Advertisement
ކ. މާލެ
|
18 މާރޗް 2019 | ހޯމަ 14:24
އެސްއެމްއީ ފައިނޭންސް ކޯޕަރޭޝަންގެ އެމްޑީ އަހްމަދު ޒީނާދު ވާހަކަ ދައްކަވަނީ
އެސްއެމްއީ ފައިނޭންސް ކޯޕަރޭޝަންގެ އެމްޑީ އަހްމަދު ޒީނާދު ވާހަކަ ދައްކަވަނީ
ރައީސް އޮފީސް
އެސްއެމްއީ ބޭންކް
އެސްއެމްއީ ބޭންކް ވެގެން ދާނީ ތަރައްގީގެ ބައިވެރިއަކަށް: އެމްޑީ
މިއީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަ ކުރެވިގެން ރާއްޖޭގައި އުފެއްދު ފުރަތަމަ މާލީ އިދާރާ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިފްތިތާހު ކޮށްދެއްވި އެސްއެެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ވެގެން ދާނީ ތަރައްގީ ހޯދައިދޭނެ ބައިވެރިއަކަށް ކަމަށް އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު އަހްމަދު ޒީނާދު ވިދާޅުވެއްޖެއެވެ.

އެސްޑީއެފްސީ އިފްތިތާހު ކުރުމަށް ފަހު ހޯމަ ދުވަހު އާޓް ގެލަރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޒީނާދު ވިދާޅުވީ ވޭތުވެ ދިޔަ އަހަރުތަކުގައި ވެސް ސަރުކާރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީވެ ދިނުމުގެ ނަމުގައި މިނިސްޓްރީތަކުން ލޯނު ޕްރޮގްރާމްތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް ދެމެހެއްޓެނިވި ގޮތަކަށް މިކަން ކުރެވިފައި ނުވާ ކަމަށާއި ވިޔަފާރި ކުރިއަރުވަން ފަންނީ އެހީ ވެސް ފޯރުކޮށްދެވިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މީގެ ކުރިން ވިޔަފާރިތަކަށް އަމާޒުކޮށްގެން މިނިސްޓްރީތަކުުން ތަފާތު ނަން ނަމުގައި ލޯނު ޕްރޮގްރާމްތައް ކުރިޔަށް ގެންގޮސްފައިވީ ނަމަވެސް ދެމެހެއްޓެނިވި ގޮތެއްގައި މިކަން ކުރެވިފައެއް ނުވޭ. އަދި އެފަދަ ވިޔަފާރިތަކަށް ބޭނުންވާ ފަންނީ އެހީ އެކަށީގެންވާ ގޮތެއްގައި ލިބިފައެއް ނުވޭ," ޒީނާދު ވިދާޅުވިއެވެ. 

ޒީނާދު ވިދާޅުވީ މި ކޯޕަރޭޝަން ތަފާތުވާ ސަބަބަކީ މާލީ އެހީގެ އިތުރުން ވިޔަފާރިތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ވެސް އެސްޑީއެފްސީން ފޯރުކޮށްދޭނެތީ ކަމަށެވެ. އަދި މި ކޯޕަރޭޝަންގެ މަގްސަދަކީ ވީހާ ވެސް ދެމެހެއްޓެނިވި ގޮތަކަށް ވިޔަފާރިތަކަށް ބޭނުންވާ އެހީ ފޯރުކޮށްދިނުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މިއީ ރާއްޖޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަ ކުރެވިގެން މާލީ އިދާރާއެއް ހުޅުވިގެން ދިޔަ ފުރަތަމަ ފަހަރެވެ. 

މީގެ އިތުރުން ޒީނާދު ވިދާޅުވީ މި ކޯޕަރޭޝަން ވެގެން ދާނީ ދަނޑުވެރިންނަށް ހާއްސަ ކުރެވިގެން ލޯނު އެހީ ފޯރުކޮށްދޭނެ ދިވެހި ފުރަތަމަ މާލީ އިދާރާއަށް ކަމަށެވެ. މި ލޯނުގެ ޒަރިއްޔާ އިން ދަނޑުވެރިންނަށް އިގްތިސާދީ ކުރިއެރުން ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ދަނޑުވެރިންނަށް ބޭނުންވާ މާލީ އެހީ ފޯރުކޮށްދޭނެ މަގު ފަހި ކޮށްދިނުމަކީ ރައީސް ސޯލިހުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އެސްޑީއެފްސީ އިން ފުރަތަމަ އިސްކާން ދޭން ނިންމާފައިވަނީ ދަނޑުވެރިކަމާއި މަސްވެރިކަމާއި ރަށު ފަތުރުވެރިކަމާއި އައިސީޓީގެ ދާއިރާއިން ހުށައަޅާ ލޯނުތަކަށެވެ. އެ އިދާރާއިން ވަނީ މި ދާއިރާތަކަށް ހާއްސަކޮށްގެން ރަށު ފަތުރުގެ ލޯނާއި, ދަނޑުވެރި ނަފާ ކަމުގެ ލޯނާއި, ހަރުމުދާ ލޯނާއި, ވިޔަފާރީގެ ލޯނު ތައާރަފްކޮށްފައެވެ. ކުރިޔަށް އޮތް ތަނުގައި އެހެން ދާއިރާތަކުން ވެސް ލޯނު ތައާރަފް ކުރެވޭނެ ކަމަށް އެސްޑީއެފްސީން ވަނީ މައުލޫމާތު ދީފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް