Advertisement
ކ. މާލެ
|
18 މާރޗް 2019 | ހޯމަ 16:42
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ޕީޕަލް މެގަޒިން
ރައްޔިތުންގެ މަޖިލިސް 2019
އިތުބާރުނެތް ކަމަށް ފާސްވުމުން މަޤާމު ގެއްލޭގޮތަށް ކޮމިޓީން ފާސްކުރި ގަވައިދަށް ވޯޓަށް ނާހައި، އިސްތިޝާރީ ލަފައަކަށް އެދެނީ
ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީގެ އިތުބާރުނެތް ކަމުގެ މައްސަލައެއް ވަނީ ހުށަހަޅާފައި
މި ގޮތަށް ނިންމީ ޕާލަމެންޓްރީ ގްރޫޕްތަކުގެ ލީޑަރުންނާއި މަޝްވަރާކުރުމަށްފަހުގައި ކަމަށް މަޖިލީހުގެ ރިޔާސަތުންވަނީ ބުނެފައި

ވަޒީރުންނާއި ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ މެމްބަރުންގެ މައްޗަށް ހުށަހަޅާ އިތުބާރު ނެތް ކަމުގެ މައްސަލަތަކުގައި ސުޕްރީމް ކޯޓަށް ފަހު ނިންމުން ކަނޑަނޭޅޭ ގޮތަށް މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހަށް، ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައަކަށް އެދުމަށް މަޖިލީހުން ނިންމައިފިއެވެ.

މި ގޮތަށް ނިންމާފައިވަނީ  ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުންނާއި މަޝްވަރާ ކުރެއްވުމަށް ފަހުގައި ކަމަށް ހޯމަދުވަހުގެ ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރިޔާސަތުން ވަނީ ބުނެފައެވެ.

ހޯމަ ދުވަހުގެ ޖަލްސާގައި ނިންމި ނިންމުމާއި ގުޅޭ ގޮތުން  މަޖިލިސް އިދާރާ ބޭރުގައި އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕް ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ ޕީޖީ ބައްދަލުވުމުގައި އެމްޑީޕީން ހުށަހެޅީ، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މެދުވެރިކޮށް މި ކަމުގައި ލަފައެއް ހޯދުމަށް ކަމަށެވެ. އަސްލަމް ވިދާޅުވީ ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމުގައި އެމްޑީޕީ އާއި ޖޭޕީގެ ޚިޔާލު ތަފާތުވެގެން ދިޔަ ކަމަށެވެ. އެގޮތުން  ޖޭޕީ އިން ނިންމީ، މި ކަމުގައި ސީދާ މަޖިލީހުން ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައަކަށް އެދުމަށް ކަމަށެވެ.

އިތުބާރުނެތް ކަމުގެ މައްސަލަތަކުގައި މަޖިލީހުން އަމަލުކުރަންޖެހޭ ގޮތަށް މަޖިލީހުގެ ގަވާއިދަށް ގެނައި  އިސްލާހު ފާސްކުރީ 13 މާރޗްގައި އޮތް އާންުމުކޮމިޓީގެ ބައްދަލުވުމުގައެވެ. މި މައްސަލަ އާންމުކޮމިޓީއަށް ފޮނުވީ މަޖިލިސްގެ ރައީސް ގާސިމް އިބްރާހިމްއެވެ. ކޮމެޓީން 13 މާރޗްގައި ފާސްކުރި އިސްލާހުގައި ބުނެފައި ވަނީ ވަޒީރުންނާއި ފަނޑިޔާރުންނާއި މިނިވަން މުސްތަގިއްލު މުއައްސަސާތަކުގެ މެމްބަރުންގެ މައްޗަށް އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްކުރުމުން، އޭނާގެ މަގާމު އެ ހިނދުން ފެށިގެން ވަކިވީ ކަމަށެވެ.

މަޖިލީހުގެ ގަވާއިދަށް އިތުރު ކުރުމަށް ހުށަހަޅާފައިވާ އިސްލާހު ފާސްކުރީ ޕީޕީއެމާއި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ހަ މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. އެ އިސްލާހު ފާސްކުރުމާ ދެކޮޅު ހެއްދެވީ އެމްޑީޕީގެ ތިން މެމްބަރުންނެވެ.

