ކ. މާލެ
|
23 މާރޗް 2019 | ހޮނިހިރު 07:36
ގައްޒާގެ ބޯޑަރުގައި ކުރިއަށްދާ މުޒާހަރާތަކަށް އަމާޒުކޮށް އިސްރާއިލުން ދަނީ ގިނަ ހަމަލާތަކެއް ދެމުން
ގައްޒާގެ ބޯޑަރުގައި ކުރިއަށްދާ މުޒާހަރާތަކަށް އަމާޒުކޮށް އިސްރާއިލުން ދަނީ ގިނަ ހަމަލާތަކެއް ދެމުން
އޭއެފްޕީ
ފަލަސްޠީނު - އިސްރާއީލު
ގައްޒާގެ ބޯޑަރުގައި އިސްރާއީލު ސިފައިން ބަޑިޖަހައި ފަލަސްޠީނުގެ ދެ މީހުން މަރާލައިފި
ހުކުރުދުވަހު މަރުވެފައި ވަނީ 29 އަހަރުގެ މީހަކާއި 18 އަހަރުގެ މީހެއް
އިތުރު 55 މީހަކު ވަނީ ޒަޚަމްވެފައި

އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ފަލަސްޠީނުގެ ގައްޒާގައި ކުރިއަށްގެންދާ ސިލްސިލާ މުޒާހަރާތައް ހުކުރު ދުވަހު ވެސް ކުރިއަށް ގެންގޮސްފައިވާއިރު، ހުކުރު ދުވަހުގެ މުޒާހަރާގައި ބައިވެރިވި ފަލަސްޠީނުގެ ރައްޔިތުންގެ ގަޔަށް އިސްރާއީލު ސިފައިން ބަޑިޖަހައި ދެ މީހުން މަރާލައިފިއެވެ.  

ހުކުރު ދުވަހުގެ މުޒާހަރާގައި ބައިވެރިވި މީހުންގެ ތެރެއަށް އިސްރާއީލު ސިފައިން ބަޑިޖެހުމުގެ ސަބަބުން ދެ މީހުން މަރާލާފައިވާއިރު، މި ހަމަލާތަކުގައި 55 މީހަކު ވަނީ ޒަޚަމް ވެފައެވެ.

ގައްޒާގެ ސިއްހީ އޮފިޝަލުން ހާމަކޮށްފައިވާ ގޮތުގައި ހުކުރު ދުވަހުގެ ހަމަލާތަކުގައި މަރުވެފައިވަނީ 29 އަހަރުގެ ފިރިހެނަކާއި 18 އަހަރުގެ ފިރިހެނެކެވެ.

ހުކުރު ދުވަހު ފަލަސްޠީނުގެ ރައްޔިތުންނަށް ދިން ހަމަލާތަކާ ގުޅޭ ގޮތުން އިސްރާއީލުގެ ސިފައިންގެ ތަރުޖަމާނަކު ބުނީ ހުކުރުދުވަހުގެ މުޒާހަރާގައި 9500 އަށް ވުރެ ގިނަ މީހުން ބައިވެރިވި ކަމަށާއި، އިސްރާއީލުގެ ސިފައިންނާ ދިމާލަށް އެ މީހުން އޮއްގާ އުކައި، ޓަޔަރު ފަދަ އެއްޗެހީގައި ރޯކޮށްފައިވާ ކަމަށެވެ.

އިސްރާއީލު ސިފައިންގެ ތަރުޖަމާނު އިތުރަށް ބުނީ ހުކުރު ދުވަހު އިސްރާއީލުން ބޭނުންކުރީ ހާލަތާ ގުޅޭ ބާރު ކަމަށެވެ.

އިސްރާއީލު ސިފައިން ބޭނުންކުރީ ހާލަތާ ގުޅޭ ބާރު ކަމަށް އިސްރާއީލުން ބުނި ނަމަވެސް، ހަތިޔާރު ނެތް ބަޔަކާ ދެކޮޅަށް ހުކުރު ދުވަހު އިސްރާއީލުން ބޭނުންކޮށްފައި ވަނީ ލައިވް ވަޒަނެވެ.

ނިމިގެންދިޔަ އަހަރުގެ މާރޗް މަހުގެ 30 ވަނަ ދުވަހު ފެށި މި ސިލްސިލާ މުޒާހަރާތަކަށް 1 އަހަރުވުން ފާހަގަކުރުމަށް ކުރިއަށް އޮތް ހަފްތާ ބަންދުގައި އިތުރު ތައްޔާރީތަކާއި، އެތައް ހާސް މީހުންނާ އެކު މުޒާހަރާ ކުރިއަށްގެންދިއުމަށް ގައްޒާގެ ރައްޔިތުން ދަނީ ތައްޔާރުވަމުންނެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް