިނގިރޭސިވިލާތުގެ ތިން ވަނަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީ ލީޑް އިތުރަށް ފުޅާކުރިއެވެ.
މެޗުގެ 71 ވަނަ މިނެޓުގައި އިނގިރޭސިވިލާތަށް ލީޑް އިތުރަށް ފުޅާކޮށްދިނީ ރަހީމް ސްޓާރލިންގެ އެހީތެރިކަމާ އެކު އެ ޓީމުގެ ކެޕްޓަން ހެރީ ކޭންއެވެ.
މެޗު ނިމެން 10 މިނެޓަށް ވެފައި ވަނިކޮށް އިނގިރޭސިވިލާތުގެ ފަސްވަނަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށް ދިނީ ޖޯރޑަން ހެންޑްރެސަންގެ އެހީތެރިކަމާ އެކު ރަހީމް ސްޓަރލިންގއެވެ.
މި ނަތީޖާއާ އެކު ކުޅުނު ދެ މެޗުން ލިބުނު ހަ ޕޮއިންޓާ އެކު ގުރޫޕް އޭގެ އެއްވަނާގައި އިނގިރޭސިވިލާތް ހަމަޖެހިލިއިރު މޮންޓެނެގްރޯ އޮތީ ގުރޫޕުގެ ހަތަރުވަނާގައި ކުޅުނު ދެ މެޗުން ލިބުނު އެއް ޕޮއިންޓާއެކުވެ.
އަންގާރަ ދުވަހު ގުރޫޕު އޭގެ ދެވަނާގައި އޮތް ބަލްގޭރިއާ އާއި ކޮސޯވޯ ބައްދަލު ކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.