ތައިލެންޑްގައި 2014 ވަަނަ އަހަރު ގެނައި ބަޣާވާތަށް ފަހު ބޭއްވި ފުރަތަމަ އިންތިޚާބުގެ ނަތީޖާ އިއުލާނުކުރުން ފަސްކުރަމުން ދާއިރު ސިޔާސީ ޕާޓީތަކުން ކާމިޔާބީ އިއުލާނުކުރަން ފަށައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ އާދީއްތަ ދުވަހުގެ ފަހުގެ ވަގުތެއްގައި ނަތީޖާ އިއުލާނުކުރާނެ ކަމަށް ބުނުމަށް ފަހު ހޯމަ ދުވަހުގެ ހެނދުނަށް ފަސްކޮށްފައެވެ. އޭގެ ފަހުން ހޯމަ ދުވަހުގެ މެންދުރު ފަހު އިއުލާނުކުރާނެ ކަމަށް ބުނުމަށްފަހު ފަހުންވަނީ ޓެކްނިކަލް މައްސަލައެއް އުޅޭކަމަށް ބުނެ ފަސްކޮށްފައެވެ.
އޭގެ ފަހުން އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ދެން އިއުލާނުކުރެވޭނީ 350 ގޮނޑިއަށް އިންތިޚާބުވެފައިވާ މެމްބަރުންގެ ނަންތައް ކަމަށެވެ. 500 ގޮނޑި ހިމެނޭ ގާނޫނު ހަދާ މަޖިލީހުގެ 350 ގޮނަޑިއަކަށް އިންތިޚާބުވި ކަމަށް ބުނާ 350 މެމްބަރެއްގެ ނަން ހަވީރު ހަތަރެއް ޖެހިއިރު ވެބްސައިޓަށް އަޕްލޯޑްކޮށްފައި ވާއިރު 150 ދާއިރާއެއްގެ ގޮނޑިތަކަށް އިންތިޚާބުވި ފަރާތްތަކުގެ ނަންތައް ސައިޓަށް އެރުވުންވެސްވަނީ މަޑުޖައްސާލާފައެވެ.
މިހާރު ނަތީޖާ އިއުލާނުކޮށްފައިހުރި ގޮތަށް ބަލާއިރު ފޫއަ ތައި ޕާޓީއަށް 138 ގޮނޑި ލިބިފައިވާއިރު އަސްކަރިއްޔާއިން ތާއީދުކުރާ ޕަލަންގ ޕްރަޗަރާތް ޕާޓީއަށް ލިބިފައިވަނީ 96 ގޮނޑިއެވެ. އަސްކަރިއްޔާއިން ތާއީދުކުރަނީ މިހާރުގެ ބޮޑުވަޒީރު ޕްރަޔުތު ޗަން އޯޗާ އެ ޕާޓީ ލީޑުކުރައްވައި ބޮޑުވަޒީރަކަށް ވަޑައިގަތުމަށެވެ.
ކާރުގެ ސްޕެއަރޕާޓްސްގެ ވިޔަފާރީގެ ބިލިއަނަރެއްކަމަށްވާ ތަނަތޯން ޖުއަންގްރޫންގްރުއަނގކިޓްގެ ފިއުޗަރ ފޯވަރޑް ޕާޓީއަށް ލިބިފައިވަނީ 29 ގޮނޑިއެވެ.
ފޫއަ ތައި ޕާޓީގެ ލީޑަރު ސުދާރަތް ކޭރުއަޕަން ރިޕޯޓަރުންނަށް ވިދާޅުވީ ކޯލިޝަން ހެދުމަށް އެ ޕާޓީން ތައްޔާރުކަމަށެވެ.
ކުރީގެ ބޮޑުވަޒީރު އަދި މަހުޖަނު ތަކްސިން ޝިނަވަތްރާގެ މަދަދާއެކު ހިންގާ އެ ޕާޓީން ވަނީ 2001 ވަނަ އަހަރުން ފެށިގެން ބޭއްވި ކޮންމެ އިންތިޚާބެއް ކާމިޔާބުކޮށްފައެވެ.
އަސްކަރިއްޔާއިން ތާއީދުކުރާ ޕަލަންގ ޕްރަޗަރާތް ޕާޓީން ބުނެފައިވަނީ އެ ޕާޓީއަށް ސަރުކާރެެއް އެކުލަވާލެވޭވަރަށް ގޮނޑި ލިބިފައިވާކަމަށެވެ.