ބައިނަލްއަގުވާމީ ރަހުމަތްތެރި ކަމުގެ މެޗުގައި ދުނިޔޭގެ ފުޓްބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ ބްރެޒިލް އާއީ ޕެނަމާ ވާދަކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
ރަހުމަތްތެރި ކަމުގެ މެޗު ނިމުނީ ބްރެޒިލް އާއި ޕެނަމާ 1-1 އެއްވަރުވެގެންނެވެ.
ހޮނިހިރު ދުވަހު ޕޯރޗުގަލްގެ ޑްރެގާއޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ބްރެޒިލްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް ލަނޑުޖެހުމަށް ލިބުނު ފުރުސަތު ތަކުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި އެ ޓީމަށް ހިފިފައެއް ނުވެއެވެ.
މެޗު ފެށިގެން ބޯޅަ ކޮންޓްރޯލް ކޮށްގެން ރަނގަޅަށް ކުޅެމުން އައީ ބްރެޒިލުންނެވެ. މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް ލީޑް ނެގީވެސް އެ ޓީމުންނެވެ.
ފުރަތަމަ ހާފްގެ 32 ވަނަ މިނެޓުގައި ބްރެޒިލްގެ ހެންރިގް ކަސްމައިރޯގެ އެހީތެރިކަމާއިއެކު ލޫކަސް ޕެކުއެޓާ ކާމިޔާބުކޮށްދިން ލަނޑާއިއެކު ބްރެޒިލް ވަނީ ލީޑް ނަގާފައެވެ.
ބްރެޒިލްއަށް ލީޑްގައި އޮވެވުނީ ވަގުތު ކޮޅަކަށެވެ. ޕެނަމާއަށް ލިބުނު ފްރީކިކްގެ ބޭނުންހިފައި އެ ޓީމުން ވަނީ މެޗުގެ 36 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށް ދިނީ އެރިކް ޑޭވިސް ނަގައިދިން ފްރީކިކުން އެޑޮލްފޯ މަޗާޑޯއެވެ.
ފުރަތަމަ ހާފް ނިމުނީ 1-1 ބްރޒިލް އާއި ޕެނަމާ އެއްވަރުވެގެންނެވެ.
މެޗުގެ ދެވަނަ ހާފްގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމަށްވެސް ލިބި ވަނީ ބޭކާރުވެފައެވެ.
2018 ވަނަ އަހަރު ރަޝިއާގައި ބޭއްވުނު ފީފާ ވޯރލްޑްކަޕްގައި ފުރަތަމަ ފަހަރަށް ޕެނަމާ ކުޅެފައިވާއިރު، ސެމީ ފައިނަލުގައި ބެލްޖިއަމް އަަަތުން ބަލިވެ ބްރެޒިލް ވަނީ މުބާރާތުން ކަޓާފައެވެ.
ބައިނަލްއަގުވާމީ ރަހުމަތްތެރި ކަމުގެ މެޗުތަކަށް ބްރެޒިލްގެ ޓީމް ވަރުގަދަ ކުރުމަށް އެ ޓީމުން ވަނީ ރިއަލް މެޑްރިޑަށް ކުޅޭ ފޯވާރޑް ވިނީސިއަސް ޖޫނިއާ ޓީމުގައި ހިމަނާފައެވެ. އެހެން ނަމަވެސް އެކުވެރިކަމުގެ މެޗުތަކަށް ސްކޮޑް އެކުލަވާލިއިރު ބްރެޒިލް ޓީމުގެ ކެޕްޓަން ނޭމާ ޖޫނިއާ އަނިއާގައި ހުރުމުން ޓީމަށް ނަގާފައެއް ނުވެއެވެ.
2019 ވަނަ އަހަރުގެ ކޮޕާ އެމެރިކާއާއި، 2022 ވަނަ އަހަރު އޮންނަ ވޯލްޑްކަޕަށް ބްރެޒިލް ތައްޔާރުވަމުން ދާއިރު، ބްރެޒިލް ޓީމަށް ވަނީ ގިނަ އައު ކުޅުންތެރިންތަކެއް ގެނެސްފައެވެ.
ރަހުމަތްތެރިކަމުގެ މެޗެއްގައި ޗެކްރިޕަބްލިކް އާއި ދެކޮޅަށް ބުދަ ދުވަހު ބްރެޒިލް ނުކުންނާނެއެވެ.