އިތުބާރު ނެތް ކަމުގެ މައްސަލަތަކުގައި އަމަލު ކުރާނެ ގޮތް، މަޖިލީހުގެ ގަވާއިދުގައި ކަނޑައެޅުމަށް ކޮމެޓީން ފާސްކޮށްފައި ވަނީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައި ވަނިކޮށެވެ. މާރިޔާގެ އިތުބާރު ނެތް ކަމަށް ހުށަހެޅީ ޕީޕީއެމްގެ 14 މެމްބަރަކު ސޮއިކޮށް، މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ

އެ އިސްލާހުގައި ބުނެފައިވާ ގޮތުން، ވަޒީރުންގެ މަޖިލީހުގެ މެމްބަރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅުމުން މަޖިލީހުގެ ތަޅުމަށް އެ މައްސަލައެއް އިއްވުމަށް ފަހު، ހަތް މެމްބަރުންގެ ވަގުތީ ކޮމެޓީއަކަށް އެ މައްސަލަ ފޮނުވަންވާނެ ކަމަށެވެ. އެ ކޮމެޓީ އެކުލަވާލަންޖެހޭނީ ކޮންމެ ސިޔާސީ ޕާޓީއަކުން މަދުވެގެން އެއް މެމްބަރަކާއި އަމިއްލަ އެއް މެމްބަރެއްގެ މައްޗަށް ކަމަށެވެ. ކޮމެޓީއަށް އެ މައްސަލައެއް ފޮނުވަންވާނީ ބަހުސް ކުރުމާ ނުލައި ކަމަށް އިސްލާހުގައިވެއެވެ.

އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް އިއްވުމަށް ފަހު، ހަމަ އެ ދުވަހު އެ މައްސަލައިގެ ނޯޓިސް ވަޒީރަށް ފޮނުވަންޖެހޭނެ ކަމަށް ގަވާއިދުގައިވެއެވެ. އަދި އެ މައްސަލައިގެ ބަހުސް މަޖިލީހުގެ ތަޅުމުގައި ފަށަން ވަނީ 14 ދުވަހުގެ މުއްދަތެއް ގުނުމަށްފަހުގައި ކަމަށް އިސްލާހުގައިވެއެވެ.

އެ އިސްލާހުގައި ބުނެފައި ވަނީ އިތުބާރު ނެތް ކަމުގެ މައްސަލަ ކޮމެޓީން ތަހުގީގު ކުރާއިރު، ކޮމެޓީއަށް ހާޒިރުވެ ދިފާއުގައި ވާހަކަ ދެއްކުމުގެ ފުރުސަތު ވަޒީރަށް ދޭންޖެހޭނެ ކަމަށާއި އޭނާއާ އެކު ދިފާއުގައި ވާހަކަ ދެއްކުމަށް ގިނަވެގެން ދެ ވަކީލުން ބޭނުންކުރެވިދާނެ ކަމަށެވެ. އަދި ކޮމެޓީއަށް އެ މައްސަލައެއް ލިބޭތާ ގިނަވެގެން ނުވަ ދުވަހުގެ ތެރޭގައި އެ މައްސަލަ ތަހުގީގުކޮށް ނިންމަންވާނެ ކަމަށް ވެސް އިސްލާހުގައިވެއެވެ.

ވަޒީރުންގެ އިތުބާރު ނެތް ކަމުގެ މައްސަލަތައް ބެލުމަށް ވަގުތީ ކޮމެޓީއެއް ނެގުމަށް އެ އިސްލާހުގައި ބާރު އަޅާފައި ވިޔަސް، ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ މެމްބަރުންގެ މައްޗަށް ހުށަހަޅާ އިތުބާރު ނެތް ކަމުގެ މައްސަލަތައް ދިރާސާ ކުރާނީ މަޖިލީހުގެ ދާއިމީ ކޮމެޓީތަކުން ކަމަށް އިސްލާހުގައިވެއެވެ. އަދި އެ ކޮމެޓީތަކުން އެ މައްސަލައެއް 10 ދުވަހުގެ ތެރޭގައި ބަލައި ނިންމަންވާނެ ކަމަށް ވެސް އެ އިސްލާހުގައި ބުނެފައިވެއެވެ. އެ އިސްލާހުގައި އިތުރަށް ބުނެފައި ވަނީ ދިފާއުގައި ވާހަކަ ދެއްކުމަށް އެ ބޭފުޅަކު ހާޒިރުވެ، ދެ ވަކީލަކު ވެސް ބޭނުން ކުރެވިދާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް