Advertisement
ކ. މާލެ
|
20 މާރޗް 2019 | ބުދަ 07:48
އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހަސަން (ބިގޭ)
އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހަސަން (ބިގޭ)
އެމްޑީޕީ
ރ. އަތޮޅު
މެޖޯރިޓީ ހޯދުމަށް ކުރާ މަސައްކަތުގައި ރ. އަތޮޅުން ނަމޫނާ ދައްކުވައި ދިނުމަށް ބިގޭ ގޮވާލައްވައިފި
އަތޮޅުގެ ފަސް ގޮނޑިވެސް ނަގާނަން: ވައްޑެ

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ހޯދުމަށް ކުރާ މަސައްކަތުގައި ރ. އަތޮޅުން ނަމޫނާ ދައްކައި ދިނުމަށް އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހަސަން (ބިގޭ) ގޮވާލައްވައިފިއެވެ.

ރ. އަތޮޅުގެ ފަސް ދާއިރާއަށް ކުރިމަތިލައްވާފައިވާ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއިދު ހޯއްދެވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ރ. ދުވާފަރުގައި އަންގާރަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ބިގޭ ވިދާޅުވީ އެމްޑީޕީން ކާމިޔާބީއާ ހިސާބަށް ވާސިލުވެވުނީ ވޭތުވެދިޔަ 13 އަހަރު ކުރި ބުރަ މަސައްކަތުން ކަމަށާއި ރ. އަތޮޅުގައި އެ މަސައްކަތް ފެށީ އޭނާ ކަމަށެވެ.

ބިގޭ ވިދާޅުވީ ވޭތުވެދިޔަ މުއްދަތުގައި ދަތި އުނދަގޫ ދުވަސްތަކެއް އެމްޑީޕީން ކަޑައްތުކޮށްފައިވާ ކަމަށާއި ސަރުކަރާ އެކު މަސައްކަތް ކުރަން ލިބުނު ދަނޑިވަޅުގައި އެމްޑީޕީއަށް މެޖޯރިޓީ ހޯދައިދިނުމަށް އެ އަތޮޅުގެ ފަސް ދާއިރާއަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުން އިންތިހާބު ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

 

ދުވާފަރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، އުނގޫފާރު ދާއިރާއަށް ވާދަ ކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ ވޭތުވެދިޔަ އިންތިހާބުތަކުގައި އެމްޑީޕީން އެ އަތޮޅުގައި ކުރިއެރުން ހޯދާދައިވާ ކަމަށާއި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެ އަތޮޅުގެ ފަސް ގޮނޑި ވެސް އެމްޑީޕީން ކާމިޔާބު ކުރާނެ ކަމަށެވެ.

ރ. އަތޮޅުގައި ހިމެނޭ އިދާރީ ފަސް ދާއިރާއަކީ އަލިފުށި ދާއިރާ އާއި އުނގޫފާރު ދާއިރާ އާއި ދުވާފަރު ދާއިރާ އާއި އިނގުރައިދޫ ދާއިރާގެ އިތުރުން މަޑުއްވަރީ ދާއިރާއެވެ. ރ. އަތޮޅުގެ އާބާދީއަކީ 23،393 މީހުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް