މަޔާމީ އޯޕަން ޓެނިސް މުބާރާތުގައި ނޮވާކް ޖޯކަވިޗް ބަރނާޑް ޓޯމިކްގެ މައްޗަށް ކުރި ހޯދައިފިއެވެ.
ހޮނިހިރު ދުވަހު ކުޅުނު މެޗު ޖޯކަވިޗް ކާމިޔާބު ކުރީ ޓޯމިކްއާއި ވާދަކޮށް ސީދާ ތިން ސެޓުންނެވެ.
އެ ނަތީޖާ އާއެކު ޖޯކަވިޗް މި ވަނީ މަޔާމީ އޯޕަން ޓެނިސް މުބާރާތުގެ ތިން ވަނަ ބުރަށް ދަތުރުކޮށްފައެވެ.
އެ މެޗުގައި ދެ ކުޅުންތެރިންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނު ނަމަވެސް ޓޯމިކަށް ވަނީ ޖޯކަވިޗްގެ މައްޗަށް ކުރި ހޯދޭގޮތް ނުވެފައެވެ.
31 އަހަރުގެ ޖޯކަވިޗް މެޗަށްފަހު ބުނެފައިވަނީ މަޔާމީ އޯޕަން ޓެނިސް މުބާރާތަށް އައީ ވަރަށް ތައްޔާރުވެގެން ކަމަށެވެ. އިންޑިއަން ވެސްގެ ސިންގަލްސަގައި ލިބުނު ނާކާމިޔާބީގެ ސަބަބުން ގިނަ ވަގުތު ހޭދަކުރީ ޕްރެކްޓިސްތަކުގައި ކަމަށާއި، ރަނގަޅު ކުރަންޖެހޭ ކަންކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރި ކަމަށާއި މިއީ ނަތީޖާ ނެރެންވި ވަގުތު ކަމަށެވެ.
އިންޑިއަން ވެލްސްގެ ސިންގަލްސްގައި ޓޯމިކް އަތުން ޖޯކަވިޗް ބަލިވެފައި ވަނީ 6-7، 2-6 ގެ ނަތީޖާއަކުންނެވެ.
ގްރޭންޑް ސްލޭމް 15 ފަހަރަށް ހޯދާފައިވާ ޖޯކަވިޗް ކުރިއަށް އޮތް މެޗުގައި ވާދަ ކުރަން ޖެހޭނީ އަރޖެންޓީނާގެ ފެޑެރިކޯ ޑެލްބޮނިސް އާއެވެ.
މަޔާމި އޯޕަން ޓެނިސް މުބާރާތުގައި ޓޯމިކްގެ މައްޗަށް ޖޯކަވިޗް ކުރި ހޯދާފައިވާއިރު، ރޯޖަރ ފެޑެރާ ބަލިކޮށް އިންޑިއަން ވެލްސް ކާމިޔާބުކުރި އޮސްޓްރޭލިއާގެ ޑޮމިނިކް ޓޭމް ވަނީ ޕޮލެންޑްގެ ހިއުބަރޓް އަތުން ބަލިވެފައެވެ.
ޑޮމިނިކް އާއި ވާދަކޮށް ހިއުބަރޓް މެޗު ކާމިޔާބުކުރީ 4-6 ގެ ނަތީޖާއަކުން ދެ ސެޓު ކާމިޔާބު ކޮށްގެންނެވެ.
މަޔާމި އޯޕަން ޓެނިސް މުބާރާތުގައި އިނގިރޭސި ވިލާތުގެ ޑެން އިވާންސް ހޮނިހިރު ދުވަހުގެ މެޗުގައި ވާދަ ކުރާނީ ކެނެޑާގެ ޑެނިސް ޝެޕޮވެލޯވްއާއެވެ. އިނގިރޭސިވިލާތުގެ އެއް ވަނަ ޓެނިސް ކުޅުންތެރިޔާ ޑެން އިވާންސް ވަނީ ޑެލްރޭ ބީޗް އޯޕަންގައި ވެސް ރަނގަޅު ކުޅުމެއް ދައްކާފައެވެ. އޭނާ ދެ ވަނަ ބުރުގެ ޖާގައެއް ކަށަވަރުކުރީ މާލެކް ޖަޒީރީ ދެ ސެޓުން ބަލިކޮށްގެންނެވެ.