ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މިއަހަރު ޚަރަދު ކުރުމަށް ހަމަޖެހިފައިވާ 95 މިލިއަން ރުފިޔާގެ ބަޖެޓް ފާސްކޮށްފިއެވެ.
ހޯމަ ދުވަހު އެފްއޭއެމްގެ އޯޑިނަރީ ކޮންގްރެސްގައި ބަޖެޓް ފާސްކޮށްފައި ވަނީ ހާޒިރުވި 13 ކްލަބްގެ ތެރެއިން 12 ކްލަބްގެ ތާއީދާ އެކުގައެވެ. ބަޖެޓް ފާސްކުރުމާ ދެކޮޅަށް ވޯޓު ދީފައި ވަނީ ވިކްޓްރީ ސްޕޯޓްސް ކްލަބުން އެކަންޏެވެ.
ބަޖެޓުގައިވާ ގޮތުން 13 ދާއިރާއަކަށް ޚަރަދުކުރަން ޖެހޭއިރު، އޭގެ ތެރެއިން އެންމެ ބޮޑު ޚަރަދެއް ކުރުމަށް ހަމަޖެހިފައި ވަނީ ޑިވެލޮޕްމެންޓަށެވެ. ދެވަނައަށް ޕޮރޮޖެކްޓްތަކަށް ބޮޑު ހޭދައެއް ކުރާއިރު، ތިންވަނައަށް އެންމެ ބޮޑު ހޭދައެއް ކުރާނީ އެޑްމިނިސްޓްރޭޓިވް ޚަރަދަށެވެ.
ބަޖެޓުގައި 2019 ވަނަ އަހަރު ޚަރަދުކުރުމަށް ހަމަޖެހިފައިވާ 13 ދާއިރާ:
- އެޑްމިނިސްޓްރޭޓިވް ޚަރަދުތައް – 13.3 މިލިއަން ރުފިޔާ (މިއީ މިދިޔަ އަހަރަށް ވުރެ ތިން މިލިއަން ރުފިޔާ އިތުރު އަދަދެއް)
- ޓެކްނިކަލް ޑިވެލޮޕްމެންޓް – 5.9 މިލިއަން ރުފިޔާ (މިއީ މިދިޔަ އަހަރަށްވުރެ 8 މިލިއަން ރުފިޔާގެ ދަށްވުމެއް)
- ކޮމްޕެޓިޝަންސް – 9.3 މިލިއަން ރުފިޔާ (މިއީ މިދިޔަ އަހަރަށްވުރެ 405،450ރ. ގެ ދަށްވުމެއް)
- ގައުމީ ޓީމުގެ ޚަރަދުތައް – 8.5 މިލިއަން ރުފިޔާ (މިއީ މިދިޔަ އަހަރަށް ވުރެ 1.95 މިލިއަން ރުފިޔާގެ އިތުރުވުމެއް)
- ރެފްރީންނަށް ކުރާ ޚަރަދުތައް – 3.3 މިލިއަން ރުފިޔާ (މިއީ މިދިޔަ އަހަރަށް ވުރެ 454،936.9ރ ގެ ދަށްވުމެއް)
- މެޑިކަލް ހަރަދުތައް – 542،100ރ. (މިއީ މިދިޔަ އަހަރަށް ވުރެ 157،900ރ. ގެ ދަށްވުމެއް)
- މަރާމާތުތަކަށް – 744،724ރ. (މިއީ މިދިޔަ އަހަރަށް ވުރެ 471276ރ ގެ ދަށްވުމެއް)
- މާކެޓިން އަދި އެޑްވަޓައިޒިން – 1.7 މިލިއަން ރުފިޔާ (މިއީ މިދިޔަ އަހަރަށް ވުރެ 70،451ރ. ގެ ދަށްވުމެއް)
- ކެޕިޓަލް އެކްސްޕެންޑިޗާ – 518،007ރ. (މިއީ މިދިޔަ އަހަރަށް ވުރެ 124،546ރ. ގެ އިތުރުވުމެއް)
- ޑިވެލޮޕްމެންޓް – 30.8 މިލިއަން ރުފިޔާ (މިއީ މިދިޔަ އަހަރު ނުހިމަނާ ކަމެއް)
- ވުމެންސް ފުޓްބޯލް ޑިވެލޮޕްމެންޓް – 3.78 މިލިއަން ރުފިޔާ (މިއީ މިދިޔަ އަހަރަށް ވުރެ 796،519ރ. ގެ އިތުރުވުމެއް)
- ޕްރޮޖެކްޓްތަކަށް – 14.96 މިލިއަން ރުފިޔާ (މިއީ މިދިޔަ އަހަރަށް ވުރެ 3.4 މިލިއަން ރުފިޔާގެ އިތުރުވުމެއް)
- ދަރަނި ދެއްކުމަށް – 1.5 މިލިއަން ރުފިޔާ (މިއީ މިދިޔަ އަހަރަށް ވުރެ ދޮޅު މިލިއަން ރުފިޔާގެ މަދުވުމެއް)
ބަޖެޓުގައި އާމްދަނީގެ ގޮތުގައި އެފްއޭއެމްއަށް ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 90.4 މިލިއަން ރުފިޔާއެވެ. އެގޮތުން ފާސްކޮށްފައި ވަނީ 4.5 މިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެކެވެ.
