ކ. މާލެ
|
20 މާރޗް 2019 | ބުދަ 08:58
އެންޓޯނިއޯ ގްރިޒްމަން
އެންޓޯނިއޯ ގްރިޒްމަން
ގެޓީ އިމޭޖަސް
އެންޓޯނިއޯ ގްރިޒްމަން
ބާސާއަށް ބަދަލުވާން ގްރިޒްމަން ބޭނުންވޭ
އެޓްލެޓިކޯއާއެކު ގްރިޒްމަން ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2022 ގައި

ބާސެލޯނާއަށް ބަދަލުވާން އެޓްލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް އެންޓޯނިއޯ ގްރިޒްމަން ބޭނުންވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މުންޑޯ ޑިޕޯޓިވޯއިން ބުނީ މި ސީޒަނަށްފަހު އެޓްލެޓިކޯ ދޫކޮށްލަން ގްރިޒްމަން ބޭނުންވާ ކަމަށާއި، އެޓްލެޓިކޯ ދޫކޮށްލުމަށްފަހު ގްރިޒްމަން ދާން އެންމެ ބޭނުންވަނީ ބާސާއަށް ކަމަށެވެ.

އެޓްލެޓިކޯއާއެކު ގްރިޒްމަން ހަދާފައިވާ އެއްބަސްވުން 2022 ވަނަ އަހަރު ހަމަވާއިރު، އޭނާއަށް ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކްލަބްތަކުން އަންނަނީ ފާރަލުމުންނެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ މެންޗެސްޓާ ޔުނައިޓެޑެވެ.

ގްރިޒްމަން އޭނާގެ ކެރިޔަރު ފެށީ 2009 ވަނަ އަހަރު ރެއާލް ސޮސައިޑާޑް އިންނެވެ. އޭނާ އެޓްލެޓިކޯ އަށް ބަދަލުވީ 2014 ވަނަ އަހަރެވެ. އެގޮތުން އޭނާ ވަނީ އެޓްލެޓިކޯގައި މިހާތަނަށް ހޭދަކުރި ފަސް ސީޒަނުގައި އެ ކްލަބަށް ކުޅުނު 248 މެޗުގައި 182 ލަނޑު ކާމިޔާބުކޮށްފައެވެ.

އެޓްލެޓިކޯއާއެކު ޔުއެފާ ޔޫރޮޕާ ލީގު، ޔުއެފާ ސުޕާކަޕް އަދި ސްޕެނިޝް ސުޕާކަޕް ކާމިޔާބުކޮށްފައިވާ ގްރިޒްމަން ވަނީ އެ ކްލަބުގައި އަމިއްލަ ގިނަ ރެކޯޑްތައްވެސް ހަދާފައެވެ.

ލަލީގާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު 2016 ވަނަ އަހަރު ހޯދާފައިވާ ގްރިޒްމަން ވަނީ ހަމަ އެ އަހަރު ބެލޮންޑޯ އެވޯޑުގެ ތިންވަނަ ހޯދާފައެވެ. އަދި އޭނާ ވަނީ މިދިޔަ އަހަރު ބެލޮންޑޯ އެވޯޑުގެ ތިންވަނަވެސް ހޯދާފައެވެ.

ފްރާންސް ގައުމީ ޓީމާއެކު މިދިޔަ އަހަރު ރަޝިއާގައި ބޭއްވި ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ގްރިޒްމަން ވަނީ 2010 ވަނަ އަހަރު ފްރާންސްގެ 19 އަހަރުން ދަށުގެ ޓީމާއެކު ޔޫރޯވެސް ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 67 މެޗުގައި 26 ލަނޑު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް