ހޮނިހިރު ދުވަހުގެ ރޭ ޔޫރޯ ކޮލިފައިންގެ ގްރޫޕު އެފްގައި ކުޅުނު މެޗު ނޯރވޭއާއި ވާދަކޮށް ސްޕެއިން ކާމިޔާބުކޮށް ކޮލިފައިންގެ ފެށުން ސްޕެއިންއިން ރަނގަޅު ކޮށްފިއެވެ.
ހޮނިހިރު ދުވަހުގެ ރޭ ކޮލިފައިންގެ ގްރޫޕު އެފްގައި ހިމެނޭ ސްޕެއިން މޮޅުވީ ނޯރވޭ އާއި ވާދަކޮށް 1-2 ގެ ނަތީޖާ އަކުންނެވެ.
ވެލެންސިއާގެ ދަނޑުގައި ކުޅުނުމި މެޗުގައި ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މެޗުގެ 16 ވަނަ މިނެޓުގައި ސްޕެއިންއިން ވަނީ ލީޑް ނަގާފައެވެ.
ސްޕެއިންގެ ފުރަތަމަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށް ދިނީ ޖޯރޑީ އަލްބާގެ އެހީތެރިކަމާއިއެކު ރޮޑްރިގޯ މޮރީނޯއެވެ.
މި ލަނޑުގެ އިތުރުންވެސް ލީޑް އިތުރަށް ފުޅާ ކުރުމަށް ސްޕެއިންއަށް ރަނގަޅު ފުރުސަތުތަކެއް ލިބި ވަނީ ބޭނުން ނުކުރެވިފައެވެ. ނޯރވޭ އަށް ވެސް ނަތީޖާ ބަދަލުކޮށްލުމަށް ރަނގަޅު ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފައެވެ.
ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއަކުން ސްޕެއިން ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފްގައި ސްޕެއިންގެ މާރޓިނޭޒް ނޯރވޭގެ ޖޮންސެންއަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ނޯރވޭ މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ. މެޗުގެ 65 މިނެޓުގައި މި ޕެނަލްޓީ އެ ޓީމަށް ކާމިޔާބުކޮށް ދިނީ ޖޯޝުއާ ކިންގްއެވެ.
މި ލަނޑާއެކު މެޗުގެ ފޯރިގަދަވެ، ދެ ޓީމުގެ ފަރާތުން ވަރުގަދަ ހަމަލާތަކެއް ފެނިގެން ދިޔައެވެ.
ދެވަނަ ފަހަރަށް މެޗުގެ ލީޑް ނަގައި، ސްޕެއިން މެޗު ކާމިޔާބު ކުރީ 71 ވަނަ މިނެޓުގައި ނޯރވޭގެ ގޯލްކީޕަރ ރޫން ޖާރސްޓެއިން ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީ ކާމިޔާބު ކޮށްގެންނެވެ. މި ޕެނަލްޓީ ސްޕެއިންއަށް ކާމިޔާބު ކޮށްދިނީ ސާރޖިއޯ ރާމޯސްއެވެ.
މި ނަތީޖާއާއި އެއްކޮށް ތިން ޕޮއިންޓާއެއްކޮށް ސްޕެއިން އޮތީ ގްރޫޕް އެފްގެ އެއްވަނާގައި އޮތް މޯލަޓާއާއި ނަތީޖާގެ ގޮތުން އެއްވަރުވެ ތާވަލުގެ ދެވަނާގައެވެ.
މެޗުން ބަލިވި ނޯރވޭއަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.