ރައްޔިތުންގެ މަޖިލީހުން 2015 ވަނަ އަހަރަށް މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް އަށް ފާސްކުރި ބަޖެޓުން ޚަރަދު ކުރި ގޮތުގެ ހިސާބާއި، 2015 ވަނަ އަހަރު އެ މިނިސްޓްރީއަށް ލިބުނު އާމްދަނީގެ ހިސާބު، ދައުލަތުގެ މާލިއްޔަތުގެ ގަވައިދުގައި ބަޔާން ކޮށްފައިވާ ގޮތައް މާލިއްޔަތުގެ ގާނޫނުގައި ބުނާ މުއްދަތައް ހުށަހަޅާފައިނުވާ ކަމަށް އޮޓިޑް އޮފީހުން ހާމަ ކޮށްފިއެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުން އަންގާރަ ދުވަހު ހާމަކުރި މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ މާލިއްޔަތުގެ ގާނޫނޫގައި މާލީ ބަޔާން ހުށަހަޅަން ޖެހޭ ތާރީޚަކީ 31 މާރޗް 2016 ކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އެތާރީޚަށް މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް އިން މާލީ ބަޔާން ހުށަހަޅާފައި ނުވުމާއެކު، އެ މިނިސްޓްރީން އެ ތާރީޚުގެ ފަހުން ހުށަހެޅި 2015 ވަނަ އަހަރުގެ މާލީ ބަޔާނަށް އޮޑިޓަރ ޖެނެރަލް ރައުޔެއް ނުދެއްވާ ކަމަށެވެ.
އޮޑިޓް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި މާލިއްޔަތުގެ ގަވައިދުގައި، ފައިސާ ޚަރަދު ކުރުމަށް ވައުޗަރ ތައްޔާރު ކުރަން ޖެހޭނެ ކަމަށް ބަޔާން ކޮށްފައި އޮތް ނަމަވެސް ޖެނީވާގައި ހުންނަ މިޝަނުން ވައުޗަރ ނެތި ޚަރަދުތައް ކޮށްފައިވާ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އޮޑިޓް އޮފީހުގެ ރިޕޯޓްގައި ބުނެފައިވަނީ އެ މިޝަނުން 2015 ވަނަ އަހަރު ޚަރަދު ކޮށްފައިވާ ތިން މިލިއަން ހަތަރު ސަތޭކަ އެކާވީސް ހާސް ތިންސަތޭކަ ހަތްދިހަ ރުފިޔާ ޚަރަދު ކޮށްފައިވަނީ ވެރިއެއްގެ ހުއްދަ ލިބިގެންކަން އެނގޭނެ ގޮތެއް ނެތް ކަމުގައެވެ.
މީގެ އިތުރުން ގަވައިދާ ޚިލާފަށް ސައުދީ އަރަބިއްޔާގައި ހުންނަ ދިވެހި ރާއްޖޭގެ އެމްބަސީންނާއި އިނގިރޭވިލާތުގައި ހުންނަ ދިވެހި ރާއްޖޭގެ އެމްބަސީން ނުވަ ސަތޭކަ ސައުވީސް ހާސް ދުއިސައްތަ ސާޅީސް ތިން ރުފިޔާ އެއްބަސްވުމެއް ނެތި މަސައްކަތް ހަވާލުކޮށްގެން ޚަރަދު ކޮށްފައިވާ ކަން ރިޕޯޓްގައި ފާހަގަ ކޮށްފައިވެއެވެ.
އޮޑިޓަރ ޖެނެރަލްގެ ރިޕޯޓްގައި ފޮރިން މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީގެ ދަށުން ހިނގަމުންދާ ބައެއް މިޝަން ތަކުގެ ހަރު މުދަލުގެ ރަޖިސްޓްރީ ބަލަހައްޓާފައި ނުވާ ކަމަށާއި، އަދި މިނިސްޓްރީގެ ބައެއް ހަރު މުދާ އެއް ގޮތަކަށްވެސް ރަޖިސްޓްރީގައި ހިމަނާފައިނުވާ ކަމަށާއި ރަޖިސްޓްރީގައި ހިމަނާފައިވާ މުދަލުގައިވެސް މުދާ ގަތް ތާރީޚާއި، މުދަލުގެ އަގުފަދަ ހިމަނަން ލާޒިމް މައުލޫމާތު ހިމަނާފައެއް ނުވެއެވެ.