ބަޖެޓްގައިވާ ގޮތުން އެންމެ އާމްދަނީއެއް މި ފަހަރު ލިބެނީ ސްޕޮންސާޝިޕުންނެވެ. އަދި ދެ ވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ފީފާއިންނެވެ. އަދި ތިން ވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ އޭއެފްސީންނެވެ.
ބަޖެޓުގައި އާމްދަނީ ގޮތުގައި ފައިސާ ލިބޭ އަށް ވަސީލަތަކީ:
- ފީފާ – 31.2 މިލިއަން ރުފިޔާ (މިއީ މިދިޔަ އަހަރަށް ވުރެ 3.7 މިލިއަން ރުފިޔާގެ އިތުރުވުމެއް)
- އޭއެފްސީ – 10.8 މިލިއަން ރުފިޔާ (މިއީ މިދިޔަ އަހަރަށް ވުރެ ހަތް މިލިއަން ރުފިޔާގެ އިތުރުވުމެއް)
- މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް – 1.9 މިލިއަން ރުފިޔާ (މިއީ މިދިޔަ އަހަރަށް ވުރެ 5.7 މިލިއަން ރުފިޔާގެ ދަށްވުމެއް)
- ޓިކެޓު ވިއްކައިގެން ލިބޭ އާމްދަނީ – 405،000ރ. (މިއީ މިދިޔަ އަހަރަށް ވުރެ 2.5 މިލިއަން ރުފިޔާގެ ދަށްވުމެއް)
- ރެންޓް އާމްދަނީ – 1.6 މިލިއަން ރުފިޔާ ( މިއީ މިދިޔަ އަހަރަށްވުރެ 280،000ރ ގެ ދަށްވުމެއް)
- ސްޕޮންސާޝިޕްސް – 43.2 މިލިއަން ރުފިޔާ (މިއީ މިދިޔަ އަހަރަށް ވުރެ 28.3 މިލިއަން ރުފިޔާގެ އިތުރުވުމެއް)
- އެހެނިހެން ގޮތް ގޮތުން ލިބޭ އާމްދަނީ – 221،000ރ (މިއީ މިދިޔަ އަހަރަށް ވުރެ 345،000ރ ގެ ދަށްވުމެއް)
- ޑޮނޭޝަން – އެއް މިލިއަން ރުފިޔާ (މިއީ މިދިޔަ އަހަރަށް ވުރެ ދެ މިލިއަން ރުފިޔާގެ ދަށްވުމެއް)
މިދިޔަ އަހަރުގެ ބަޖެޓް ފާސްކުރީ ފައިދާގެ ގޮތުގައި 62.3 މިލިއަން ރުފިޔާ އަދި ހަރަދުގެ ގޮތުގައި 65.3 މިލިއަން ރުފިޔާއެވެ. އެގޮތުން މިފަހަރު ފާސްކޮށްފައިވަނީ މިދިޔަ އަހަރަށް ވުރެ 28.1 މިލިއަން ރުފިޔާގެ ފައިދާ ބޮޑު ބަޖެޓެކެވެ. އަދި 29.7 މިލިއަން ރުފިޔާގެ ޚަރަދު ބޮޑު ބަޖެޓެކެވެ.
މިދިޔަ އަހަރު ފާސްކުރީ ތިން މިލިއަން ރުފިޔާގެ ދަރަނި ބަޖެޓެކެވެ. ނަމަވެސް މިފަހަރު ބަޖެޓް ފާސްކޮށްފައި ވަނީ 4.5 މިލިއަން ރުފިޔާގެ ދަރަނި ބަޖެޓެކެވެ. އެއީ މިދިޔަ އަހަރަށް ވުރެ ދޮޅު މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.