ރެއާލް މެޑްރިޑްގެ ޑިފެންޑަރ ރަފައިލް ވަރެން, ރެއާލްއާއެކު ހުންނާނެ ކަމާމެދު ޝައްކު އުފެދޭ ފަދަ ވާހަކަ ތަކެއް ފެންމަތި ވެއްޖެއެވެ.
ރިޕޯރޓްތަށް ބުނާގޮތުގައި ވަރެން އަންނަނީ ރެއާލް ދޫކޮށްލަން ވިސްނަމުންނެވެ. މި ވާހަކަތަށް ވަރެން ދޮގު ކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް ކުރިއަށް އޮތް ތަނުގައި ވާނެ ގޮތެއް ބުނަންނޭނގޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.
ފްރާންސްގެ މި ކުޅުންތެރިޔާ ޔޫރޯ ކޮލިފައިންގައި އެ ގައުމު މޮލްޑޯވާ އަދި އައިސްލޭންޑް އާއި ދެކޮޅަށް ނުކުންނަ މެޗަށް ތައްޔާރުވެފައި ވާއިރު ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ވަރެން ބުނެފައިވަނީ މުސްތަގުބަލުގެ ވާހަކަ ދައްކަން ބޭނުން ނުވާކަމަށެވެ. އިތުރަށް އޭނާ ބުނެފައިވަނީ އޭނާގެ ކުރިމަގާއި ގުޅުން ހުރި ވާހަކަތަށް ފާޅުކަން ބޮޑު ގޮތެއްގައި އޭނާ ނުދައްކާނެ ކަމަށެވެ.
ވަރެން ރެއާލްގައި ހުންނާނެ ކަމާއިމެދު ޝައްކު އުފެދިފައި ވީނަމަވެސް ނުވަ މަހަށް ފަހު އަލުން ރެއާލްއައި ގުޅެން ކުރީގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އަދި ރެއާލްގެ ކޯޗް ޒައިނުއްދިން ޒިދާން ކޯޗެއްގެ ގޮތުންނާއި ރަހުމަތް ތެރިއެއްގެ ގޮތުން ކޮށްދީފައިވާ ކަންތައްތަކަށް ޝުކުރުވެރިވާކަމަށް އޭނާ ވަނީ ބުނެފައެވެ.
ވަރެން މި ސީޒަނުގައި ރެއާލްއަށް ލަލީގާގައި 24 މެޗު ކުޅެދީފައިވާއިރު ދެ ގޯލް ވަނީ އެ ޓީމަށް ކާމިޔާބުކޮށްދީފައެވެ.