Advertisement
ކ. މާލެ
|
20 މާރޗް 2019 | ބުދަ 03:54
ފަޔާޒް ރާއްޖެ ޓީވެގެ ފަލަސުރުހީ ޕްރޮގްރާމްގައި
ފަޔާޒް ރާއްޖެ ޓީވެގެ ފަލަސުރުހީ ޕްރޮގްރާމްގައި
ރާއްޖެއެމްވީ
ރާއްޖެޓީވީގެ ފަލަ ސުރުހީ
އެޖެންޑާ 19 އަކީ ރައްޔިތުން ބަލައިގަންނަން ޖެހޭ އެޖެންޑާއެއް: އީސީގެ ކުރީގެ ނައިބް ރައީސް
ރައްޔިތުންނަށް ފައިދާތަކެއް ކުރާނެ ސިޔާސަތު އެކުލެވިގެންވާ ކަމަށް ވިދާޅުވި
އިސްކަން ދޭން ޖެހޭނީ ޕާޓީތަކުން ވާދަކުރާ ފަރާތްތަކަށް ކަމަށް ވިދާޅުވީ

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީން ހުށައަޅަން ހަމަޖެހިފައިވާ ''އެޖެންޑާ 19'' އަކީ ރައްޔިތުންނަށް ފައިދާތަކެއް ކުރާނެ ސިޔާސަތު އެކުލެވިގެންވާ އެޖެންޑާ އެއް ކަމަށާއި، އެއީ ރައްޔިތުން ބަލައިގަންނަން ޖެހޭ އެޖެންޑާ އެއް ކަމަށް  އިލެކްޝަން ކޮމިޝަންގެ ކުރީގެ ނައިބް އަހުމަދު ފަޔާޒް ވިދާޅުވެއްޖެއެވެ.

 މަޖިލީހުގެ އިންތިޚާބަށް އެމްޑީޕީއިން ހުށަހަޅާ 19 ގާނޫނީ އޮނިގަނޑު ތަރުތީބުވަނީ މައިގަނޑު ފަސް ސުރުޚީގެ ދަށަށެވެ. އެއީ އިންސާފު، އޯގާތެރި ސަރުކާރު، ފަޚްރުވެރި ޢާއިލާ، ޖަޒީރާ ދިރިއުޅުން އަދި ނޫ އިޤްތިސާދެވެ.

ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ފަޔާޒް ވިދާޅުވީ، އެޖެންޑާ 19ގައި ހުރި ކަންތައް ޖުމްލަ ގޮތެއްގައި ބަލާފައިވާ ކަމަށާއި އޭގައި ރަނގަޅު ކަންތައްތަކެއް ހުރިކަމަށް ފާހަގަވެފައިވާ ކަމަށެވެ.

އަދި ރާއްޖޭގެ ރައްޔިތުންނަށް އެންމެ ބޮޑަށް ދިމާވެފައިވާ ކަންތައްތަކަށް އެޖެންޑާ 19 ގައި އިސްކަންދީފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.  

''މުޅި ރާއްޖޭގައި ވެސް އަޅުގަނޑު ހިތުން އެންމެ ބޮޑަށް ކަންބޮޑުވާ ކަންތައްތަކުގެ ތެރޭގައި ވަކިން ހާއްސަކޮށް މާލޭގައި ރައްޔިތުން އެންމެ ބޮޑު ކަންބޮޑުވުމަކަށް އޮންނާނީ އަޅުގަނޑު ހިތުން ގޯތި ގެދޮރުގެ ކަންތައްތައް. އެހެންވެ މި ހުރިހާ ކަންތައްތައް ދެން، މި ހުރިހާ ކަމަކަށް ރިޔާއަށް ކުރެވިގެން ކަންނޭގެ ގާނޫނުތައް މިހުރީ ހެދިފައި. އެހެންވިއިރު އަޅުގަނޑު ހިތުން އެއީ ރައްޔިތުން ބަލައިގަންނަން ޖެހޭ ފަދަ އެޖެންޑާ އެއްހެން އަޅުގަނޑަށް ހީވަނީ'' ފަޔާޒް ވިދާޅުވިއެވެ. 

 މީގެ އިތުރުން ފަޔާޒް ވިދާޅުވީ، އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށްވުރެ އިސްކަންދޭން ޖެހޭނީ ޕާޓީތަކުން ވާދަކުރާ ފަރާތްތަކަށް ކަމަށެވެ.  އޭގެ ސަބަބަ ބަޔާން ކުރައްވަމުން އޭނާ ވިދާޅުވީ، އަމިއްލަ ކެންޑިޑޭޓުންނަށް މަޖިލީހުގެ ތެރެއިން މަސައްކަތް ކުރަން އުދަގޫތަކާއި ދިމާވުން ކަމަށެވެ. ތައުލީމީ އަދި ސިޔާސީ ގޮތުން ގާބިލް ފަރާތްތަކަށް އެންމެ މުހިއްމު ސިޔާސީ ޕްލެޓްފޯމަކީ ސިޔާސީ ޕާޓީގެ ތެރެއިން މަޖިލީހަށް ނިކުތުން ކަމަށް ވިދާޅުވިއެވެ.  

ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި ތިން ކަމެއް ފުރިހަމަވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އީސީގެ ކުރީގެ ނައިބް ރައީސް ވިދާޅުވިއެވެ.  

''އެތަނަށް ( މަޖީލީސް ) އަށް އަންނަ ބައެއް އެބަ ވާންޖެހޭ ވަރަށް އިހްލާސްތެރި ވަރަށް ތެދުވެރި ވަރަށް އަމާނާތްތެރި ، އަދި ވަރަށް ރަނގަޅަށް ރޯފިލާފައި ތިބި ބަޔަކަށް މި މީހުން ވާން އެބަޖެހޭ. އެމީހުން ރޯފިލާފައި ތިބި ބަޔަކަށް ނުވާ ކަމަށް ވަންޏާ އެމީހުންނަކީ އެއްވެސް ކަހަލަ އުސޫލަކަށް ތަބާނުވާ ބަޔަކަށް ވެއްޖެއްޔާ ދެން ހަމަ އޮންނާނީ ފަސާދާ'' އޭނާ ވިދާޅުވިއެވެ.

 މަޖިލީހަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ މާލި ބާޔާން ހުށައެޅުމާއި ބެހޭ ގޮތުން ފަޔާޒް ވިދާޅުވީ، މަޖިލީހަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ފަތުފުށް ރައްޔިތުންނަށް ވަރަށް ރަނގަޅަށް އެގެން ޖެހޭ ކަމަށާއި އޭގައި ހުރިހާ މައުލޫމާތެއް ހުންނަން ޖެހޭ ކަމަށެވެ.

 އެއް ޕާޓީއަކަށް އެންމެ ގިނަ ކެންޑިޑޭޓުންގެ މާލީ ބަޔާން ހާމަ ކޮށްފައިވަނީ އެމްޑީޕިންނެވެ. އެޕާޓީގެ ޓިކެޓްގައި ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުންގެ މާލީ ބަޔާން ވަނީ ހާމަކޮށްފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް
20 މާރޗް 2019 | ބުދަ 04:09
މުރާސިލު
ވަރަށް ސަޅި ހާދަ ޙަޤީޤި ވާހަކަކޮޅެއް