ޔޫރޯ ކޮލިފައިންގައި ޕޯޗުގަލް ކުޅުނު ދެވަނަ މެޗުން ވެސް އެއްވަރު ވެއްޖެއެވެ.
ސާބިއާއާ ދެކޮޅަށް އަންގާރަ ދުވަހު ޕޯޗުގަލް ކުޅުނު ގުރޫޕް ބީގެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
މެޗު ފެށިގެން ރަނގަޅަށް ބޯޅަ ކޮންޓްރޯލް ކޮށްގެން ކުޅެމުން އައީ ޕޯޗުގަލް އިންނެވެ. އެހެން ނަމަވެސް މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް ލީޑް ނެގީ ސަރބިއާ އިންނެވެ. މި ލަނޑު އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ޑުސާން ޓެޑިކްއެވެ.
ސަރބިއާގެ ލަނޑާ އެކު ޕޯޗުގަލް އިން ވަނީ ހަދަމުން އައި ގޯސްތައް ރަނގަޅުކޮށް ސަރބިއާގެ ފަހަތަށް ބާރު ބޮޑުކޮށްފައެވެ. އެގޮތުން ޔުވެންޓަސްގެ ތަރި އަދި ޕޯރޗުގަލްގެ ލެޖެންޑް ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ސަރބިއާގެ ގޯލަށް އަމާޒުކޮށް ރަނގަޅު ހަމަލާތަކެއް ފޮނުވާލާފައެވެ.
މެޗުގެ 31 ވަނަ މިނެޓުގައި ރޮނާލްޑޯގެ ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން ބަދަލު ކުރަންޖެހުނު އިރު 2016 ވަނަ އަހަރުގެ ޔޫރޯ ޕޯޗުގަލް އިން ކާމިޔާބުކުރީ ވެސް ރޮނާލްޑޯއަށް އަނިޔާވެފައި ވަނިކޮށެވެ.
ފުރަތަމަ ހާފްގައި ޕޯރޗުގަލްއަށް ނަތީޖާ ހަމަހަމަކޮށްދިނީ މެޗުގެ 42 ވަނަ މިނެޓުގައި ރަފައެލް ގުއެރޯގެ އެހީތެރިކަމާ އެކު ޑެނާލިއޯ ޕެރެއިރާއެވެ.
މެޗުގެ ފުރަތަމަ ހާފް ނިމުނީ 1-1 ގެ ނަތީޖާއަކުން ޕޯޗުގަލް އާއި ސަރބިއާ އެއްވަރުވެގެންނެވެ.
ދެވަނަ ހާފް ފެށިގެން ޕޯޗުގަލްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނު ނަމަވެސް އެ ޓީމަށް ވަނީ ލަންޑެއް ކާމިޔާބުކުރެވޭ ގޮތް ނުވެފައެވެ. ފުރަތަމަ ހާފާ ހިލާފަށް މި ހާފްގައި ސަރބިއާގެ ފަރާތުން ފެނިގެން ދިޔައީ ޑިފެންސިވް ކުޅުމެކެވެ.
މި ނަތީޖާއާ އެކު ކުޅުނު ދެ މެޗުން ލިބުނު ދެ ޕޮއިންޓާ އެކު ޕޯރޗުގަލް އޮތީ ގުރޫޕްގެ ތިންވަނާގައެވެ. ސަރބިއާ ކުޅުނު އެއް މެޗުން ލިބުނު އެއް ޕޮއިންޓާ އެކު އޮތީ ހަތަރު ވަނާގައެވެ.
ގުރޫޕް ބީގެ އެއްވަނާގައި އޮތް ޔޫކްރެއިން އާއި ދެވަނާގައި އޮތް ލަގްސެންބަރގް ވާދަކުރި މެޗު ކާމިޔާބުކުރީ ޔޫކްރެއިންއެވެ.
އަންގާރަ ދުވަހު ސްޓޭޑް ޖޯސޭ ބަރތެލްގައި ކުޅުނު މެޗު ޔޫކްރެއި ން ކާމިޔާބުކުރީ ލަގްސެންބަރގްއާ ވާދަކޮށް 1-2 ގެ ނަތީޖާއަކުންނެވެ.
މެޗުގައި ޔޫކްރެއިންގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނިގެން ދިޔައިރު ލަގްސަންބަރގްގެ ފަރާތުން ފެނިގެންދިޔައީ އާދައިގެ ކުޅުމެކެވެ.
މެޗުގެ ފުރަތަމަ ލަނޑު 34 މިނެޓުގައި ޑޭވިޑް ޓަރޕެލް ޖެހި ލަނޑާއެކު ލަގްސެންބަރގްއަށް ލީޑް ލިބިފައި ވަނިކޮށް ޔޫކްރެއިންގެ ވިކްޓަރ ޔެންގެކޯވް ވަނީ މެޗުގެ 40 ވަނަ މިނެޓުގއި ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.
މެޗުގެ ފުރަތަމަ ހާފް ނިމުނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމް އެއްވަރު ވެގެންނެވެ.
ޔޫކްރެއިން މެޗުގެ ލީޑް ނެގީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި ފަސް މިނެޓުގައި ޖަރސަން ރޮޑްރިގޭޒް ކާމިޔާބުކޮށްދިން ލަނޑުންނެވެ.
ކޮލިފައިންގައި ޔޫކްރެއިން އާއި ޕޯޗުގަލް ވާދަ ކުރި މެޗު ނިމުނީ ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.