ކ. މާލެ
|
21 ފެބްރުއަރީ 2017 | އަންގާރަ 23:46
ވެލެންސިއާ އާއި މޯހަން ބާގަން ބައްދަލުކުރި މެޗުގެ ތެރެއިން
ވެލެންސިއާ އާއި މޯހަން ބާގަން ބައްދަލުކުރި މެޗުގެ ތެރެއިން
މުހައްމަދު ޝަރުހާން
އޭއެފްސީ ކަޕް
އޭއެފްސީ ކަޕް: ވެލެންސިއާ އިން ވަރުގަދަ މޯހަން ބާގަން ހިފަހައްޓައިފި
 
މޯހަން ބާގަން އަދި ވެލެންސިއާ ކުޅޭ ދެވަނަ ލެގު އޮންނާނީ މި މަހު 28 ގައި އިންޑިއާގައި
 
މޯހަން ބާގަން އިން އެޓީމުގެ މުހިންމު ހަ ކުޅުންތެިރން މި މެޗުގައި ބޭނުންނުކުރޭ
 
މޯހަން ބާގަން އޮތީ އިންޑިއަން ސުޕާ ލީގުގެ ޕޮއިންޓް ތާވަލުގެ ދެވަނައިގައި

އޭއެފްސީ ކަޕްގެ ޕްލޭއޮފް ސްޓޭޖުގައި ރާއްޖޭގެ ވެލެންސިއާ އިން އިންޑިއާ ސުޕާ ލީގުގެވަރުގަދަ މޯހަން ބާގަން ހިފަހައްޓައިފި އެވެ.

އަންގާރަ ދުވަހު ހަވީރު ކުޅުނު މި މެޗު މޯހަން ބާގަންއާ ވާދަކޮށް ވެލެންސިއާ އިން މެޗު އެއްވަރުކުރީ 1-1 ގެ ނަތީޖާއިންނެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅުނީ މޯހަން ބާގަން އެވެ. އެގޮތުން އެޓީމުން ދިޔައީ ވެލެންސިއާގެ ހާފަށް ބާރުބޮޑުކޮށް ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތައް ތަނަވަސްކުރަމުންނެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ މޯހަން ބާގަން އިންނެވެ. މި ލަނޑު 06 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޑަފީ އެވެ. މި ލަނޑަށްފަހުވެސް މޯހަން ބާގަން އިން ދިޔައީ ވެލެންސިއާގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެހެންނަމަވެސް ވެލެންސިއާ އިން ވަނީ ބައިކޮޅަށް ލަނޑެއް ވަނެނުދިނުމަށް ބުރަ މަސައްކަތްކޮށްފައެވެ.

 

ފުރަތަމަ ހާފްގެ ވަކި ހިސާބަކުން ވެލެންސިއާ އިން ވަނީ މެޗުގެ ކޮންޓްރޯލް ހޯދާފައެވެ. އެގޮތުން އެޓީމުން ވަނީ މޯހަން ބާގަން ހާފަށް ބާރުބޮޑުކޮށް ލަނޑު ޖެހުމަށް ގިނަ ފުރުސަތުތައް ތަނަވަސްކޮށްފައެވެ.

ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން ވެލެންސިއާގެ މައްޗަށް މޯހަން ބާގަން އިން ކުރިހޯދައިގެންނެވެ.

ދެވަނަ ހާފް ފެށިގެން ރަނގަޅު ކުޅުމެއް ދެއްކީ މޯހަން ބާގަން އިންނެވެ. އެގޮތުން އެޓީމަށް ވަނީ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތައް ލިބިފައެވެ. އެހެންނަމަވެސް ވެލެންސިއާގެ ގޯލު ކީޕަރު މުހައްމަދު ފައިސަލް ވަނީ މޯހަން ބާގަން އިން ފޮނުވާލި ބޯޅަތައް ހުށިއާރުކަމާއެކީ ދިފާއުކޮށްފައެވެ.

މެޗުގެ ފަހު 30 ވަރަކަށް މިނެޓު ވެލެންސިއާ އިން މެޗުގެ ފުރިހަމަ ކޮންޓްރޯލް ހޯދިއިރު، އެޓީމު ވަނީ ކުރިޔަށް ޖެހި މޯހަން ބާގަން އޭރިޔާ ތެރޭގައި ބޯޅަ ގެންގުޅެ އެޓީމުގެ ގޯލަށް ނުރައްކާކޮށްފައެވެ.

މެޗުގެ ނަތީޖާ ވެލެންސިއާ އިން ހަމަހަމަކުރީ 71 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީ އަކުން ބިދޭސީ ކުޅުންތެރިޔާ ގޮޑްފްރޭ ވެސް އޮމޫޑޫ އެވެ. މި ޕެނަލްޓީ ވެލެންސިއާ އަށް ލިބުނީ މޯހަން ބާގަންގެ ޕެނަލްޓީ އޭރިޔާ ތެރެއިން އެޓީމު ކުޅުންތެރިޔެއްގެ އަތުގައި ބޯޅައިން ޖެހުމުންނެވެ.

މި ލަނޑަށްފަހުވެސް ލީޑު ނަގަންވެސް ގިނަ ފުރުސަތުތަކެއް ވެލެންސިއާ އަށް ވަނީ ލިބި ބޭކާރުވެފައެވެ. އެގޮތުން ވެސްޓް އަށް ޕެނަލްޓީ އޭރިޔާ ތެރެއިން މުޅިން ހުހަށް ލިބުނު ފުރުސަތު ހިމެނެއެވެ. އެހެންނަމަވެސް ލީޑު ނެގުމަށް ވެލެންސިއާ ވަނީ ނުކުޅެދިފައެވެ.

ވެލެންސިއާ އަދި މޯހަން ބާގަން ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ އިންޑިއާގައި މި މަހު 28 ވަނަ ދުވަހު އެވެ. މޯހަން ބާގަން އިން ވެލެންސިއާއާ ދެކޮޅަށް ރާއްޖޭގައި ކުޅުނު މެޗުގައި އެޓީމުގެ މުހިންމު ހަ ކުޅުންތެރިން ބޭނުންނުކުރެއެވެ. އެހެންނަމަވެސް ކުރިޔަށް އޮތް މެޗުގައި އެ ކުޅުންތެރިން ބޭނުންކުރާނެ ކަމަށް ބެލެވެއެވެ. މޯހަން ބާގަން އޮތީ އިންޑިއަން ސުޕާ ލީގުގެ ޕޮއިންޓް ތާވަލުގެ ދެވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް