ބައިނަލްއަގުވާމީ ރަހުމަތްތެރިކަމުގެ މެޗުގައި ތަފާތު ބޮޑު ނަތީޖާއަކުން އާރޖެންޓީނާގެ މައްޗަށް ވެނެޒުއޭލާ ކުރި ހޯދައިފިއެވެ.
އެތުލެޓިކޯ މެޑްރިޑްގެ ދަނޑުގައި ހުކުރު ދުވަހު ކުޅުނު މެޗު ވެނެޒުއޭލާ ކާމިޔާބުކުރީ އަރޖެންޓީނާއާ ވާދަކޮށް 1-3 ގެ ނަތީޖާއަކުންނެވެ.
މެޗު ފެށިގެން ވެނެޒުއޭލާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔައިރު އަރޖެންޓީނާ އަށް ވަނީ މާ އެދެވޭ ކުޅުމެއް ދެއްކޭ ގޮތް ނުވެފައެވެ.
ބާރސެލޯނާގެ ތަރި އަދި އަރޖެންޓީނާގެ ކެޕްޓަން ލެއޮނަލް މެސީގެ ފަރާތުން މި މެޗުގައި އެދެވޭ ކުޅުމެއް ފެނިފައި ނުވާއިރު ވެނެޒުއޭލާ އިން ވަނީ އަރޖެންޓީނާގެ ފަހަތަށް ބާރު ބޮޑުކޮށްފައެވެ.
މެޗުގެ ހަވަނަ މިނެޓުގައި ފުރަތަމަ ލަނޑު ޖަހާ ލީޑް ނެގީ ވެނެޒުއޭލާއިންނެވެ. މި ލަނޑު ރޮބާޓޯ ރޮސޭލްސްގެ އެހީތެރިކަމާ އެކު ކާމިޔާބު ކޮށްދިނީ ސަލްމަން ރޮންޑޮންއެވެ.
ފުރަތަމަ ހާފްގައި ވެނެޒުއޭލާގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، ނަތީޖާ ނެރުމަށް އާރޖެންޓީނާ އަށް ރަނގަޅު ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފައެވެ.
އަރޖެންޓީނާގެ ޑިފެންޑަރުންނަށް ވެނެޒުއޭލާގެ ހަމަލާތަށް ނުހުއްޓުވުމުގެ ނަތީޖާއަކަށްވީ މެޗުގެ 44 ވަނަ މިނެޓުގައި ވެނެޒުއޭލާ އެ ޓީމުގެ ދެވަނަ ލަންޑު ކާމިޔާބުކޮށް ލީޑް އިތުރަށް ފުޅާކުރުމެވެ. ފުރަތަމަ ހާފް ނިމެން މިނެޓަކަށް ވެފައިވަނިކޮށް މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރޮބާޓޯ ރޮސޭލްސްގެ އެހީތެރި ކަމާ އެކު ޖޯން މޮރީލޯއެވެ.
ފުރަތަމަ ހާފް ނިމުނީ 0-2 ވެނެޒުއޭލާ ލީޑްގައި އޮވެގެންނެވެ.
ދެވަނަ ހާފް ފެށިގެން އަރޖެންޓީނާގެ ކުޅުން ރަނގަޅުކޮށް ވަރުގަދަ ހަމަލާތަކެއް ވަނީ ވެނެޒުއޭލާގެ ގޯލަށް އަމާޒުކޮށް ފޮނުވާލާފައެވެ. ނަތީޖާއެއްގެ ގޮތުން އަރޖެންޓީނާ އެ ޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް ލީޑް ކުޑަ ކުރިއެވެ.
އަރޖެންޓީނާގެ ފުރަތަމަ ލަނޑު މެޗުގެ 59 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޖޮވާނީ ލޮ ސެލްސޯގެ އެހީތެރިކަމާއި އެކު ލޮޓާރޯ މަރޓިނޭޒްއެވެ.
އަރޖެންޓީނާގެ މި ލަނޑާއެކު މެޗުގެ ވާދަވެރިކަން ބޮޑުވެ ދެ ޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔައެވެ.
ވެނެޒުއޭލާ އެ ޓީމުގެ ތިންވަނަ ލަނޑު ޖަހައި މެޗުގެ ލީޑް ފުޅާކޮށްދިނީ އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ޖޯސެފް މަރޓިނޭޒްއެވެ.
ބައިނަލްއަގުވާމީ ރަހުމަތްތެރިކަމުގެ މެޗުގައި ހޮނިހިރު ދުވަހު ބްރެޒިލް ޕެނަމާ އާއި ދެކޮޅަށް ކުޅޭ މެޗު ރާއްޖެ ގަޑިން 22:00 ގައި ކުޅޭނެއެވެ.