އަބޫ ދާބީގައި ކުރިއަށްދިޔަ ސްޕެޝަލް އޮލިމްޕިކްސްގައި ވާދަކުރި ރާއްޖޭގެ ޓީމް، ޝަރަފްވެރި ވަނަތަކާ އެކު އެނބުރި މާލެ އަތުވެއްޖެއެވެ.
ސްޕެޝަލް އޮލިމްޕިކްސްގައި އަންހެން ބައިގެ 100 މީޓަރު ދުވުމުން ރާއްޖޭގެ ޝިފްނާ އިބްރާހިމް ރަން މެޑަލް ހާސިލް ކުރިއިރު ފިރިހެން ބައިގެ 200 މީޓަރު ދުވުމުން ވަސްމީ ވަހީދު ވަނީ ރިހި މެޑަލް ހާސިލްކޮށްފައެވެ.
ޝިފްނާ 18:01 ސިކުންތުން 100 މީޓަރު ދުވެގެން ރަން މެޑަލް ހާސިލް ކުރިއިރު ވަސްމީ ރިހި މެޑަލް ހާސިލްކުރީ 27:25 ސިކުންތުން 200 މީޓަރު ދުވެގެންނެވެ.
ރަން އަދި ރިހި މެޑަލްގެ އިތުރުން ރާއްޖޭގެ ނޫރާ ރަޝާދު ވަނީ 20:67 ސިކުންތުން ދުވެގެން 100 މީޓަރު ދުވުމުން ފަސް ވަނަ ހޯދާފައެވެ. އަދި އަލީ އަމީން އަބްދުލް ގަފޫރް ވަނީ 200 މީޓަރު ދުވުމުގެ ފިރިހެން ބައިން ފަސްވަނަ ހޯދާފައެވެ. އަލީ ފަސްވަނަ ހޯދީ 34:73 ސިކުންރުން 200 މީޓަރު ދުވެގެންނެވެ.
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ރާއްޖޭގެ ޓީމްއަށް މަރުހަބާ ދެއްނެވީ އެކްޓިން ޔޫތް މިނިސްޓަރ އަލީ ވަހީދް އާއި ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފްގެ އިތުރުން ޔޫތް މިނިސްޓްރީގެ އިސްވެރިންނާއި ޓީމުގެ ދުވުންތެރިންގެ އާއިލާތަކުންނެވެ.
ބޮޑުބެރާއި މާފަތިން ޓީމަށް ހޫނު މަރުހަބާއެއްކިޔާފައިވާއިރު ސްޕެޝަލް އޮލިމްޕިކްސްގައި ރާއްޖެއަށް ރަން މެޑަލް ހޯދައިދިން ޝިފްނާ ބުނެފައިވަނީ ސަރުކާރުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ބައިނަލްއަގުވާމީ މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމުން ޝުކުރުވެރިވާ ކަމަށާއި، މުބާރާތުގައި ރަންމެޑަލް ހާސިލް ކުރެވުމުން އުފާ ކުރާކަމަށެވެ.
ސްޕެޝަލް އޮލިމްޕިކްސްގެ ބައިވެރިއެއްގެ އާއިލާ މެންބަރުކު ރާއްޖެ އެމްވީއަށް މައުލޫމާތުދެމުން ބުނެފައުވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށްގެން މިފަދަ މުބާރާތެއް ބާއްވައި އެ ކުދިން މުބާރާތުގައި ބައިވެރިވެ ރަންވަނަތަށް ހާސިލްކުރުމުން އެ ކުދިންނަކީވެސް އެހެން ކުދިންނެކޭވެސް އެއްފަދައިން ކަންކަމުގައި ނަތީޖާ ނެރުމުގެ ގާބިލިއްޔަތުކަން ހުރި ކުދިންކަން ދޭހަވެގެން ހިނގައްޖެކަމަށެވެ.
އެކްޓިން ޔޫތު މިނިސްޓަރ އަލީ ވަހީދު ސްޕެޝަލް އޮލިމްޕިކްސްގައި ބައިވެރިވި ކުދިންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ސަރުކާރުން އެއްވެސް ކުއްޖަކު ބާކީ ނުކޮށްލާނެ ކަމަށާއި، ހަމަހަމަ ފުރުސަތުތަށް ހޯދައިދޭނެ ކަމަށެވެ. އަދި ހަމަ އެހެންމެ ސްޕެޝަލް އޮލިމްޕިކްސް އަކީ ފެށުމެއް ކަމަށާއި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކުރިއަށް އޮތްތާގައިވެސް އެފަދަ ފުރުސަތުތަކެއް ހޯދައިދޭނެ ކަމަށެވެ.
ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ސްޕެޝަލް އޮލިމްޕިކްސްއަށް ކުދިން ގެންގޮސްފައިވަނީ މަދަނީ ޖަމިއްޔާ ތަކާއި ސަރުކާރާއި ގުޅިގެން ކުދިންނަށް ފުރުސަތު ހޯދައިދީފައިވާނީ އޮންނަ އުސޫލުގެ ތެރެއިން ކަމަށާއި، މުބާރާތުގައި ވާދަކުރި ޓީމު ހޯދި ކާމިޔާބީއަށް ފަހުރުވެރިވާ ކަމަށެވެ.