ކ. މާލެ
|
18 މާރޗް 2019 | ހޯމަ 13:37
ރާއްޖޭގެ ކްރިކެޓް ޓީމު
ރާއްޖޭގެ ކްރިކެޓް ޓީމު
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
ކްރިކެޓް ސްޓޭޑިއަމް
ރާއްޖޭގައި ކްރިކެޓް ސްޓޭޑިއަމެއް އަޅަން އިންޑިއާގެ އެހީއަށް އެދިއްޖެ
ކްރިކެޓް ސްޓޭޑިއަމް އެޅުމަށް ހަމަޖެހިފައި ވަނީ ހުޅުމާލޭ ފޭސް 2 ގައި

ކްރިކެޓް ސްޓޭޑިއަމެއް ރާއްޖޭގައި އަޅަން އިންޑިއާގެ އެހީއަށް އެދިއްޖެއެވެ.

ކްރިކެޓް ސްޓޭޑިއަމެއް ރާއްޖޭގައި އަޅަން އިންޑިއާގެ އެހީއަށް އެދުނީ އިންޑިއާގެ އެކްސްޓާނަލް އެފެއަރޒް މިނިސްޓަރ ސުޝްމާ ސުވަރާޖު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ސަރުކާރުގެ ފަރާތުންނެވެ.

އެގޮތުން ސަރުކާރުގެ ފަރާތުން އެދުނު ކްރިކެޓް ސްޓޭޑިއަމް އެޅުމުގެ ކަންތައް ހާއްސަ ގޮތެއްގައި ބައްލަވާނެ ކަމަށް ސުޝްމާ ސުވަރާޖު ވިދާޅުވި ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިންޑިއާގެ އެހީއަށް އެދިފައިވާ ކްރިކެޓް ސްޓޭޑިއަމެއް އަޅަން ހަމަޖެހިފައި ވަނީ ހުޅުމާލޭ ފޭސް 2 ގައެވެ. އަދި މި ކަމަށް ބޭނުންވާ ބިން މިހާރު ވަނީ ބަލާ، ހަމަޖެހިފައެވެ.

ސްރީލަންކާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މޭޖަރ ޖެނެރަލް ރިޓަޔަޑް ބީ.އާރ.ޑަބްލިޔު.އާރ.އޭ.ބީ. ތޮރަޑެނިޔައާ އެކު ދާދި ފަހުން ކުރެއްވި ބައްދަލުވުމެއްގައި ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވަނީ ރާއްޖޭގައި ކްރިކެޓް ކުރިއެރުވުމަށް ސްރީލަންކާގެ އެހީތެރިކަމަށް އެދިވަޑައިގެންފައެވެ.

ޔޫތު މިނިސްޓްރީން ވަނީ ދާދި ފަހުން ކްރިކެޓް ކުރިއެރުވުމުގެ ގޮތުން އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިން ހިމެނޭ އެއާ އިންޑިއާ ޓީމު ރާއްޖެ ގެނެސްފައެވެ. އެއާ އިންޑިއާ ޓީމު ވަނީ ރާއްޖޭގެ ގައުމީ ޓީމުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކެޕްޓަންކަން ކުރެއްވި ޓީމަކާ ދެކޮޅަށް މެޗެއް ވެސް ކުޅެފައެވެ.

މިހާރުގެ ސަރުކާރުން އަންނަނީ ކުޅިވަރަށް ހާއްސަ ސަމާލުމެއްދީ، ކުޅިވަރު ކުރިއެރުވުމަށް ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުޅިވަރު ކުރިއެރުވުމުގެ މުހިންމު ކަންކަން ހިމަނާ އެކަންކަން ވަނީ ފުރިހަމަކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް