Advertisement
ކ. މާލެ
|
22 ފެބްރުއަރީ 2017 | ބުދަ 16:02
އަދާލަތު ޕާޓީގެ ބައްދަލުމެއްގެ ތެރެއިން
އަދާލަތު ޕާޓީގެ ބައްދަލުމެއްގެ ތެރެއިން
ޓްވިޓަރ
އަދާލަތު ޕާޓީ
ދަޢުލަތުން ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރަންޖެހޭ: އަދާލަތު ޕާޓީ
ދެފުށް ފެންނާނެހެން ކަންކަން ކުރުމަށް ގޮވާލި
ސަރުކާރުން ކުރަން އުޅޭ ކަމަކީ އަންނަން އޮތް ޖީލުތަކާ ވެސް ގުޅުންހުރި ކަމެއް
ޝޭޚް އިމްރާން ހައްޔަރުކުރީ ޤައުމު ވިއްކާލަން ފުރުޞަތު ނުލިބިގެން ކަމަށް ބުނި

ދިވެހި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތުތައް ހިމާޔަތްކުރުމަކީ ދަޢުލަތުގެ އެންމެ މުހިންމު އަމާޒުކަމުގައި ވާންޖެހޭ ކަމަށް އިދިކޮޅު އަދާލަތު ޕާޓީން ބުނެފިއެވެ.

 

ދިވެހިރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް މިލްކުކޮށްދިނުމާ ގުޅޭ ގޮތުން، ބުދަ ދުވަހު އަދާލަތު ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދިވެހިންނަށް ގުދުރަތީ ގޮތުން މިންވަރު ކުރައްވާފައިވާ ވަސީލަތްތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ރަށްރަށާއި ފަޅުފަޅާއި ކަނޑަކީ އޭގައި، ނުއުފަންނަ ޖީލުތައް ވެސް ޝާމިލުވާހެން، އެންމެހާ ދިވެހި ރައްޔިތުންގެ ޙައްޤު އެކުލެވިގެންވާ ވަޞީލަތްތައް ކަމަށެވެ.

 

ބަޔާނުގައި ބުނެފައިވާ ގޮތުގައި އެ ވަޞީލަތްތަކުގެ މައްޗަށް ނިންމޭ ބައެއް ނިންމުންތަކަކީ އޭގެ ސަބަބުން ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމިއޮތުން އެކަމުގެ މައްޗަށް ހުއްޓި ހުންނަ ކަންކަމެވެ.

 

ދިވެހިރާއްޖޭގެ ބިންބިމާއި ކަނޑާއި ފަޅުތަކުގެ މިލްކުވެރިކަން ބިދޭސީ ފަރުދަކަށް ވެސް ވިޔަފާރިއަކަށް ވެސް އަދި ސަރުކާރަކަށް ވެސް ކަށަވަރުކޮށްދިނުމަކީ ދިވެހި ސަރުކާރަށް ވެސް އަދި ދިވެހި ވަކިފަރުދަކަށް ވެސް އެއްވެސް މިންވަރަކަށް ލާއިޤުވެގެންވާ ކަމެއްގެ ގޮތުގައި ޢަދާލަތު ޕާޓީން ނުދެކޭ ކަމަށް ބަޔާނުގައި ވެއެވެ.

 

"ޢަދާލަތު ޕާޓީން އަބަދުވެސް ގަބޫލުކުރާ ސިޔާސަތަކީ ހުޅުވާލެވިފައިވާ މިނިވަން ވާދަވެރި ވިޔަފާރީގެ މާޙައުލެއްގެ މައްޗަށް ދިވެހިރާއްޖޭގެ އިޤްތިސާދު ބިނާކުރުން ކަމުގައިވާހިނދު، ބައިނަލްއަޤުވާމީ ވިޔަފާރިވެރިންނަށް ވެސް ދިވެހި އިގުތިސާދުގެ ތެރޭގައި ދެފުށް ފެންނަ އަދި ހަމަހަމަ އުސޫލެއްގެ މަތިން ހަރަކާތްތެރިވެވޭނެ ވާދަވެރި ވިޔަފާރީގެ މާހައުލެއް ގާއިމުވެފައި އޮތުމަކީ ކޮންމެހެން ލާޒިމުކަމެއް ކަމުގައި މި ޕާޓީން ދެކެމެވެ." ބަޔާނުގައި ބުނެފައިވެއެވެ.

 

މީގެ އިތުރުން އަދާލަތު ޕާޓީގެ ނޫސްބަޔާނުގައި ބުނެފައިވަނީ ސަރުކާރާ މެދު ކޮރަޕްޝަންގެ މާސިންގާ ތުހުމަތުތައް ކުރެވެމުން އަންނަ ދަނޑިވަޅެއްގައި ދިވެހިރާއްޖޭގެ އަތޮޅުތައް ހުރިގޮތަށް ބިދޭސީ ފަރާތްތަކަށް ވިއްކާލުމުގެ ނުރައްކާތެރި މަސައްކަތް ސަރުކާރުގެ ފަރާތުން ކުރިޔަށްގެންދާކަމުގެ އަޑުފެތުރިފައިވާ ކަމަށެވެ.

 

ރައްޔިތުންގެ މެދުގައި ނުތަނަވަސްކަމާއި ބިރުވެރިކަން އުފެދިފައިވާ ހިނދު، ސަރުކާރުގެ ފަރާތުން މިކަމުގެ ފުރިހަމަ މަޢުލޫމާތު ހާމަކޮށް ކަމުގެ ހަޤީގަތް ހާމަކުރުމަށް ޢަދާލަތު ޕާޓީގެ ނޫސްބަޔާނުގައި ވަނީ ގޮވާލާފައެވެ.

 

"މިފަދަ ބޮޑެތި ޖަރީމާތަކަށް މަގުފަހިކުރުމަށްޓަކައި ޤާނޫނުއަސާސީއަށް ބަދަލުގެންނަން ސަރުކާރުން ބޭނުންވި ވަޤުތު، ސަރުކާރު ޒިންމާދާރު ކުރުވުމަށްޓަކައި ރައްޔިތުން އިންތިޚާބު ކޮށްފައިތިބި ރައްޔިތުންގެ މަޖިލީހުގެ ގިނަ އިއްޒަތްތެރި މެންބަރުން އެކަމުގައި ބައިވެރިވެ ޤާނޫނުއަސާސީ ބަދަލުކޮށްދީފައި އޮތްއޮތުމަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުން ހިންގާފައިވާ ފިނޑި ފަސާދައިގެ އަމަލެކެވެ." ބަޔާނުގައިވެއެވެ.

 

ޢަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބްދުﷲ ހިފާ، ހައްޔަރުކޮށްގެން ނޫން ގޮތަކަށް ޤައުމު ވިއްކާލަން ފުރުޞަތު ނުލިބޭނެކަން ކަށަވަރުވާތީ، އަދުލުވެރިކަމާއި އިންސާފުވެރިކަމުގެ ކަންފުޅެއްވެސް ނެތް އަނިޔާވެރި ހުކުމެއްގައި ޢަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބްދުﷲ ހައްޔަރުކޮށް ޕާޓީއަށް ކެނޑިނޭޅި ޖެއްސުންކުރަމުން އަންނަކަންވެސް ފާހަގަކުރާ ކަމަށް ނޫސްބަޔާނުގައި ބުނެފައި ވެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް