އޭއެފްސީ 23 އަހަރުން ދަށުގެ މުބާރާތުގައި ސައުދީ އަރަބިއްޔާއިން ރާއްޖޭގެ ޒުވާން ޓީމު ކޮޅަށް ހަ ލަނޑު ޖަހައިފިއެވެ.
ހުކުރު ދުވަހުގެ ރޭ ކުޅުނު މި މެޗު ސައުދީއާ ވާދަކޮށް ރާއްޖެ ބަލިވީ 0-6 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
ސައުދީގައި ކުޅުނު މި މެޗު ފެށިގެން 25 ވަނަ މިނެޓުގައި އެ ޓީމުން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަލް ހަމްދާންއެވެ. އޭގެ މިނެޓެއް ފަހުން ސައުދީގެ އަބްދުލްރަހްމާން އަލް ޔަމީ ވަނީ އެ ޓީމަށް ލީޑު ފުޅާކޮށްދީފައެވެ.
މި ލަނޑުތަކަށް ފަހު ވެސް ސައުދީގެ ފަރާތުން ގިނަ ހަމަލާތަކެއް ވަނީ ފެނިގެންގޮސްފައެވެ. އަދި ލަނޑު ޖެހުމަށް ހުސް ގިނަ ފުރުސަތުތައް އެ ޓީމަށް ވަނީ ލިބި ބޭކާރުވެފައެވެ.
ދެވަނަ ހާފް ފެށިގެން ހަތަރު ވަނަ މިނެޓު ތެރޭގައި ސައުދީން ވަނީ ތިންވަނަ ލަނޑު ޖަހާފައެވެ. މި ލަނޑު ކާމިޔާބުކުރީ އަބްދުލްރަހްމާން ގަރީބްއެވެ.
މެޗުގެ 67 ވަނަ މިނެޓުގައި އަދި 73 ވަނަ މިނެޓުގައި ލަނޑު ކާމިޔާބުކޮށް އަލް ހަމްދާން ވަނީ ފުރަތަމަ ހާފްގައި ޖެހި ލަނޑާ އެކު މެޗުގައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.
މެޗުގައި ސައުދީގެ ފަރާތުން ފެނިގެންދިޔަ ހަ ވަނަ ލަނޑު މެޗު ނިމެން 12 މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބުކުރީ އައިމަން އަލް ހުލައިފްއެވެ. އޭނާއަކީ ސައުދީގެ ސީނިއާ ޓީމުގެ މިޑްފިލްޑަރެކެވެ.
މި ގްރޫޕްގައި ހިމެނޭ ޔޫއޭއީން ވަނީ ލުބްނާންގެ މައްޗަށް 1-6 ގެ ނަތީޖާއަކުން ކުރިހޯދާފައެވެ.
މި ނަތީޖާއާ އެކު ގްރޫޕްގެ އެއްވަނައިގައި ތިން ޕޮއިންޓާއި، ފައިދާ ލަނޑަކާ އެކު ސައުދީ އޮތްއިރު، ތިން ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން ދެވަނައިގައި އޮތީ ޔޫއޭއީއެވެ. ތިންވަނައިގައި ޕޮއިންޓެއް ނުލިބި މައިނަސް ފަސް ލަނޑާ އެކު ލުބްނާން އޮތްއިރު، ފުލުގައި ޕޮއިންޓެއް ނުލިބި މައިނަސް ހަ ލަނޑާ އެކު އޮތީ ރާއްޖެއެވެ.
ކޮލިފައިންގައި ރާއްޖެ ދެން ނިކުންނާނީ އާދީއްތަ ދުވަހު ޔޫއޭއީއާ ދެކޮޅަށެވެ. ގްރޫޕްގެ ފަހު މެޗުގައި އަންގާރަ ދުވަހު ރާއްޖެ ނިކުންނާނީ ލުބްނާނާ ދެކޮޅަށެވެ.