Advertisement
ކ. މާލެ
|
19 މާރޗް 2019 | އަންގާރަ 16:50
ކުންފުނީގެ މާލީ ހާލަތު ރަނގަޅު ކުރަން ގިނަ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައިވޭ
ކުންފުނީގެ މާލީ ހާލަތު ރަނގަޅު ކުރަން ގިނަ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައިވޭ
ރާއްޖެ އެމްވީ
ފެނަކަ ކޯޕަރޭޝަން
11 މީހުން ވަޒީފާއިން ވަކިކޮށްފައިވަނީ ކުންފުނީގެ މުދަލަށާއި ފައިސާއަށް ހިޔާނާތްތެރިވެގެން: ފެނަކަ
14 ރީޖަނަލް އޮފީސް ބަންދުކުރަން ފެނަކައިން ވަނީ ނިންމާފައި
53 މީހަކު ވަނީ ފެނަަކައިގެ ވަޒީފާއިން ވަކިކޮށްފައި

ފެނަކަ  ކޯޕަރޭޝަނުން ވަޒީފާއިން ވަކިކޮށްފައިވާ 11 މީހުން ވަޒީފާއިން ވަކިކޮށްފައިވަނީ ކުންފުނީގެ މުދަލަށާއި ފައިސާއަށް ހިޔާނާތްތެރިވެގެން ކަމަށް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދުސައީދު މުހައްމަދު ވިދާޅުވެއްޖެއެވެ.

ފެނަކައިގެ ގިނަ މުވައްޒިފުންތަކެއް ވަޒީފާއިން ވަކިކުރަމުންދާ ކަމަށް ބުނެ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ވައިކަރަދޫ ދާއިރާގެ މެމްބަރު އަލީ އާރިފް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ހުށަހެޅި މައްސަލައަކާއި ގުޅިގެން ފެނަކައިގެ އިސްވެރިން ކޮމިޓީއަށް  ހާޒިރުކޮށް މެމްބަރުން  ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ސައީދު ވިދާޅުވީ ކުންފުނިން މިހާތަނަށް ޖުމްލަ 53 މީހުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ.

ސައީދު ވިދާޅުވީ ވަޒީފާއިން ވަކިކޮށްފައިވާ 53 މީހުންގެ ތެރެއިން 11 މީހުންނަކީ ކުންފުނީގެ މުދަލާއި ފައިސާއަށް ހިޔާނާތްތެރިވެގެން ވަޒީފާއިން ވަކިކޮށްފައިވާ މީހުން ކަމަށެވެ.  ބާކީ 39 މީހުންނަކީ އިންޒާރުދީ އިސްލާހީ ފިޔަވަޅު އަޅައި، އިސްލާހު ނުވެގެން ވަޒީފާއިން ވަކިކޮށްފައިވާ  މީހުން ކަމަށް ސައީދު ވިދާޅުވިއެވެ.

" ފިޔަވަޅު އެޅި ހުރިހާ މީހުންގެ ރިކޯރޑް އެބަހުރި. ހުރިހާ މައުލޫމާތެއް އެބަހުރި. އެއްވެސް ކަމެއް ސިއްރުކޮށްފައެއް ނޯންނާނެ" ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ އާ ސަރުކާރުން ފެނަކައާއި ހަވާލުވިއިރު ކުންފުނީގެ މާލީ ހާލަތު ވަރަށް ނާޒުކު ކަމަށެވެ. އެހެންކަމުން ކުންފުނީގެ މާލީ ހާލަތު ރަނގަޅުކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާ ކަމަށް ސައީދު ވިދާޅުވިއެވެ.  އެގޮތުން 14 ރީޖަނަލް އޮފީސް ހުއްޓާލަން ނިންމާފައިވާ ކަމަށް ސައީދު ވިދާޅުވިއެެވެ. ރީޖަނަލް އޮފީސްތަކުގައި މަސައްކަތް ކުރި 84 މުވައްޒިފުންގެ ތެރެއިން 14 މުވައްޒިފަކު ވަޒީފާއިން ވަކިކޮށްފައިވާ އޭނާ ވިދާޅުވިއެވެ. މުވައްޒިފުން ވަޒީފާއިން ވަކިކޮށްފައިވަނީ ދޭންޖެހޭ އިނާޔަތްތައް ދިނުމަށްފަހުގައިކަން ސައީދު ފާހަގަކުރެއްވިއެވެ. ރީޖަނަލް އޮފީސް ބަންދުކުރުމުން 14 މިލިޔަން ރުފިޔާ ސަލާމަތްވާ ކަމަށް ސައީދު ވިދާޅުވިއެވެ. ސައީދު ވިދާޅުވީ ރީޖަނަލް އޮފީސްތައް ބަންދުކުރުމަކީ ހަމައެކަނި މި ސަރުކާރުގެ އެކަނި ވިސްނުމެއް ނޫން ކަމަށާއި،  ކުންފުނީގެ މާލީ ހާލަތު އޮތް ގޮތުން ކުރީ ސަރުކާރުންވެސް އެކަން ކުރަން މަސައްކަތް ކުރެއްވި ކަމަށެވެ.

" ރީޖަނަލް އޮފީސް ހިންގުން ކުރީ ސަރުކާރުންވެސް ބޮޑު ބުރަޔަކަށްވެފައި އޮތީ. ނިމިދިޔަ ސަރުކާރުންވެސް އެ އުވާލަން ބޯޑުގައި މަޝްވަރާ ކޮށްފައިވޭ. ނަމަވެސް ރިޔާސީ އިންތިޚާބު އޮތުމުން އެކަން ކުރުން މަޑުޖައްސާލާފައި އޮތީ" ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ އޭނާ ކުންފުންޏާއި ހަވާލުވެވަޑައިގެންނެވި ފަހުން ކުންފުނީގެ މާލީ ހާލަތަށް ގެނެވުނު ބަދަލުގެ ސަބަބުން ފަސް މިލިޔަންގެ ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ. ސައީދު ވިދާޅުވީ އޭނާ ފެނަކަ އާއި ހަވާލުވެވަޑައިގެންނެވިއިރު، އަމިއްލަ ގިނަ ފަރާތްތަކަށާއި ،އެފްއެސްއެމްއަށް ގިނަ ފައިސާތައް ދައްކަން އޮތް ކަމަށެވެ.

 "އެފްއެސްއެމް ފިޔަވާ އެހެން ކުންފުނިތަކައް  ދައްކަން ވެސް 40 މިލިޔަން ރުފިޔާ އޮތް. އޭގެއިން 60 ޕަސެންޓް ވަނީ ދައްކާފައި. 190 މިލިޔަން އެފްއެސްއެމްއަށް ދެއްކިފައިވަނީ. އެފްއެސްއަށް ދައްކަން ހުރި ފައިސާ ފިޔަވައި ފަސް މިލިޔަންގެ ކުރިއެރުމެއް ވަނީ ލިބިފައި" ސައީދު ވިދާޅުވިއެވެ.

 ސައީދު ވިދާޅުވީ އޭނާ ފެނަކަ އާއި ހަވާލުވެވަޑައިގެންނެވި ފަހުން ސަރުކާރުން ދޭ ސަބްސިޑީ ފިޔަވައި ފިނޭންސް މިނިސްޓްރީން އެއްވެސް ފައިސާއެއް ކުންފުނި ހިންގަން ނަގާފައިނުވާނެ ކަމަށެވެ. ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުން ސަބްސިޑީގެ ފައިސާގެ އިތުރުން ވެސް، ކުންފުނި ހިންގަން ފިނޭންސްއިން ފައިސާ ނަގާފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް