ޔޫރޯ ކޮލިފައިންގައި ގްރޫޕް ޖޯގައި ކުޅުނު މެޗުތަކުން އިޓަލީ އަދި ގްރީސް މޮޅުވެއްޖެއެވެ.
ހޮނިހިރު ދުވަހުގެ ރޭ ކޮލިފައިންގެ ގްރޫޕް ޖީގައި ހިމެނޭ އިޓަލީ މޮޅުވީ ފިންލޭންޑްއާއި ވާދަކޮށް 0-2 ގެ ނަތީޖާއަކުންނެވެ.
އިޓާލީން މެޗުގެ ހަތްވަނަ މިނެޓުގައި ލީޑްނަގާ މެޗުގެ ފެށުން ރަނގަޅުކުރިއިރު، މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށް ދިނީ ނިކޯލް ބަރެއްލާއެވެ.
މި ލަނޑާއެކު ފިންލޭންޑް ގޭމުގެ ތެރެއަށް ވަދެ އެ ޓީމުން ވަނީ ރަނގަޅު ހަމަލާތަކެއް އުފައްދާފައެވެ.
ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމަށް ލިބުނު ނަމަވެސް އެންމެ އެދެވޭ ގޮތެއްގައި ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ.
ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއަކުން އިޓަލީ ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފް ފެށިގެން ބޯޅަ ކޮނޓްރޯލް ކޮށްގެން ރަނގަޅަށް ކުޅެމުންއައީ އިޓަލީންނެވެ. މި ހާފްގައި ފިންލޭންޑްއިން އިޓަލީގެ ފަހަތަށް ބާރު ބޮޑުކުރި ނަމަވެސް އިޓަލީގެ ޑިފެންޑަރުން ވަނީ މޮޅު ކުޅުމެއް ކުޅެފައެވެ.
އިޓަލީން ފިންލޭންޑްގެ ގޯލަށް އަމާޒުކޮށް ރަނގަޅު ހަމަލާތަކެއް ދެމުން ދިއުމުގެ ނަތީޖާއަކަށްވީ މެޗުގެ 74 ވަނަ މިނެޓުގައި އިޓަލީން އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށް ލީޑް އިތުރަށް ފުޅާ ކުރުމެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސީރޯ އިމޯބައިލްގެ އެހީތެރި ކަމާއިއެކު މޮއިސް ކީންއެވެ.
މި ގްރުޕްގައި ހިމެނޭ ގްރީސް އާއި ލިޝްޓެންސްޓައިން ބައްދަލުކުރި މެޗު 0-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ގްރީސްއެވެ.
މެޗު ފެށިގެން ބޯޅަ ކޮންޓްރޯލް ކޮށްގެން ރަނގަޅަށް ކުޅެމުންއައީ ގްރީސްއިންނެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފްގައި ދެއްކި އިތުރުވަގުތުގެ 2 މިނެޓުގެ ބޭނުން ހިފައި ގްރީސްއިން ވަނީ ލީޑް ނަގާފައެވެ.
ގްރީސްގެ ފުރަތަމަ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޑިމީޓްރިސް ކޮރަމްޕެލިސްއަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ފްރީ ކިކަކުން ކޮސްޓަސް ފޯޓުނިސްއެވެ.
ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއަކުން ގްރީސް ލީޑްގައި އޮވެގެންނެވެ.
ދެވަނަ ހާފްގައި ވެސް ގްރީސްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔައިރު ލިސްޓެންސްޓައިންއަށް ވަނީ މާއެދެވޭ ކުޅުމެއް ދެއްކޭގޮތް ނުވެފައެވެ.
މެޗުގެ 83 ވަނަ މިނެޓުގައި ގްރީސްގެ ދެވަަނަ ލަނޑު ކާމިޔާބު ކޮށްދީ ލީޑް އިތުރަށް ފުޅާ ކޮށްދިނީ އެ ޓީމުގެ އެނެސްޓެސިއޮސް ޑޮނިސްއެވެ.
ގްރީސްގެ ދެވަނަ ލަނޑަށް ފަހުގައި ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް އެ ޓީމަށް ލިބި ވަނީ ބޭކާރުވެފައެވެ.
މި ނަތީޖާ އާއިއެކު ޕޮއިންޓުގެ ގޮތުން އިޓަލީއާއި އެއްވަރުވި ނަމަވެސް ގްރީސް އޮތީ ގްރޫޕްގެ އެއްވަނާގައި ކުޅުނު އެއްމެޗުން ލިބުނު ތިން ޕޮއިންޓާއިއެކުއެވެ. އިޓަލީ އޮތީ ތާވަލުގެ ދެވަނާގައެވެ.
މެޗުތަކުން ބަލިވި ފިންލެންޑް އަދި ލިސްޓެންސްޓައިން އޮތީ ތާވަލުގެ ފަސްވަނާގައެވެ.